Roadha Mihaaru
ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި

ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި

15 އޯގަސްޓް 2018

ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު އިތުރުކޮށް، އެ އަވަށް ބެލެހެއްޓުން ވަރުގަދަކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު އިތުރުކޮށް، އެ އަވަށް ބެލެހެއްޓުން ވަރުގަދަކޮށްފި އެވެ.

އާބާދީގައި ގާތްގަނޑަކަށް 70،000 މީހުން ހިމެނޭ ހުޅުމާލޭގައި ފަހަކަށް އައިސް އެކްސިޑެންޓުތަކާއި މާރާމާރީތަކާއި ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ކުރިން، ހުޅުމާލެ ބެލެހެއްޓުމުގައި މަސައްކަތް ކުރީ ގާތްގަނޑަކަށް 80 އެއްހާ ފުލުހުންނެވެ. އެކަމަކު، އެ އަދަދު މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އެކަމަކު، ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކުރުމާ ގުޅޭ ގޮތުން ފުލުހުންނާއި، ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ އެޗްޑީސީން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށާއި ވަސީލަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި 100 އާ ގާތްކުރާ އަދަދަކަށް ފުލުހުން މިހާރު އެބަތިއްބެވެ.

ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރު މި ކުރީ، ރާއްޖޭގައި އެންމެ ހަލުއިކޮށް ތަރައްގީ ވަމުން އަންނަ ރަށުގެ އަމަން ބެލެހެއްޓުމަށް ގިނަ ފުލުހުން ނުތިބޭތީ އާންމުންގެ ޝަކުވާތައް އިތުރުވެފައިވަނިކޮށެވެ.

ފުލުހުންގެ ހިދުމަތް ހުޅުމާލޭގައި ފުޅާ ކުރުމުގެ ގޮތުން، ފުލުހުންގެ އާ އިމާރާތެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެޗްޑީސީން ބުނި ގޮތުގައި، އެ އިމާރާތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. އޭރުން، ފުލުހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ފުލުހުން މިހާރު މަސައްކަތް ކުރަނީ، އެޗްޑީސީގެ އިމާރާތުގެ ބައެއްގަ އެވެ. އެތަނުގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ބައިތިއްބަން ޖަލެއް ވެސް ހުރެ އެވެ.

މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުތަކުގައި ތިން މީހަކު މަރުވެފައިވެ އެވެ. އަދި މާރާމާރީތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނަށް އަނިޔާ ލިބިފައިވެ އެވެ.