Roadha Mihaaru
އިލެކްޝަންސް ކޮމިޝަނަށް ނަޝާތު އައްޔަންކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ނަޝާތު އައްޔަން ކުރަން ފާސްކޮށްފި

24 ޖުލައި 2018

އިލެކްޝަންސް ކޮމިޝަން (އީސީ) ން ހުސްވެފައިވާ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އަލީ ނަޝާތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) ން ހުސްވެފައިވާ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އަލީ ނަޝާތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި، އީސީގެ މެމްބަރު ކަމަށް ނަޝާތު އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ. އީސީގެ މެމްބަރު ކަމަށް ނަޝާތު އައްޔަންކޮށް ދިނުމަށް އެދިވަޑައިގެން، މަޖިލީހަށް ސިޓީފުޅު ފޮނުއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ނަޝާތުގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާއާ އިންޓަވިއުކޮށް، ހުށަހެޅި ލިޔުންތައް ދިރާސާ ކުރުމަށް ފަހު، 89.63 ޕަސަންޓު މާކްސް ލިބިވަޑައިގެންނެވި އެވެ. ނަޝާތަށް އެ ވަރަށް މާކްސް ލިބިވަޑައިގަތީ އޭނާގެ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލުކަމާއި ހުނަރަށް ބެލުމަށް ފަހު ކަމަށް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މީހުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުމުންނެވެ.

އީސީ އަށް އާ މެމްބަރަކު އައްޔަން ކުރަން ނިންމީ، އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ޝަކީލް މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ އެކު ޝަކީލް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވައިފަ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް، އީސީ އަށް ބަދަލުތަކެއް މި ގެންނަނީ އެ ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އީސީ ހިންގަމުން ދަނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހެއްގެ ގޮތުގަ އެވެ. އެ ހާލަތުގައި މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިޚާބު ނުބޭއްވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް އީސީން ބުނެފައި ވަނީ މި އަހަރު ބާއްވާނީ އެންމެ އިންސާފުވެރި އިންތިޚާބު ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުން ދަނީ، އެ ކޮމިޝަންގައި މިހާރު ތިއްބެވި ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައި، މިނިވަންކަމާ އެކު މަސައްކަތް ކުރެއްވޭނެ ބޭފުޅުން އައްޔަން ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ނަޝާތު އައްޔަން ކުރަން މަޖިލީހުގެ ރުހުން ލިބުނު އިރު، ރައްޔިތުންގެ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމަށް ވޯޓަށް އަހަން ބެލިއިރު، އެކަށީގެންވާ އަދަދަކަށް މެމްބަރުން ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ ދެ ބިލަށް މިއަދު ވެސް ވޯޓަށް އައްސަވާފައެއް ނުވެ އެވެ. އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް އެ ދެ ބިލަށް ވޯޓަށް އަހަން މަސީހް ދެކޮޅު ހެއްދެވި އެވެ.