Roadha Mihaaru
މައުމޫންގެ އިސްލާހީ ހަރަކާތުގެ ނަމަކަށް އެމްއާރުއެމް

މައުމޫންގެ އިސްލާހީ ހަރަކާތުގެ ނަމަކަށް އެމްއާރުއެމް

26 ޖުލައި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ނަމުގައި ހަރަކާތްތެރިވާން ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ނަމުގައި ހަރަކާތްތެރިވާން ނިންމައިފި އެވެ.

އިސްލާހީ މަސައްކަތްޕުޅު މައުމޫން، ފެއްޓެވީ، ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނަވައިގެންނެވެ. ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންނާއި ގައުމަށް ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެ، ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު ޕާޓީ ތެރެއިން ކާމިޔާބު ނުވުމުން، އިދިކޮޅު ފަރާތްތަކާ އެމަނިކުފާނު ވަނީ ގުޅިވަޑައިގެންފަ އެވެ.

މައުމޫނަށް ތާއީދުކުރައްވާ އާމިނަތު ނާދިރާ މިއަދު ވިދާޅުވީ އިސްލާހީ މަސައްކަތުގައި މައުމޫނާ އެކު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ތިބި ނަމަވެސް ޕާޓީ ހައިޖެކްކޮށް، ޕާޓީ ތަމްސީލްކުރުން ވެސް އެމަނިކުފާނަށް މަނާކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މައުމޫނާ އެކު ތިއްބެވި ސަޕޯޓަރުން، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ތަމްސީލްކުރާ ޕްލެޓްފޯމަށް ނަމެއް ބޭނުންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ބަޔަކު ރިކުއެސްޓްކޮށްފައި ވަނީ ނަމެއް އުފައްދަން. އެހެންވެ، ރައީސް މައުމޫން ބޭނުންފުޅުވީ އެމަނިކުފާނު ފެއްޓެވި އިސްލާހީ ހަރަކާތަށް ނިސްބަތްކޮށް ނަމެއް ކިޔަން،" ނާދިރާ ވިދާޅުވި އެވެ

ރައީސް މައުމޫނާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އަދި މިހާރުު ރައީސް އަބްދުﷲ ޔާމީނާ ދެމެދު ހިޔާލުތަފާތުވުން އުފެދި މައުމޫން ޕާޓީން ވަކި ކުރައްވައިފައި ވަނީ 2016 ގަ އެވެ.

ކުރީގެ ރައީސް މައުމޫން ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ. -- މިހާރު ފައިލް ފޮޓޯ

ކުރީގެ ރައީސް މައުމޫން ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ. -- މިހާރު ފައިލް ފޮޓޯ

އިސްލާހުގެ ނަމުގައި، އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރައްވަމުން ގެންދެވި މައުމޫން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. ބަންދުގައި ތިބި އިދިކޮޅު ލީޑަރުންތަކެއް މިނިވަންކުރަން ނެރުނު އެ އަމުރަކީ، މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ވެރިކަން ވައްޓާލަން ނެރުނު އަމުރެއް ކަމަށް ސަރުކާރުން ދެކެ އެވެ.

މައުމޫނަށް ދައުލަތުން ކުރަނީ ވެސް ގާނޫނާ ހިލާފަށް ވެރިކަން ވައްޓަން އުޅުއްވި ކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރުފުޅުން 80 އަހަރުގެ މައުމޫނަށް 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމް މައުމޫނުގެ މައްޗަށް ކޮށްފައި ވަނީ ތަހުގީގު މަރުހަލާގައި އެމަނިކުފާނުގެ މޯބައިލް ފޯނު ދެއްވަން އިންކާރު ކުރެއްވުމުންނެވެ.