Roadha Mihaaru
ރިފޯމް އުފެއްދިޔަސް ޕީޕީއެމެއް ނުލިބޭނެ: އަބްދުއްރަހީމް

ރިފޯމް އުފެއްދިޔަސް، ޕީޕީއެމެއް ނުލިބޭނެ: އަބްދުއްރަހީމް

31 ޖުލައި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން "މައުމޫން ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) ގެ ނަމުގައި ހަރަކާތްތެރިވާން ފެށިޔަސް، ޕީޕީއެމް ނުލިބޭނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން "މައުމޫން ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) ގެ ނަމުގައި ހަރަކާތްތެރިވާން ފެށިޔަސް، ޕީޕީއެމް ނުލިބޭނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ "ނަޔާ ޖަގަހަ 2" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އެމްއާރުއެމް އުފައްދައިގެން ޕީޕީއެމް ހޯދަން މަސައްކަތް ކުރިޔަސް، އެ މީހުންގެ އަތަށް ޕީޕީއެމް ނުދާނެ ކަމަށެވެ. ޕީޕީއެމް އޮތީ އެންމެ ހައްގު ބޭފުޅާގެ އަތްޕުޅުގައި ކަމަށާއި އެ ޕާޓީ އޮންނަން މަޖުބޫރީ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްއާ ކުރިމަތިލި އިރު، އެ ޕާޓީގައި 3000 މެމްބަރުން ނުތިބޭނެ އެވެ. ޕީޕީއެމްގައި އެ އަދަދަށް މެމްބަރުން ނެތީމަ، ކޮންގްރެސް ބާއްވަން މައުމޫން ލަދުފުޅު ގަތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން، މަދުވެގެން 10،000 މެމްބަރުން ނެތި ކޮންގްރެސް ބާއްވަން މައުމޫން ދެކޮޅު ހެއްދެވި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންވެ، ޕީޕީއެމް ހަރުދަނާކޮށް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް، މައުމޫން ހަވާލު ކުރެއްވީ ރައީސް ޔާމީނާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު، މެމްބަރުން ޕާޓީ އަށް ވެއްދުމަށް ރައީސް ޔާމީން ރަށްރަށަށް ދަތުރުފުޅު ކުރެއްވި އިރު، މައުމޫން ހުންނެވީ "ފިނި ކޮޓަރިކޮޅުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު، ރައީސް ޔާމީނަށް ވުރެ ހައްގު އެހެން ބޭފުޅެއް ނުހުންނާނެ ކަމަށް އަބްދުއްރަހީމް ރޭ ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް، ޕާޓީއަކަށް ހެދުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވި ވެސް ރައީސް ޔާމީނެވެ. އެކަމަށް އެންމެ ބޮޑަށް ހަރަދު ކުރެއްވި ބޭފުޅަކީ ވެސް ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވެގެން މި ސަބަބުތަކަށްޓަކައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު އަރުވަން އަޅުގަނޑުމެންގެ ކައުންސިލުން އިއްތިފާގުވީ. އެއީ މަޖުބޫރު ކަމެއް. އަޅުގަނޑުމެން ކައުންސިލުން ކުރަން ޖެހޭ ކަމެއް. އެހެންވީމަ އެކަމަށް ފާޑުކިޔާފައި މާ ގިނަ ވާހަކަ ދައްކާކަށް ޖާގައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

2015 ވަނަ އަހަރު ބޭއްވި މިނިވަންދުވަހުގެ ރަސްމީ ހަފުލާއެއްގައި، ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. ވަހީދު (ކ)، މައުމޫނާއެކު (މ) ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

2015 ވަނަ އަހަރު ބޭއްވި މިނިވަންދުވަހުގެ ރަސްމީ ހަފުލާއެއްގައި، ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. ވަހީދު (ކ)، މައުމޫނާއެކު (މ) ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގައި ރިފޯމް ކުރާނެ އެއްޗެއް ނޯންނާނެ ކަމަށާއި އެ ޕާޓީން ރިފޯމް ގެންނަން ބޭނުންވާ ހުރިހާ ކަމެއް ފަލްސަފާގައި ލިޔެފައިވާ ކަމަށް ރައީސް ޔާމީން މިދިޔަ އާދިއްތަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމީން އެހެން ވިދާޅުވީ، ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެމްއާރުއެމްގެ ނަމުގައި ހަރަކާތްތެރިވާން ފަށާފައި ވަނިކޮށެވެ. މައުމޫންގެ ފެކްޝަނުން މިހާރު މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމުގެ ކުށް ސާބިތުވެ، މައުމޫން މިހާރު ގެންދަވަނީ ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ރައީސް ޔާމީނާއި މައުމޫނާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާއިރު، މައުމޫން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ.