Roadha Mihaaru
ލީބިއާގައި އުޅޭ އައިއެސް އަށް ވައިގެ ހަމަލާ ދީފި

ލީބިއާގައި އުޅޭ އައިއެސް އަށް އެމެރިކާ އިން ވައިގެ ހަމަލާ ދޭން ފަށައިފި

02 އޯގަސްޓް 2016

ޓްރިޕޮލީ (އޮގަސްޓް 2) - ލީބިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހަރަކާތްތެރިވާ ތަންތަނަށް އެމެރިކާ އިން ވައިގެ ހަމަލާދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓްރިޕޮލީ (އޮގަސްޓް 2) - ލީބިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހަރަކާތްތެރިވާ ތަންތަނަށް އެމެރިކާ އިން ވައިގެ ހަމަލާދޭން ފަށައިފި އެވެ.

ޕެންޓަގަނުން ބުނީ ވައިގެ ހަމަލާތައް ފެށީ ލީބިއާގައި ގާއިމްކޮށްފައިވާ އދ.ގެ ތާއިދު އޮތް ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. މިއީ ލީބިއާގައި އެޕްރީލް މަހު ގާއިމްކުރި އެއްބައިވަންތަކަމުގެ ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ އިން ދިން ފުރަތަމަ ވައިގެ ހަމަލާ އެވެ. އެމެރިކާ އިން ކުރިން ވަނީ މިދިޔަ ފެބްރުއަރީ އާއި ނޮވެމްބަރު މަހު ވެސް ލީބިއާގައި އައިއެސްއާ ދެކޮޅަށް ހަމަލާދީފަ އެވެ. ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ލީބިއާގައި އައިއެސް އިން ބާރުގަދަކޮށްލައިގެން އުޅޭ ސިރުތުގަ އެވެ.

ލީބިއާގެ ބޮޑު ވަޒީރު ފަޔާޒް ސައްރާޖު ވިދާޅުވީ ވައިގެ ހަމަލާތަކުގައި އައިއެސް އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ލީބިއާގައި އައިއެސްގެ ބާރުގަދަ ކުރަމުން އަންނާތީ ހުޅަނގުގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޕެންޓަގަނުން ބުނީ ހޯމަ ދުވަހުގެ ހަމަލާތައް ދިނީ ރައީސް ބަރަކް އޮބާމާގެ ހުއްދައާ އެކު ކަމަށެވެ. ޕެންޓަގަނުގެ ތަރުޖަމާން ޕީޓާ ކުކް ވިދާޅުވީ ހަމަލާތައް އަމާޒަށް އެރި ކަމަށެވެ.

ލީބިއާ ސަރުކާރުން ވެސް ވަނީ އައިއެސްއާ ދެކޮޅަށް މެއި މަހު ސިރުތުގައި ހަމަލާތައް ފަށައިފަ އެވެ. ހުޅަނގުގެ އޮފިޝަލުން ބުނަނީ ލީބިއާގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންގެ އަދަދަކީ 6،000 މީހުން ނަމަވެސް ސަރުކާރުގެ ހަމަލާތަކާ އެކު އައިއެސްގެ ހަނގުރާމަވެރިންގެ އަދަދު މަދުވާން ފަށާފައިވާ ކަމަށެވެ. ކުކް ވިދާޅުވީ ސިރުތުގައި މިހާރު ހަރަކާތްތެރި ވަނީ ހާހެއްހާ ހަނގުރާމަވެރިން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ފަހުން ލީބިއާގައި ހަމަޖެހުން ގާއިމް ކުރެވިފައެއް ނުވެ އެވެ. މި ހަމަނުޖެހުންތަކާ އެކު އައިއެސްގެ ހަނގުރާމަވެރިންގެ ގްރޫޕްތައް ލީބިއާ އަށް ވަދެ އެ މީހުންގެ ބާރުގަދަ ކުރަން ވަނީ ފަށައިފަ އެވެ.