Roadha Mihaaru
އެމެރިކާގެ ޔުނިވާސިޓީގައި ހަމަލާ ދިނީ އައިއެސް އިން

އެމެރިކާގެ ޔުނިވާސިޓީގައި ހަމަލާ ދިނީ އައިއެސް އިން ކަމަށް ބުނެފި

30 ނޮވެމްބަރ 2016

އޮހާޔޯ (ނޮވެމްބަރު 30) - އެމެރިކާގެ އޮހާޔާ ސްޓޭޓް ޔުނިވާސިޓީގައި ކާރުން ޖައްސާ އަދި އޭގެ ފަހުން ވަޅިން ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އޮހާޔޯ (ނޮވެމްބަރު 30) - އެމެރިކާގެ އޮހާޔާ ސްޓޭޓް ޔުނިވާސިޓީގައި ކާރުން ޖައްސާ އަދި އޭގެ ފަހުން ވަޅިން ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އޮހާޔޯ ޔުނިވާސިޓީގައި ހަމަލާދީފައި ވަނީ ސޯމާލިއާ އަށް އުފަން އަބްދުއް ރައްޒާގު އަލީ އާތަން ނަމަކަށް ކިޔާ ދަރިވަރެކެވެ. މި ހާދިސާގައި ވަނީ 11 މީހުން ޒަޚަމްވެފަ އެވެ.

އައިއެސްގެ އައުމާގު ނިއުސް އެޖެންސީން ބުނީ އުމުރުން 18 އަހަރުގެ ދަރިވަރަކީ އެ ޖަމާއަތުގެ "ސިފައިންގެ މީހެއް" ކަމަށެވެ. އަދި އޭނާ ހަމަލާ ދިނީ އައިއެސްއާ ދެކޮޅަށް ހަމަލާ ދޭ ކޯލީޝަނުގައި ހިމެނޭ ގައުމުތަކަށް ހަމަލާ ދިނުމަށް ގޮވާލާފައިވާ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ވެސް އައިއެސް އިން ބުނެފައިވެ އެވެ.

އޮހާޔޯ ޔުނިވާސިޓީގައި ދިން ހަމަލާގައި 11 މީހުން ޒަޚަމްވި. --ފޮޓޯ:އޭޕީ

އޮހާޔޯ ޔުނިވާސިޓީގައި ދިން ހަމަލާގައި 11 މީހުން ޒަޚަމްވި. --ފޮޓޯ:އޭޕީ

ޔުނިވާސިޓީ ކެމްޕަސްގައި ކާރުން ޖައްސާ ބައެއް ދަރިވަރުން ޒަޚަމްކޮށްލާ އަދި އޭގެ ފަހުން ކާރުން ނުކުމެ ވަޅިން ހަމަލާ ދެމުން ދަނިކޮށް ކެމްޕަސް ފުލުހުން ވަނީ ބަޑި ޖަހާ ރައްޒާގު މަރާލައިފަ އެވެ. ގިނަ ދަރިވަރުން ޒަޚަމްވީ ކާރުން ޖެއްސުމުންނެވެ. އަދި ދެ ދަރިވަރަކަށް ވަނީ ވަޅިން ހަމަލާދީފަ އެވެ. އަދި އެއް ދަރިވަރެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. ހަތަރު ކުއްޖަކަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެފްބީއައި އިން މިހާރު ވަނީ ރައްޒާގު ދިރިއުޅުނު އެޕާޓްމަންޓް ބަލާ ފާސްކޮށްފަ އެވެ. އަަދި ޔުނިވާސިޓިގައި ދިން ހަމަލާގައި އެހެން މީހަކު ބައިވެރިވެފައިވޭތޯ ބެލުމަށް ދަނީ ތަހުގީގު ކުރަމުންނެވެ.

އަވަށްޓެރިން ބުނި ގޮތުގައި ރައްޒާގަކީ ވަރަށް މަޑުމައިތިރި އަދި ގަވާއިދުން މިސްކިތަށް ގޮސް އުޅުނު ދަރިވަރެކެވެ. ސޯމާލިއާ އަށް އުފަންވި ނަމަވެސް ރައްޒާގަށް ވަނީ އެމެރިކާގެ ޕާމަނަންޓް ރެސިޑެންޓްކަން ދީފަ އެވެ. އޭނާ 2007-2014 އަށް އުޅުނީ ޕާކިސްތާނުގަ އެވެ. އެމެރިކާ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ.

މުސްލިމުންނާ މެދު އެމެރިކާ އިން ކަންތައްކުރާ ގޮތާ މެދު ރައްޒާގު ދާދި ފަހުން ފޭސްބުކުގައި ކޮމެންޓްކޮށްފައިވެ އެވެ.