Roadha Mihaaru
މިނިވަން ދުވަހު ކުރެވެނީ ހިތްދަތި އިހްސާސް: ޕީޕީއެމް

މިނިވަން ދުވަހު ކުރެވެނީ ހިތްދަތިކަމުގެ އިހްސާސް: ޕީޕީއެމް

26 ޖުލައި 2023

ދިވެހީންގެ ފަހުރުވެރި މިނިވަން ދުވަަސް މިއަދު ފާހަގަކުރާއިރު، ކުރެވެނީ ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްތައް ކަމަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހީންގެ ފަހުރުވެރި މިނިވަން ދުވަަސް މިއަދު ފާހަގަކުރާއިރު، ކުރެވެނީ ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްތައް ކަމަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ މިނިވަން ދުވަހާ ބައްދަލުވީ، ކަޅު އަނދިރިކަމާއި ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްތައް ކުރުވަމުން ކަމަށެވެ.

އެ ޕާޓީން ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލައި، ދިވެހީންގެ މައްޗަށް އިންޑިއާއިން ނުފޫޒު ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިހުސާސް ކުރެވޭތޯ ސުވާލު އުފައްދައިފަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލައި އަދި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރާ މި ވެރިކަން ނިމުމަކަށް ގެނެސް، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން ނޫނީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނެ ގޮތެއް ނެތެވެ.

"ދިވެހި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ހައްސާސް ވަގުތުގައި، ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމެކެވެ،" ބަޔާނުގައިވެ އެވެ.

"ރައީސް ޔާމީނާއި މި ކޯލިޝަންގެ އުއްމީދާއި ދުއާއަކީ މަދު ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑުމެންނާ ބައްދަލުކޮށް ރިޔާސީ އިންތިހާބަކީ ގައުމުގެ ހާލަތު ބަދަލުކުރެވޭނެ އިންތިހާބެއް ކަމުގައި ވުމެވެ."

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކަށް ހަމަޖައްސާފައިވަނީ ޔާމީނެވެ. ނަމަވެސް އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހުކުމުގެ ސަބަބުން ވާދަކުރުމުގެ ގާނޫނީ ޝަރުތެއް ވަނީ އުނިވެފަ އެވެ.