Roadha Mihaaru
ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން ފަށަނީ

އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން އަންްގައިފި

29 ޖުލައި 2018

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިން މޭޓުންނަށް އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން، ސެކިއުރިޓީ ދޭން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޑިފެންސް މިނިސްޓްރީގައި މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިން މޭޓުންނަށް އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން، ސެކިއުރިޓީ ދޭން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޑިފެންސް މިނިސްޓްރީގައި މިއަދު އެދިއްޖެ އެވެ.

އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، ރިޔާސީ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންނާއި ރަނިން މޭޓުންނަށް، ސަލާމަތާއި ރައްކާތެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭން އަންގާފައިވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން، އެ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށް އިއުލާނުކުރާ ދުވަހުން ފެށިގެން، ރައީސްގެ މަގާމަށް އިންތިޚާބުވާ ބޭފުޅަކު މަގާމާ ހަވާލުވަންދެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިން މޭޓުންނަށް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ.

އިލެކްޝަންސް އިން ކުރި ޓްވީޓް

ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން އަންގާފައިވާ އޮގަސްޓް 18 ވަނަ ދުވަހަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއުލާންކޮށް ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރަން ހަމަޖައްސާފައިވާ ދުވަހެވެ.

އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ އެންމެ ހަތަރު ބޭފުޅުންނެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ކުރިމަތިލައްވާއިރު އެމަނިކުފާނު ބަލިކުރުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ނިކުމެވަޑައިގަންނަވަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެބޭފުޅުންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން ވެސް ކުރިމަތިލައްވާނެ އެވެ.

އެ ބޭފުޅުންގެ ތެރެއިން އިންތިޚާބަށް ކުރިމަތިލުމުގެ ފޯމް މިހާތަނަށް ހުށަހަޅުއްވާފައިވަނީ އިބޫ އެކަންޏެވެ.