Roadha Mihaaru
75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި

75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި

22 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ރިޔާސީ އިންތިޚާބު އިލެކްޝަންސް ކޮމިޝަން (އީސީ) ން އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އެ ކޮމިޝަންގެ މެމްބަރުންނަށް ކޮށް، ހަގީގަތާ ޚިލާފު ވާހަކަތަކަކުން ކޮމިޝަނުގެ އަގު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމް 75،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަނުން އެ ފިޔަވަޅު އެޅީ އިއްޔެ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުގަ އެވެ.

ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އިންތިޚާބުން ބަލިވީ، އީސީގެ މެމްބަރުން ރިޝްވަތު ނަގައިގެންނެވެ. ވޯޓު ލުމުގެ ތެރޭގައި މަކަރު ހެދުމުގެ ފުރުސަތު ކޮމިޝަންގެ މެމްބަރުން ފަހިކޮށް ދިން ކަމުގެ ތުހުމަތާ އެކު އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ.

އެކަމަކު، އެެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ހެކިތަކަށް ބަލައި ސުޕްރީމް ކޯޓުން ނިންމީ، އިންތިޚާބު ބާތިލް ކުރެވޭނެ ތަނެއް ނެތް ކަމަށެވެ.

މި ހުކުމަށް ފަހު، އީސީން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ، އެ ކޮމިޝަންގެ މެމްބަރުންނަށް ތުހުމަތުކޮށް، އިންތިޚާބު އޮޅުވައިލީ ކަމަށް އުފުލި އަޑުތަކުގައި ހަގީގަތެއް ނެތް ކަން ސުޕްރީމް ކޯޓުގެ ހުކުމާ އެކު ސާފުވާނެ ކަމަށެވެ. އެހެންވިޔަސް، ހަގީގަތާ ޚިލާފު ތުހުމަތުތަކުން ކޮމިޝަންގެ އަގު ވައްޓާލާފައިވާތީ ޕީޕީއެމާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"މުޒާހަރާ، ނުވަތަ މައުލޫމާތު ދޭ ސެޝަންތަކެއްގެ ނަމުގައި ނަމަވެސް ހަގީގަތާ ޚިލާފު ވާހަކަ ދައްކައި ކޮމިޝަންގެ މެމްބަރުންނާއި މުޅި ކޮމިޝަންގެ އިންޓެގްރިޓީ ގެއްލޭ ފަދަ ގޮތްގޮތަށް ތުހުމަތު ނުކުރަން މީގެ ކުރިން ސިޓީ ފޮނުވައި، އެކަން ނުހުއްޓައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް [ޕީޕީއެމަށް] ދެންނެވިން. އިއްޔެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި، އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް 75،000 ރުފިޔާ އިން ޕީޕީއެމް ޖޫރިމަނާ ކުރަން މިވަނީ ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބެވެ. އެ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.