Roadha Mihaaru
މިއީ، ކަލޭމެންގެ އެކަނި ގައުމެއް ނޫން: އަބްދުއްރަހީމް

މިއީ، ކަލޭމެންގެ އެކަނި ގައުމެއް ނޫން، ބޭނުން ގޮތެއް ނުހެދޭނެ: އަބްދުއްރަހީމް

04 ފެބުރުއަރީ 2018

"މިއީ، ކަލޭމެންގެ އެކަނި ގައުމެއް ނޫން، ބޭނުން ގޮތެއް ނުހެދޭނެ" ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޒާރު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

"މިއީ، ކަލޭމެންގެ އެކަނި ގައުމެއް ނޫން، ބޭނުން ގޮތެއް ނުހެދޭނެ" ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޒާރު ދެއްވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި، ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓު މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން އަޒުލެއް ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު އަޒުލުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ޕީޕީއެމުން ކާމިޔާބު ވިޔަނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އަޒުލުކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބާނުވާން، ދައުލަތުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ނިންމެވި ނިންމެވުމަށް ޕީޕީއެމުން ތާއީދުކުރާނެ އެވެ. އެ ނިންމުވުމުގެ މަތީގައި ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއާ އެކު، އިދިކޮޅު ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ހޯހޯއޭ، ނަމަނަމަ، މި ގައުމު ހަލަބޮލިކުރަން ނޫޅޭށޭ. އަޅުގަނޑުމެން މިތިބީ ފިސާރި ކެރިގެން ގައުމާއި ރައްޔިތުންގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާށޭ. މިއީކީ ހަމައެކަނި ކަލޭމެންގެ ގައުމެއް ނޫން. މިއީ އަޅުގަނޑުމެންގެ ވެސް ގައުމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ، ކެނެރީގޭ މުހައްމަދު ނަޝީދުގެ އެކަނި ގައުމެއް ނޫން. މިއީ ގާސިމް އިބްރާހީމްގެ އެކަނި ގައުމެއް ނޫން. މައުމޫން އަބްދުލްގައްޔޫމްގެ އެކަނި ގައުމެއް ނޫނޭ މިއީކީ. ޝޭހް އިމްރާންގެ އެކަނި ގައުމެއް ނޫނޭ. މިއީ ހުރިހާ ރައްޔިތުންގެ ގައުމެއް."

އަބްދުއްރަހީމް ވިދާޅުވީ ގައުމަށްޓަކައި ފުރާނަ ދުއްވާލަން ޕީޕީއެމުން ތިބީ ތައްޔާރަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ކުރީގެ ރައީސް ނަޝީދުގެ ގޮތަށް "ފިނޑިއެއް ނޫނެ"ވެ. އިދިކޮޅު ފަރާތްތަކުން ދައްކާހާ ބިރަކަށް އެމަނިކުފާނު ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެއަށް ވަންނާނީ، މި ގައުމު އަމާންކޮށްފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.