Roadha Mihaaru
ރިޝްވަތުގެ މާއްދާގައި އެންމެ ފަހުން ބަނދެވިއްޖެ!

ރިޝްވަތުގެ މާއްދާގައި އެންމެ ފަހުން ބަނދެވިއްޖެ!

01 އޯގަސްޓް 2018

ފުރަތަމަ ވެސް އުފެދުނު ސުވާލަކީ، "ރިޝްވަތު"، މި ނަމުގެ ދަށުން ގާނޫނުލްއުގޫބާތުގައި ހިމަނާފައި އޮތް 510 ވަނަ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުމެވެ. ދައުލަތުގެ މަތީ މަގާމުތަކުގައި ތިބި އެތައް ބަޔަކު ރިޝްވަތު ނަގާ ކަމަށް ކުރެވޭ ތުހުމަތުތައް، ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ނެތް މިންވަރަކަށް، ފެތުރިގެން އުޅޭ ދުވަސްވަރެއްގައި އެކަހަލަ އިސްލާހެއް މަޖިލީހަށް ވެއްދުމުން އާންމުންގެ ފާޑުކިއުން އަމާޒުވި އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ފުރަތަމަ ވެސް އުފެދުނު ސުވާލަކީ، "ރިޝްވަތު"، މި ނަމުގެ ދަށުން ގާނޫނުލްއުގޫބާތުގައި ހިމަނާފައި އޮތް 510 ވަނަ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުމެވެ. ދައުލަތުގެ މަތީ މަގާމުތަކުގައި ތިބި އެތައް ބަޔަކު ރިޝްވަތު ނަގާ ކަމަށް ކުރެވޭ ތުހުމަތުތައް، ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ނެތް މިންވަރަކަށް، ފެތުރިގެން އުޅޭ ދުވަސްވަރެއްގައި އެކަހަލަ އިސްލާހެއް މަޖިލީހަށް ވެއްދުމުން އާންމުންގެ ފާޑުކިއުން އަމާޒުވި އެވެ.

ފެނުނީ އެ ހަގީގަތެވެ. ހަމައެކަނި ސަރުކާރަށް ނިސްބަތްވާ މެމްބަރުންކޮޅެއް ހިންގަމުން އަންނަ ރައްޔިތުންގެ މަޖިލީހަށް "މިއަދު ވައްދާ މިއަދު ފާސްކުރާ" ސަގާފަތެއްގެ ތެރޭގައި ބިލްތައް ހުށަހަޅަމުން އަންނަ އިރު ގާނޫނުލްއުގޫބާތުން "ރިޝްވަތު"ގެ ނަން ގަސްދުގައި ފޮހެލަން ނޫޅޭނެ ކަމަކަށް، ޕީޕީއެމްގެ އާންމު މެމްބަރުން ވެސް ގަބޫލެއް ނުކުރާނެ އެވެ. ޕީޕީއެމްގެ ހުރިހާ ފަންތިއެއްގެ މެމްބަރުންނަށް މިހާރު ވިސްނިފައި އޮންނަނީ ގާނޫނުއަސާސީން ފެށިގެން އާދައިގެ ގަވާއިދުތަކާ ހަމަ އަށް ވެސް، "އަހަރެމެން ބޭނުން ކޮންމެ ބަދަލެއް، ބޭނުން އިރަކު ގެނެވޭނެ" ކަމަށެވެ.

ސަރުކާރުން ބޭނުންވެގެން މަޖިލީހަށް ހުށައަޅާ ބިލްތަކަކީ ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ކިޔާ އެއްޗެއް ކަމަކަށެއް ނުފެނެ އެވެ. ތާރީޚުގެ ތެރެއަށް އަމިއްލަ ނަން ވަދެގެން އެ ދަނީ ހަރާބުވެގެން، ކިލަނބުވެގެން ކަމަކަށް ގަބޫލެއް ނުކުރައްވަ އެވެ. އެހެންކަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (މަޝްހޫރު ނަމުން ނަމަ އައިބީ) ވެސް ގާނޫނުލްއުގޫބާތަށް ސަރުކާރުން ބޭނުންވި އިސްލާހުތައް އޭނާގެ ނަމުގައި އެ ވެއްދެވީ އޭގައި އޮތް އެއްޗެއް ވިދާޅުވެފައިތޯ ސުވާލު އުފެދެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި، ﷲ ގަންދީ ކުރެއްވި ހުވާގެ އިތުރުން (މިހާރު ރާއްޖޭގެ ކަންކަން މި ހުރި ގޮތުން ހުވާކުރަނީ ކީއްކުރަން ބާވަ އެވެ؟)، ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތަކަށް ބަލާއިރު އެކަހަލަ ބޮޑެތި ބަދަލުތައް ހުށަހެޅުއްވުމަކީ އާދައިގެ ކަންކަމެއް ނޫނެވެ.

"ރިޝްވަތު" މި ލަފުޒު ގާނޫނުލްއުގޫބާތުން ފޮހެލެވޭ ގޮތަށް ޕީޕީއެމުން އެ ބިލް ވައްދާ، ކޮމިޓީން ފާސްކުރީ ހަމަ ގަސްދުގައިކަން މިހާރު މި ވަނީ ކަށަވަރުވެފަ އެވެ. އަދި އާންމުންގެ (އިދިކޮޅު ސިޔާސީ ފަރާތްތައް އެކަންޏެއް ނޫން) ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ މި ދުވަސްވަރު، މި ހެދުނީ ވަރަށް ބޮޑު ގޯހެއްކަން ވިސްނޭ ވަރަށް ސޯޝަލް މީޑިއާގައި ފާޑުކިއުންތައް އުތުރިއަރައިގަތެވެ. އެހެންކަމުން ގާނޫނުލްއުގޫބާތަށް އަލުން "ރިޝްވަތު"ގެ ބައި ވައްދަން މަޖުބޫރުވެ އެ އިސްލާހު މިއަދު އެ ހުށައަޅަނީ އެވެ.

ޕީޕީއެމްގެ އިސް މެމްބަރުން ކަމަށްވާ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ވިލިމާލޭ ދާއިރާގެ އަހުމަދު ނިހާން އިއްޔެ ދެއްކެވި ވާހަކަތަކުގައި މިއަދު ހުށައަޅުއްވަނީ ކުރިން ވެސް ތައްޔާރުކޮށްފައި އޮތް ބިލެއް ކަމަށް ވިދާޅުވިޔަސް ގަބޫލުކުރަން އުނދަގުލެވެ. އެންމެ ބޮޑު ސަބަބަކީ 510 ވަނަ މާއްދާ އުވާލެވޭ ގޮތަށް ބިލެއް ހުށަހެޅިކަން މީޑިއާތަކުގައި ޖެހުމާ އެކު ޕީޕީއެމުން ދޭން ޖެހޭ ރައްދު މާ ބޮޑަށް ވެސް ފަސްވުމެވެ. ނޫސްވެރިން ފުރަތަމަ ހީކުރީ އައިބީގެ އިސްލާހުގައި 510 ވަނަ މާއްދާ ޖެހިފައި އޮތީ އޮޅުކަމުން ކަމަށެވެ. ޚަބަރުތަކުގައި އެ ސުވާލު ވެސް އުފެއްދި އެވެ. އެހެންކަމުން ބޮޑަށް ބެލެވުނީ ޚަބަރު ޖެހުމާ އެކު ޕީޕީއެމުން ވަރަށް އަވަހަށް އެއާ ބެހޭ ގޮތުން އެއްޗެކޭ ބުނާނެ ކަމަށެވެ. ނަމަވެސް ރިޝްވަތުގެ ވާހަކަ އޮތް 510 ވަނަ މާއްދާގެ ބަދަލުގައި، އެ ކުށާ ބެހޭ އާ މާއްދާއެއް ހުށައަޅާކަން އިއުލާންކުރެއްވީ، ޚަބަރު ފެތުރުނުތާ އެއް ދުވަސް ފަހުން، އިއްޔެ އެވެ.

ނިހާން ވިދާޅުވީ އަލަށް ހުށައަޅާ އިސްލާހުގައި "ވެރިކަމާ ހަވާލުވި އެއްވެސް ބަޔަކު ރައްޔިތުންގެ ލޯ ލާރި ފޮއްޗެއްގައި ޖެހުނަސް" ގާނޫނުގެ ތެރެއިން ބަނދެލެވޭނެ ކަމަށެވެ. ނަމަވެސް މިހާ ވަރުގަދަ އިސްލާހެއް ހުށައަޅަން ކުރިން ތައްޔާރުކޮށްފައި އޮތް ނަމަ، އެ ޚަބަރާ އެކު ވަގުތުން އެ ވާހަކަ ޓްވީޓާ މެދުވެރިކޮށް ނަމަވެސް ނިހާނާއި އަބްދުއްރަހީމް ފަދަ ބޭފުޅުން ހާމަކުރެއްވީހެވެ. މިސާލަކަށް މިކަހަލަ ޖުމްލައަކުންނެވެ: "ނޫސްވެރިން މޮޔަނުވާށެވެ. ރިޝްވަތުގެ މާ ވަރުގަދަ އިސްލާހެއް މި އޮތީ އެވެ."

ތެދެކެވެ. "ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުން" ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބޮޑެތި "އިސްލާހުތަކެއް" ގެނެސްފި އެވެ. ރައްޔިތުންގެ މަޖިލިހުގެ ކޮންމެ ދައުރަކަށް ފަހު، މި ވެނި އަދަދަކަށް ބިލް ވައްދައި، މިވެނި އަދަދަކަށް ފާސްކޮށްދިން ކަމަށް މެމްބަރުން ވިދާޅުވެ އެވެ. އެކަމަކު މިދިޔަ ހަތަރު އަހަރަށް ބަލާއިރު ފާސްކުރި ބައެއް ބިލްތަކުގެ ވާހަކަ މާޒީ އަށް ވަދެފައި ވަނީ އިސްލާހުތަކަކަށް ވުރެ ގޯސްތަކެއްގެ ގޮތުގަ އެވެ. ޕީޕީއެމްގެ މެމްބަރުން އާންމުންގެ ކުރިމަތީގައި އެގޮތަށް ގަބޫލު ނުކުރެއްވިޔަސް، އަމިއްލަ ގޮތުން ވާހަކަ ދައްކަވާ އިރު، އެ އިސްލާހުތަކުގެ ނުބައި ނަތީޖާތަކަށް އެއްބަސްވެވަޑައިގަނެ އެވެ.

ރިޝްވަތުގެ ހާލަތު ރާއްޖޭގައި އޮތީ ވަރަށް ދަށު ދަރަޖައިގަ އެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމްގެ ތެރެއިން ފެނުނު މަންޒަރުތަކުން އާންމުން ތިބީ މާޔޫސްވެފަ އެވެ. ހަލާކުވެފައިވާ "އިޖުތިމާއީ ފޭރާމެއް" ރަނގަޅުކުރާ ވާހަކަ ޕީޕީއެމާއި ސަރުކާރުގެ ވެރިން ދައްކަވާއިރު ސިޔާސީ ވެރިންގެ "ފޭރާން" އޮތީ ކޮން ހިސާބެއްގައި ކަމެއް ވެސް ނޭނގެ އެވެ. އެ ހާލަތުގައި ގައުމު އޮއްވާ ގާނޫނުލްއުގޫބާތުން "ރިޝްވަތު"ގެ ނަން ފޮހެލައިފި ނަމަ ދެން ވާނެ ގޮތެއް ވިސްނާލާށެވެ.

އެކަމަކު އާންމުންގެ ޕްރެޝަރުގައި ނަމަވެސް ނުވަތަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެޅިދާނެ ހުރަހަކުން ސަލާމަތްވާން ނަމަވެސް ރިޝްވަތުގެ އާ މާއްދާއެއް ގާނޫނުލްއުގޫބާތަށް ހުށަހަޅަން ނިންމިކަން ރަނގަޅެވެ. ނިހާން ވިދާޅުވި ފަދަ، ވަރުގަދަ އިސްލާހަކަށް އެކަން ވެއްޖެ ނަމަ، އަދި މާ ބޮޑަށް ވެސް ރަނގަޅެވެ.

"ދައުލަތުގެ ނައިބު ރައީސެއް ވިޔަސް، ވަޒީރެއް ވިޔަސް، އެ ނޫން މީހެއް ވިޔަސް، ތިމާގެ މީހެއް ވިޔަސް، މަޔަކު ވިޔަސް، ބަފަޔަކު ވިޔަސް، ގާނޫނުގެ މި އަތް އެ މީހުންނާ ހަމައަށް އަރާ ދިއުމަށް ބަރާބަރަށް ދޫކޮށްލެވިގެން އޮތް ސަރުކާރެއް މިއީ،" ނިހާން ވިދާޅުވި އެވެ.

މި ވާހަކަ އަށް ހޭނެ މީހުން ގިނަވާނެ އެވެ. އެކަމަކު ގާނޫނުލްއުގޫބާތަށް ގެންނަން އުޅުނު ބޮޑު ބަދަލަކުން ސަލާމަތް ވެދާނެކަމުގެ އުއްމީދެއް އުފެދުނީތީ މި ވަގުތަށް ހިތްހަމަޖައްސާލުން ރަނގަޅެވެ.