Roadha Mihaaru

މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގަން އުޅޭތީ ކަންބޮޑުވޭ: ނާޒިމް

މައިނޯރިޓީ ޕާޓީތަކުގެ އަޑު ނެތި ރައްޔިތުންގެ މަޖިލީސް ހިންގެވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގާތީ ކަންބޮޑުވެއްޖެ
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

09 ޖޫން 2020

މައިނޯރިޓީ ޕާޓީތަކުގެ އަޑު ނެތި ރައްޔިތުންގެ މަޖިލީސް ހިންގެވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް މިގޮތަށް ވިދާޅުވީ މަހާތުމާ ގާންދީގެ ބަސްކޮޅަކާ އެކު ކުރެއްވި ޓުވީޓެއްގަ އެވެ. އޭގައި ވަނީ، މައިނޯރިޓީގައި ހުރެ ބުނާ ބަހަކަސް ތެދުވާނީ ތެދަށް ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވި އިރު އިދިކޮޅު މެމްބަރުން މަޖިލީހުގައި ނެތުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް މަޖިލިސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

ޖަލްސާ ފައްޓަވަމުން ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ދެތިން މެމްބަރަކު ހާޒިރުވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއީ އާންމުކޮށް އެގޮތަށް އުޅުއްވާ މެމްބަރުން ކަމަށާއި އެހެންވީމަ އެކަން މާބޮޑަށް ފާހަގަނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ ވ. ފުލިދޫ ގިރަމުންދާ ދާތީ އެކަމުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، އިދިކޮޅު ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރެއްވުމެވެ. ފަޒުލް ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާތީ އެކަން ކުރިއަކަށް ނުގެންދެވުނެވެ.

ޕީޕީއެމާއި ޕީއެންސީން މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރީ، މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އިތުރުކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެރޭގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މެމްބަރު ޝިޔާމްއަށް އެކި ވަރުގެ އަނިޔާ ލިބި ފަރުވާ ހޯދަމުންދާއިރު، ޝިޔާމަށް އަނިޔާވީ ނަޝީދު އެންގެވި ގޮތަށް އެމްޑީޕީގެ މެމްބަރުން އަމަލު ކުރެއްވުމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އެރޭގެ ޖަލްސާއިން މެމްބަރު ޝިޔާމް ނެރުމަށް މެމްބަރުންނަށް އަންގަވާފައި ވަނީ މަޖިލީހުގެ ރައީސެވެ.

ޖަލްސާތައް ބޮއިކޮޓް ކުރަން އިދިކޮޅުން ނިންމީ އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ ކަމަށް ބުނެ އެވެ.