Roadha Mihaaru
"ރައީސްގެ ކެމްޕެއިނަށް ސިފައިންނާ ފުލުހުން ބޭނުންކުރޭ"

ރައީސް ޔާމީންގެ ކެމްޕެއިނުގައި ފުލުހުންނާއި ސިފައިން ބޭނުން ކުރޭ: އިދިކޮޅު

01 އޯގަސްޓް 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށްޓަކައި ކުރައްވާ ދަތުރުތަކާއި މަސައްކަތްތަކުގައި ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ވެސް ބޭނުން ކުރަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށްޓަކައި ކުރައްވާ ދަތުރުތަކާއި މަސައްކަތްތަކުގައި ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ވެސް ބޭނުން ކުރަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕީޕީއެމުން މިހާރު މާލޭގައި ދިދަ ފަތިތައް ދަމަމުން ދާއިރު އެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ބައިވެރިވާ ކަމަށެވެ.

"ހުޅުމާލޭގައި ދިދަ ދަމާފައި ހުރީ ސިފައިންނާއި ފުލުހުން ބޭނުން ކުރައްވައިގެން އަދި އެޗްޑީސީގެ ތަކެތި ބޭނުން ކުރައްވައިގެން. އަޅުގަނޑުމެންނަށް އެތަންތަނުން ޖާގަ ނުލިބޭއިރު ޕޭވްމަންޓް މަތީގައި ހޮޅި ޖަހައިގެން [ދިދަ ދަމަނީ] އެއީކީ ކުރާ ކަމެއް ނޫން. ހޮޅިޖަހައިގެން ހީވަނީ އަބްދުﷲ ޔާމީންގެ ތަރިކަ މުދާހެން." އިދިކޮޅު ތިން ޕާޓީ އާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ސަމީރު ވިދާޅުވި އެވެ.

ފިޔާތޮށި ކުލައިގެ ދިދަފަތިތައް މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޕީޕީއެމުން ވަނީ ދަމައިފަ އެވެ. ސަމީރު ވިދާޅުވީ އެބޭފުޅުން ގަބޫލް ކުރައްވާގޮތުގައި އެ ދިދައިން ރަމްޒު ކޮށްދެނީ ޕީޕީއެމްގެ ހަގީގީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

އެ ދިދަފަތިތަކުގެ ސަބަބުން ފުލުހުން މަގުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީތަކަށް ދަތިވާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ވަނީ އަންގައިފަ އެވެ. ނަަމަވެސް މިހާތަނަށް އަދި ދިދަފަތިތައް ނަގާފައެއްނުވެ އެވެ.

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އަމިއްލަ މީހުންގެ ގޭ ފާރުގައި ހިއްޕި ޕޯސްޓަރުތައް ފުލުހުން ނައްޓާލާފައިވާއިރު ދިދަ ފަތިތައް ނުނަގާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

ރައީސް ޔާމީންގެ ކެމްޕެއިނުގައި ދައުލަތުގެ ތަކެތި ބޭނުންކުރައްވާކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ ކެމްޕެއިން ދަތުރުތަކަށް ސްޓެލްކޯގެ ދެ ލޯންޗު ވެސް ބޭނުން ކުރަމުންދާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް 54 ދުވަހަށް ވެފައިވާއިރު އިދިކޮޅު ކޯލިޝަނުން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މާލެއިން ފުރުސަތު ނުދޭކަން ވެސް ސަމީރު ފާހަގަ ކުރެއްވި އެވެ.

ހަމައެކަނި ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީގެން ދައުލަތުގެ މުއައްސަސާތަކުން ތިބޭތީ އެ މައްސަލަ ހުށަހެޅުމަށް މާދަމާއިން ފެށިގެން ކޯލިޝަންގެ އިސް ބޭފުޅުން މުއައްސަސާތަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ކެމްޕެއިން ކުރައްވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުޅި ސަރުކާރު އެއްކޮށް ބޭނުން ކުރައްވައިގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ލައިވް އިވެންޓެއްގައި ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އޭނާ އެހެން ވިދާޅުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވަކި ޕާޓީއެއް ނުވަތަ ވަކި ބޭފުޅެއްގެ ފައިދާއަށް ދައުލަތުގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ.