Roadha Mihaaru
ޔާމީން ފުލުހަށް ހާޒިރުކުރީ ވަކި ބަޔަކު ރުއްސަން:ޖަމީލް

ޔާމީން ފުލުހަށް ހާޒިރުކުރީ ވަކި ބައެއްގެ ހިތް ރުއްސަން: ޖަމީލް

04 ނޮވެމްބަރ 2019

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަޖެއްސުމަށް ކަމަށް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަޖެއްސުމަށް ކަމަށް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޔާމީނާ އެކު، ފުލުހުންގެ މައި އިދާރާ ގައި ތިން ގަޑިއިރު ހޭދަކުރެއްވުމަށް ފަހު، ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، ވަކި ބަޔަކު ރުއްސުމަށްޓަކައި ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރުވިޔަސް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނޯންނާނެ ކަމަށެވެ.

"ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރެވުނު ކުރެވުމަކީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަޖައްސައި، ރުއްސުމަށްޓަކައި މިއަދު ކުރެވުނު ކަމެއް. އިރާދަކުރެއްވިއްޔާ އެކަމުގައި އެއްވެސް ހަގީގަތެއް ނޯންނާނެ. އަދި އެކަމުން މާތްﷲގެ ތަނަވަސް ރަހުމަތާ އެކީގައި އަޅުގަނޑުގެ މުވައްކިލް ބަރީއަ ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި އަދި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މަގާމުން ދުރުކުރި ޖަމީލް ވިދާޅުވި އެވެ.

ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކުރިއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ހިންގި މަނީލޯންޑަރިންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެހެންވެ، ޖަމީލް ތުހުމަތު ކުރައްވަނީ، ހުކުމް އިއްވަން ތާވަލުކޮށްފައި ވަނިކޮށް ޔާމީން ހާޒިރުކުރީ ފުލުހުންގެ އިދާރާ އަށް ދައުލަތުގެ އެކި ފަރާތްތަކުގެ ނުފޫޒު ވަދެގެންނެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، މާދަމާ އަކީ ޔާމީންގެ މައްޗަށް ހުކުމް ކުރާ ދުވަހަކަށް ވާއިރު، އެގޮތަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވުމަކީ ގާނޫނުއަސާސީ ތަންދޭ ކަމަކަށް ނޫނެވެ. އަދި ހުކުމާ ހިސާބުގައި މައްސަލަ އޮއްވައި، ހަމަ އެ މައްސަލައިގައި ފުލުހަށް ގެންދިއުމަކީ ޑިއު ޕްރޮސެސްގެ ތެރެއިން ހިނގާ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މާދަމާގެ ޝަރީއަތެއް ނިމެންދާއިރުގައި މިއަދު ކުއްލިއަކަށް ފުލުހަށް ގެނެސްފައި ކަންތައްތަކާ މައުޟޫއީ ގޮތެއްގައި އެއް މައްސަލައަކާ ގުޅޭގޮތުން ސުވާލު ކުރުމަކީ ހަގީގަތުގައި ރާއްޖޭގެ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

"މުޅި މައްސަލަ އަކީ ހަގީގަތަށް އޮތް މައްސަލައެއް ނޫން ކަން ސާފުކޮށް އެނގިގެން ދަނީ. އިއްތިފާގެއް ނޫން."

ޔާމީނަށް މަނީލޯންޑަރިންގެ ދައުވާ އުފުލީ އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ.