އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމެޓީން އާންމުކޮށް މިއަދު ހުޅުވާލައިފި އެވެ.
02 އޯގަސްޓް 2016
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމެޓީން އާންމުކޮށް މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ ބިލަށް ހިޔާލު ހުށަހަޅަން ވާނީ ބިލުގެ މާއްދާ އޮތް ގޮތާއި، މާއްދާއަށް ހުށަހަޅާ އިސްލާހާއި، އިސްލާހު ހުށަހަޅަން ނިންމި ސަބަބު އެނގޭ ގޮތަށް ކަމަށެވެ.
އަބުރުގެ ބިލުގެ މަޖިލީހުގެ ސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
މި ބިލަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް މި މަހުގެ 15 ވަނަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް ހުށަހަޅަން އިއުލާނުގައި ބުންޏެވެ.
އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގައި މެމްބަރުންތަކެއް. މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. - މުހައްމަދު ޝަރުހާން/ މިހާރު
ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ބިލު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ އާންމުން ފޮނުވާ ހިޔާލު ބިނާކުރުވަނިވި އެއްޗަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ތާކުންތާކު ނުޖެހޭ ހިޔާލުތައް ބަލައިގަނެ ދިރާސާކުރަން ވެއްޖެ ނަމަ، ކޮމެޓީ މަސައްކަތަށް އެތައް ދުވަހެއް ހޭދަކުރަން ޖެހި، ކަނޑައަޅާފައިވާ މުއްދަތަށް ބިލް ނިންމާނުލެވިދާނެތީ މެމްބަރުން ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
މެމްބަރުން ވިދާޅުވީ ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާތަކަށް ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަބުރުގެ ބިލުގެ މަސައްކަތް ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި މީޑިއާތައް، މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިން ކޮމިޝަން، އިސްލާމިކް ޔުނިވާސިޓީ، ފިގުހު އެކަޑަމީ، ނެޝަނަލް ޔުނިވާސިޓީ، ފިލްމު އެސޯސިއޭޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)، ލޯޔަރުން ހިމެނޭ ޖަމިއްޔާއެއް އޮތް ނަމަ އެ ޖަމިއްޔާއެއް، ފުލުހުން، އެމްއެންޑީއެފް، ބަންޑާރަ ނައިބު އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވެސް ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފަ އެވެ.
ހިޔާލު ފާޅުކުރުމަށް ހުރަސްއަޅާ ބިލަށް މަޖިލީހުގައި ބަހުސް ކުރާއިރު ނޫސްވެރިންތަކެއް މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކުރަނީ.-- ފޮޓޯ: ހުސެން ޝަޔާހު
ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު މި މަހުގެ 25ގެ ކުރިން ދިރާސާކޮށް ނިންމައި ރިޕޯޓު ތަޅުމަށް ފޮނުވަން ވެސް ކޮމެޓީން ނިންމި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް އިއްޔެ ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސްކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވަން ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ބިލުގައި އަބުރާ ބެހުމަކީ، ޖޫރިމަނާ ނުދައްކައިފި ނަމަ، ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ.
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
އަބުރުގެ ބިލަށް ލިބުނު އާންމު ޚިޔާލުތައް ބާތިލުކޮށްފި
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި
ކެރިގެން ފާޑު ކިޔުމަށް ދައުވަތު ދޭން ޖެހޭނެ: ފާރިސް
އަބުރުގެ ބިލުގައި މިފަހަރު ވެސް ކަންބޮޑުވުންތައް!