އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާ ކުރާ ކޮމެޓީ އަށް އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ އެ ހިޔާލުތަކަކީ "ބާތިލް" އެއްޗެއްގެ ގޮތުގައި ކޮމެޓީން މިއަދު ނިންމައިފ އެވެ.
05 އޯގަސްޓް 2016
އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާ ކުރާ ކޮމެޓީ އަށް އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ އެ ހިޔާލުތަކަކީ "ބާތިލް" އެއްޗެއްގެ ގޮތުގައި ކޮމެޓީން މިއަދު ނިންމައިފ އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކޮމެޓީ އަށް ހާޒިރު ކުރި އިރު، މިނިވަން ނޫސްވެރިކަމެއް އޮތުމުގެ މުހިންމުކަމާއި، މީހުންގެ އަބުރާ ބެހިގެން ނުވާނެ ކަމާއި އިންސާނާގެ ކަރާމާތް ރައްކާތެރި ކުރެވެން ޖެހޭނެ ކަމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.
ހަމައެއާއެކު ފިގުހު އެކަޑަމީގެ މެމްބަރުންގެ ވާހަކަތަކުން، އިސްލާމް ދީނުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާރިފް އެހެން ވިދާޅުވިޔަސް، ކޮމިޓީގައި ކަންބޮޑުވުންތައް ހިއްސާ ކުރި ގިނަ ނޫސްވެރިން ވަނީ މަދަނީ ކުށަކަށް ބަދަލު ކުރުމަށް މަޖިލީހުގައި އެދިފަ އެވެ. އާރިފް ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ކޮމެޓީ މަރުހަލާގައި ރިއާޔަތް ކުރާނެ ކަމަށެވެ.
އެހެންވެ އާރިފް ހުށަހެޅުއްވީ އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކޮށް، އެއްވެސް ހިޔާލެއް ފޮނުވާފައި އޮތަސް އެ ހިޔާލުތައް ބަލައިނުގަނެ، ބާތިލު ކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މި ހުށަހެޅުން ފާސްވީ ހަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުމާ ދެކޮޅު ހެއްދެވީ މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.
"އަޅުގަނޑުމެން ބޭނުންވި ވަރަށް ވުރެ ގިނަ އިން މައުލޫމާތު ލިބިއްޖެ. ހުރިހާ މީޑީއާތަކެއްގެ ވާހަކަ އަޑު އަހައިފިން. އެހެންވީމަ އާންމުންނަށް ހުޅުވާލި ފުރުސަތު ބަންދު ކުރަން ޖެހޭ،" އާރިފް ވިދާޅުވި އެވެ.
ބިލު ދިރާސާކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ކުރި އަށް އޮތް ދުވަސްތަކުގައި ކޮމެޓީގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ބިލު ޑްރާފްޓް މަސައްކަތް ވީހާ ވެސް "އަރާމު" ކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ބިލު ދިރާސާ ކުރާ އިރު ބައެއް ބައްދަލުވުންތަކަށް މީޑިއާތަކާއި ކޮމެޓީގައި ހިމެނިވަޑައިނުގަންނަވާ މެމްބަރުން ކޮމެޓީ އަށް ވަޑައިނުގެންނެވޭނެ ގޮތް ހެއްދެވުމަށް ގޮވާއްލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން. ކޮމެޓީން ވަނީ އާންމުންގެ ހިޔާލުތައް ބަލައިނުގަތުމަށް ނިންމާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
މަޖިލީހުގެ ކޮމެޓީތައް އާންމު ގޮތެއްގައި ސިއްރު ކުރަނީ، އެ ދުވަހުގެ ބައްދަލުވުން ފެށުމާއެކު މެމްބަރަކު އެގޮތަށް ހުށަހެޅުއްވުމުންނެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ލިބިއްޖެ ނަމަ، ކޮމެޓީގެ މުގައްރިރު އެ ހުށަހެޅުމަށް ވޯޓަށް އަހައި ފާސްވެއްޖެ ނަމަ، ކޮމެޓީ ބައްދަލުވުން ސިއްރު ކުރެވިދާނެ އެވެ.
"ބިލު އެކުލަވާލާއިރު ދަތިވެދާނެތީ އެހެން ދަންނަވާލީ. މީޑިއާ އަށް މިކަމުގައި މައާފަށް އެދެން. ރީތިކޮށް ވަރަށް އަރާމުކޮށް މަސައްކަތް ކުރަން ބޭނުންވަނީ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ކޮމެޓީން ކުރި މަސައްކަތުން ވަރަށް ގިނަ މީޑިއާތަކާއި މީޑީއާގެ ބެލެނިވެރި މުއައްސަސާތަކާއި ފިގުހު އެކަޑަމީ އަދި ފިލްމު އެސޯސިއޭޝަންގެ އިސް ވެރިން ހާޒިރު ކޮށް ގިނަ މައުލޫމާތުތަކެއް ވަނީ އެއްކުރެވިފަ އެވެ.
އިލްހާމްގެ ވާހަކަތަކަށް ރައްދު ދެެއްވައި މާރިޔާ ވިދާޅުވީ މީޑިއާއާ ގުޅުން ހުރި ބިލެއްގައި މީޑިއާތައް ނުވެއްދުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫން ކަމަށެވެ.
ރައްޔިތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވިދާނެ ގޮތަކަށް އޮތް ބިލެއްގެ މަސައްކަތް ކުރާ އިރު، ކޮމެޓީތަކުން ރައްޔިތުންނަށް ސިއްރުން ކަންކަން ކުރަން ނުޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"އެންމެންގެ އަބުރު ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ނަމަ، އެންމެންނަށް ފެންނަ ގޮތަށް މިކަން ކުރަން ޖެހޭ،" ބިލު ދިރާސާކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެމްބަރު މާރިޔާ ވިދާޅުވި އެވެ.
ބިލު ދިރާސާކުރާ ކޮމެޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ފިގުހު އެކަޑަމީގެ ބޭފުޅުންނާ އެކު ރޭ ބޭއްވެވި ބައްދަލަވުމުގައި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތަށް ރިއާޔަތް ކުރައްވައި ދީނީ އިލުމުވެރިން ދެއްވި މައުލޫމާތުގެ ސަބަބުން ދިނީ ގޮތުން އެހާ ސާފުކޮށް އޮތްކަމެއް ސާފުވެވަޑައިގަތުމުން އިތުރަށް ބަހުސް ކުރާނެ ތަނެއް ނެތް ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްވެރިން ކޮމެޓީގައި. އަބުރުގެ ބިލަށް ކޮމިޝަނުން ވަނީ ތާއީދުކޮށްފައި. - ފޮޓޯ: ނިޝާން އަލީ / މިހާރު
ކޮމިޓީ އަށް ގެންނަން ނިންމި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ހާޒިރު ނުކުރާ ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ކޮމެޓީން މިއަދު ފާސްކުރި އެވެ. އެއީ އެޓާނީ ޖެނެރަލް، ޕްރޮސެކިއުޓާ ޖެނެރަލް، ހިއުމަން ރައިޓްސް ކޮމިޝަން، ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ، ފުލުހުން، އެމްއެންޑީއެފް އަދި ލޯޔަރުންގެ ޖަމިއްޔާއެއްވާ ނަމަ އެ ޖަމިއްޔާއެކެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
އަބުރުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
އަބުރުގެ ބިލުގައި މިފަހަރު ވެސް ކަންބޮޑުވުންތައް!
ބިލު ތަސްދީގު ނުކުރުމަށް އދ. އިން ގޮވާލައިފި
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި