05 އޯގަސްޓް 2018
ފިޓްކޮށް ހުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ، އެންމެ ހަރަދު ކުޑަކޮށް އަދި އެންމެ ފަސޭހަކޮށް ކޮށްލެވޭ އެއް ކަސްރަތަކީ ދުވުމެވެ. ދުވެގެން ނަތީޖާ ނެރޭ މީހުން މިހާރު ބައިވަރެވެ. އެފަދަ މީހުންގެ ވާހަކަތަކުން ހިތްވަރު ލިބިގެން، ދުވަން ޝައުގުވެރިވާ މީހުން ވެސް މިހާރު އަންނަނީ ގިނަވަމުންނެވެ.
ފިޓްކޮށް ހުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ، އެންމެ ހަރަދު ކުޑަކޮށް އަދި އެންމެ ފަސޭހަކޮށް ކޮށްލެވޭ އެއް ކަސްރަތަކީ ދުވުމެވެ. ދުވެގެން ނަތީޖާ ނެރޭ މީހުން މިހާރު ބައިވަރެވެ. އެފަދަ މީހުންގެ ވާހަކަތަކުން ހިތްވަރު ލިބިގެން، ދުވަން ޝައުގުވެރިވާ މީހުން ވެސް މިހާރު އަންނަނީ ގިނަވަމުންނެވެ.
މިއީ އެފަދަ ބައެއްގެ ވާހަކަތަކެވެ. އުމުރުން 30ގެ އަހަރުތަކަށް އެޅުނު އިރު މާޓިން އެބަލެންއަކީ ނަފުސާނީ އެކި ކަހަލަ މައްސަލަތަކުގެ ތެެރޭގައި އުޅެން ޖެހުނު މީހެކެވެ. ހާސްކަމާއި ނުތަނަވަސްކަމާއި އުދާސްތަކާއި ނާއުންމީދުތަކުން ވަށާލައިފައި އޮތް އޭނާގެ ހަޔާތަށް އާރޯކަން ގެނުވަން އެހީއަކަށްވީ، ދުވަން ނުކުތެވެ.
އިނގިރޭސިވިލާތަށް އުފަން މާޓިން ބުނި ގޮތުގައި ގޮތުގައި ދުވަން ފެށުމާ އެކު ބޭކާރު ހިޔާލުތަކުން މީހާ ދުރުކޮށް ދޭން އެހީވި އެވެ. ނަތީޖާއަކީ ކުރިން އޭނާ ވަށާލައިފައި އޮތް، ނާއުންމީދުތަކުން ސަލާމަތްވެ، ދިރިއުޅުމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނަން މަގުފަހިވުމެވެ.
"މިއީ ކަންކަމަށް އަހަރެންގެ ފޯކަސް ގެނުވައި ދޭން ބާރު އެޅި ކަމެއް. ދެމަހެއްޓެނިވި ގޮތަކަށް އަޒުމެއް ކަނޑައަޅައިގެން ދުވަން އާދަކޮށްފި ނަމަ، މީހާ ނަފުސާނީ ގޮތުން ދުޅަހެޔޮކޮށްދޭ،" ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ މާޓިން ބުންޏެވެ.
އެހެންވެ އަމިއްލަ އަށް ކުރެވުނު ތަޖުރިބާގެ އަލީގައި އޭނާ ދެން ބޭނުންވީ ދުވެގެން، އެދެވޭ ނަތީޖާތަކެއް ނެރުނު އިތުރު މީހުންތަކެއްގެ ވާހަކަ ހިއްސާ ކުރާށެވެ. "ދޯޒް ހޫ ރަން" ގެ ނަމުގައި މާޓިން ގެނެސް ދިން ފޮޓޯ ސީރީޒްގައި ކިޔައިދެނީ އެފަދަ ބައެއްގެ ވާހަކަ އެވެ.
މާރިޔާ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އުރަމަތީގެ ކެންސަރަށް ކީމޯތެރަޕީގެ ފަރުވާ ވެސް ހޯދަމުންނެވެ. އެކަމަކު ކުރިން ވެސް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ހުންނަން މާރިޔާ އަކީ ގަވައިދުން ދުވާ މީހެކެވެ.
މާރިޔާ: އޭނާއަކީ އުރަމަތީގެ ކެންސަރަށް ފަރުވާ ވެސް ހޯދާ މީހެއް.
މާރިޔާ ބުނި ގޮތުގައި ކެންސަރަށް ފަރުވާ ހޯދަން ޖެހުމަކުން ދުވަން އޮތް ލޯތްބާއި ޝައުގުވެރި ކަމަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ނަޖީތާއަކީ ފަރުވާ އަށް ވެސް، އޭނާގެ ހަރަކާތްތެރި ދިރިއުޅުމުން ލުއިކަން ލިބެން ފެށުމެވެ. މާރިޔާ ބުނީ ގަވަދައިދުން ދުވަން ނުތުމަކީ އޭނާ ސޯޝަލައިޒްކޮށްދޭ ކަމެކެވެ.
އެކަމުގެ ސަބަބުން ރައްޓެހިންނާ ވެސް ގަވައިދުން ބައްދަލުވެ، ވާހަކަތައް ހިއްސާ ކުރެވި، ސިކުނޑީގައި އެނބުރޭ ނުތަނަވަސް ވަސްވާސްތަކުން ސަލާމަތްކޮށް ދެ އެވެ. ފިރިމީހާއާ އެކު މި އަހަރުގެ ލަންޑަނާއި އެޑިބަރާ މެރަތަންގައި ވެސް މާރިޔާ ވަނީ ދުވެފަ އެވެ.
ކަރީމް ބުނި ގޮތުގައި އޭނާއަކީ އަހަރުތަކެއް ވަންދެން ޑިޕްރެޝަނާއި އެންޒައިޓީގެ ވޭނުގައި އުޅެން ޖެހުނު މީހެކެވެ. އެކަމަކު ދާދި ފަހުން އިންޑިއާ އަށް ފިރިމީހާ ޖެކްއާ އެކު ކުރި ދަތުރެއްގެ ތެރޭގައި ހެނދުނު ހެނދުނާ ހޭލައިގެން ޖޮގިން އަށް ނުކުތުންވެގެން ދިޔައީ ދިރިއުޅުން ބަދަލުކޮށްލި ކަމަކަށެވެ.
ކަރީމް އާއި ޖެކް: ހެނދުނު ހެނދުނާ ދުވުމަކީ މިހާރު އާދައެއް.
ކަރީމް ބުނި ގޮތުގައި ދުވެލުމަކީ އުދާސްތައް ފިލުވައިދޭ، ސިކުނޑި އަށް ލުއިކަން ގެނުވައިދޭ ކަމެކެވެ. އެހެންވެ ނަފުސާނީ ދުޅަހެޔޮ ކަމަށްޓަކައި ފިރިމީހާއާ އޭނާއަކީ މިހާރު ގަވައިދުން ދުވަން ނުކުންނަ މީހެކެވެ.
ޖެކް ބުނި ގޮތުގައި އޭނާގެ ބަރުދަން އިތުރުވިޔަ ނުދީ ހިފަހައްޓައިދެނީ ދުވެގެންނެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ހެނދުނާ ދުވަން ނުކުތުމަކީ މިހާރު ކަށީގައި ހިފާފައިވާ އާދައެއް ކަމަށް ބުންޏެވެ.
ކަރެން އަށް ޑޮކްޓަރު ދިން އިރުޝާދަކީ ވީހާ ވެސް ހަރަކާތްތެރިކޮށް އުޅެވޭނެ ކަހަލަ ޕްރޮގްރާމްތަކެއްގެ ތެރޭގައި ޝާމިލުވުމުން މުހިއްމު ކަމަށެވެ. ދުވުމަކީ އެ ހިޔާލުގެ ތެރެއިން ކަރެން ކުރަން ނިންމި ކަމެކެވެ. އޭގެ ފަހުން ފަސް އެނބުރި ބެލުމެއް ނެތި ދުވަނީ އެވެ.
ކަރެން ޖޯންސް: ޑިޕްރެޝަނުން ދުރުކޮށް ދިނީ ދުވުން.
ދުވަން ފެށުމާ އެކު، އިހުސާސްކުރެވެން ފެށި ހެޔޮ ބަދަލުތަކާ އެކު، އޭނާގެ ޑިޕްރެޝަން ލެވެލް ވެސް ދަށްވާން ފަށައި، އެއިން ސަލާމަތް ވާން މަގުފަހިވި އެވެ. ކައިވެނި ވެސް ރޫޅި، އުމުރުން 44 އަހަރުގައި އަލުން ވަޒީފާއެއް އަދާކުރަން ޖެހުމަކީ ވެސް ކަރެން އަށް މިހާރު މައްސަލައެއް ނޫނެވެ. އޭނާގެ މިހާރުގެ މައިގަނޑު މަސައްކަތަކީ އެހެން މީހުންނަށް ދުވުމަށް ހިތް ޖެއްސުމަށް މަސައްކަތްކޮށް ދިނުމެވެ. އަމިއްލަ ތަޖުރިބާ އިން ދަސްވި އެއްޗިއްސާ އެކުގަ އެވެ.
ލޫސީ ބުނަނީ ދުވުމާ ނުލައި އޭނާގެ ދިރިއުޅުން ސިފަކޮށ ދޭނެ ގޮތެއް ނޭނގޭ ކަމަށެވެ. އެހާ ވެސް ބޮޑަށް ދުވުން އޭނާގެ ހަޔާތަށް މުހިއްމެވެ. ފަހަރުގައި އެހެން އެވީ ދުވަން ނުކުމެ އުޅެނިކޮށް، ކާރެއްގައި ޖެހި އަތަށް ލިބުނު އަނިޔާތަކުން އަރައިގަންނަން ކުރަން ޖެހުނު މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.
ލޫސީ ތުރޭވްސް: ދުވުމަކީ ދިރިއުޅުމުގެ މުހިއްމު ބައެއް.
ލޫސީ ބުނި ގޮތުގައި އަތަށް ލިބުނު ޒަހަމްތަކާ އެކު، ނަފުސާނީ ވަރަށް ގިނަ މައްސަލަތަލެއްގެ ތެރެއަށް އޭނާ ގެނބުނެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ވެސް ގެއްލި ދިރިއުޅުން މަތިން ފޫހި ކުރިވި އެވެ.
މި މައްސަލަ ބޮޑުވެގެން ދާން މަޖުބޫރުވީ ތަޖުރިބާކާރެއްގެ ގާތަށެވެ. އޭނާ ދިން ނަސޭހަތަކީ އަލުން ދުވުމުގެ ތެރެއަށް ދިއުމެވެ. ނަތީޖާއަކީ ދުވެގެން، ލޫސީ އަށް އޭނާގެ ނަފުސަށް އޮތް އިތުބާރު ވެސް އަނބުރައި ހޯދެވުމެވެ.
ރޭގަނޑު ޑިއުޓީ އަދާކުރަން ޖެހުމުން ޕޯލް އަށް އެކި ކަހަލަ މައްސަލަތައް ދިމާވާން ފެށި އެވެ. އޭގެ ތެރޭގައި ނިދި ހަމަނުވުމާއި ރަލަށް ދެވި ހިފުން ކަހަލަ އާދަތަކުގެ ތެރެއަށް ވެއްޓުނެވެ. މީގެ ސަބަބުން ޑިޕްރެޝަނާ ކުރިމަތިލާން ޖެހި އަމިއްލަ އަށް މަރުވުން ފަދަ ގޯސް ހިޔާލުތައް މީހާ ވަށައިލި އެވެ.
ޕޯލް: އަތިރިމަތީގައި ދުވެލައިގެން ހިތްހަމަޖެހުން ހޯދާ.
އެކަމަކު މީހާ ތާޒާކޮށްދީ، ވަރިގަދަކޮށްދީ ނަފުސާނީ ގޮތުން ވެސް ދުޅަހެޔޮ މީހަކަށް ވާން ބާރު އަޅައި ދިނީ ދުވުމެވެ. ޕޯލް ބުނި ގޮތުގައި އަތިރިމަތީގައި ދުވެލުމަކީ އޭނާގެ ސިކުނޑި އަށް އަރާމާއި ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ. އެހެންވެ ދުވުމާ ދުވަހަކު ވެސް ވަކިވުމެއް ނެތް ކަމަށް ބުންޏެވެ.
ކޮރެލީއަކީ އީޓިން ޑިސްއޯޑާގެ ތެރޭގައި އުޅެން ޖެހުނު މީހެކެވެ. އެކަމަކުން ރައްކާތެރިކަން ހޯދުމަށް އޮތް އެއްގޮތަކީ ތަޖުރިބާކާރެއްގެ އިރުޝާދުގެ ދަށުން ކެއުމުގެ ވައްޓަފާޅި ކޮންޓްރޯލް ކުރުމެވެ.
ކޮރެލިން ފްރޮސްޓް: ކުރިން އީޓިން ޑިސްއޯޑާގެ ޝިކާރައެއް.
އެކަމަކު އޭގެ ބަދަލުގައި އޭނާ ހިޔާރު ކުރީ ދުވަން ނުކުމެވެ. ނަތީޖާއަކީ ކުރިން ކޮރަލީ އަށް ދިމާވި ސިއްހީ މައްސަލަތަކުން އަރައި ގަތުމަށް އެހީއަކަށްވުމެވެ.
ކޮރެލީ މިހާރު ގަބޫލު ކުރާ ގޮތުގައި ދުޅަހެޔޮ ސިއްހަތަކަށް ދުވުން ވަރެއް ނޯންނާނެ އެވެ.
ކަސްރަތުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ
ހިނގުމުން ސިކުނޑިއަށް ބޮޑު ފައިދާއެއް
ދުވަންޏާ ކަކުލު ހުޅު ހަލާކުވާނެތަ؟
ކަސްރަތު ކުރަންވީ ދުވާލު، އެންމެ ރަނގަޅީ ހެނދުނު
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން