Roadha Mihaaru
ގެންގުޅޭނީ އިސްލާމީ ރިވެތި އުސޫލުތައް: ފައިސަލް

ކޯލިޝަންގެ ވެރިކަމެއްގައި ގެންގުޅޭނީ އިސްލާމީ ރިވެތި އުސޫލުތައް: ފައިސަލް

05 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަންގެ ވެރިކަން ވެގެން ދާނީ އިސްލާމީ އެންމެ ރިވެތި އުސޫލު ގެންގުޅޭ ވެރިކަމަކަށް ކަމަށް އެ ކޯލިޝަންގެ ރަނިން މޭޓް، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ކޯލިޝަންގެ ވެރިކަން ވެގެން ދާނީ އިސްލާމީ އެންމެ ރިވެތި އުސޫލު ގެންގުޅޭ ވެރިކަމަކަށް ކަމަށް އެ ކޯލިޝަންގެ ރަނިން މޭޓް، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވ. އަދި މ. އަތޮޅަށް ފެއްޓެވި ދަތުރުގައި ވ. ކެޔޮދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ދުނިޔެއަށް އިންސާނުން އުފަންވަނީ އެކަކު އަނެކަކަށް އަނިޔާ ކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އެހީތެރިވާން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ވެގެންދާނީ އިސްލާމީ އެންމެ ރިވެތި އުސޫލު ގެންގުޅޭ ބަޔަކަށް. އަބަދުވެސް ހެޔޮ އެދިގެން އޯގާތެރިކަމާ އެކު، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރާ ބަޔަކަށް،" ފައިސަލް ވިދާޅުވި އެވެ.

ކެޔޮދޫގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ފައިސަލް ހުޅުއްވައި ދެއްވަނީ. - ފޮޓޯ: އެމްޑީޕީ

ކެޔޮދޫގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ފައިސަލް ހުޅުއްވައި ދެއްވަނީ. - ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުން ވެސް ކުރަމުން ދަނީ ޝަކުވާ އެވެ. އެގޮތަށް އެކަން ދިމާވީ މިހާރުގެ ސަރުކާރުން ރައްޔިތުންނާ އެކީގައި މަސައްކަތް ނުކޮށް އަމިއްލަ ކަންކަމަށް އިސްކަންދޭތީ ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ވާހަކަތައް ރާއްޖޭގައި އިންތިހާ ދަރަޖައަށް ފެތުރިފައި އޮތީ ސަބަބެއް ނެތި ނޫން ކަމަށެވެ. ހާއްސަކޮށް، ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވުމާ ގުޅިގެން ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވީ މައުމޫން ޖަލުގައި އޮންނެވީ ހިތްދަތި ހާލުކޮޅުގައި ކަމަށެވެ. އަދި ރާއްޖޭގެ އާއިލާތަކުގެ ކޮންމެވެސް އެކަކު ހުރީ އަނިޔާގައި ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމު އިސްލާހު ކުރުމުގެ ނަމުގައި، އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދެވި މައުމޫން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ވަނީ އައިސްފަ އެވެ.