Roadha Mihaaru
ވެރިޔަކު އިހްތިޔާރުކުރާއިރު އޭނާގެ ސިފަތަކަށް ބަލަންޖެހޭ

ވެރިއަކު އިހްތިޔާރު ކުރާއިރު އެ މީހެއްގެ ކިބައިގައި ހުރި ސިފަތަކަށް ބަލަން ޖެހޭ: ފައިސަލް

03 ސެޕްޓެމްބަރ 2018

ގައުމުގެ ވެރިއަކަށް މީހަކު ގެންނައިރު، އެ މީހެއްގެ ކިބައިގައި ހުންނަ ސިފަތަކަށް ބަލަން ޖެހޭ ކަމަށާއި އެއީ މުސްލިމެއްގެ ހައިސިއްޔަތުން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގައުމުގެ ވެރިއަކަށް މީހަކު ގެންނައިރު، އެ މީހެއްގެ ކިބައިގައި ހުންނަ ސިފަތަކަށް ބަލަން ޖެހޭ ކަމަށާއި އެއީ މުސްލިމެއްގެ ހައިސިއްޔަތުން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިރޭ އިދިކޮޅު ކޯލިޝަނުން ހުޅުވި ޖަގަހައިގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މި މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ކުރިން، ދެ ފަރާތުން ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުންގެ ސިފައަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަކީ ތެދުވެރި، އިޚްލާސްތެރި، މަޑުމައިތިރި އަދި މީހުންގެ އަޑު އައްސަވާ ބޭފުޅެއް ކަމަށް މުޅި ގައުމު އެއްބަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ވިޔާނުދާ ކަމެއް އެ ބޭފުޅާގެ ފަރާތުން ހިންގާފައެއް ނުވޭ. އަނެއް ފަރާތުން ފެންނަ ކެންޑިޑޭޓުގެ (ސިފަތަކެއް) އަޅުގަނޑު ނުދަންނަވާނަން. އެހެންވެ، ވެރިއަކު އިޚްތިޔާރު ކުރާއިރު، އެ މީހެއްގެ ގައިގައި ހުންނަ ސިފަތަކަށް ވެސް ބަލަން ޖެހޭ،" ގިނަ އަދަދެއްގެ މީހުންގެ ބައިވެރިވި އެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވި އެވެ.

"ގައުމު ދެކެ ލޯބިވާ، ހެޔޮއެދޭ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ގެނައުމަކީ ކުރަން ޖެހޭ ކަމެއް،"

ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް (ވައަތުން ދެ ވަނައަށް) އާއި ކޯލިޝަނުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް (ވައަތުން ދެ ވަނައަށް) އާއި ކޯލިޝަނުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

ހުޅުމާލޭގައި މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ހުޅުވި ދެ ޖަގަހަ، އެޗްޑީސީން ބަންދު ކުރުމުން، އަލަށް ހުޅުވި މި ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ހުޅުމާލޭގެ ބާނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިހާރު ލިބެމުންދާ އަނިޔާތަކަކީ ވެސް މި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

ހުޅުމާލޭގެ އުއްމީދު ރައްޔިތުންނަށް ގެނެސްދެއްވާ، އެތަން ބިނާ ކުރެއްވި ރައީސް މައުމޫނަށް ލިބޭ އަނިޔާތަކާއި ތުރާތަކާއި ހިތްދަތިކަމަށް އެކަނި ވިސްނާލިކަމުގައި ވިޔަސް، ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، ފައިސަލް ވަނީ އެ އަވަށަށް އަމާންކަން ގެނެސްދެއްވާނެ ކަމަށް ވައުދުވެޑައިގެންފަ އެވެ. ފަހަކަށް އައިސް، ހުޅުމާލޭގައި ބޮޑެތި މާރާމާރީތަކާއި ފޭރުން ފަދަ ކުށްތައް އިތުރުވެފައިވާއިރު، ފައިސަލް ވިދާޅުވީ، ކޯލިޝަން ސަރުކާރެއްގައި، "މައިންބަފައިންނަށް މަގުމަތީގައި ދަރިން ގޮވައިގެން ހަމަޖެހިލައިގެން ހިނގާލެވޭގޮތް ހައްދަވާނެ" ކަމަށެވެ.

އަދި ޒުވާނުން ބާކީނުކޮށް، އެ މީހުންނަކީ ރާއްޖޭގެ ތަރައްގީގެ ބައެއް ކަމުގައި ހަދައި، ގާނޫނުތަކުން އަންހެނުންނަށް ލިބިދޭ ހައްގުތައް ފުރިހަމައަށް ފޯރުކޮށްދީ، އެކަން މޮނީޓާ ކުރާނެ ކަމަށް ވެސް އޭނާ ވައުދުވެ ވަޑައިގެންނެވި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ހުޅުމާލޭގައި ބޭއްވި، އިދިކޮޅު ކޯލިޝަނުގެ ކެމްޕޭން މި ހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. ހުޅުމާލޭގައި ކެމްޕޭން ހަރަކާތްތައް ހިންގުމަކީ އިދިކޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުމެވެ. އެ ފުރުސަތު ކަމާ ބެހޭ ފަރާތްތަކުން ނުދޭ ކަމަށް އެ މީހުން ދެކެ އެވެ.

އެ އަވަށުގައި އިދިކޮޅު ކޯލިޝަނުން ހެދި ދެ ޖަގަހަ ވެސް މީގެ ކުރިން އެޗްޑީސީން ވަނީ ބަންދުކޮށްފަ އެވެ.