Roadha Mihaaru

އިދިކޮޅުން ވެރިކަމަށް އަތުވެއްޖެ ނަމަ އޮތީ ބިރުވެރިކަން: ސައީދު

އިދިކޮޅު އިއްތިހާދުން ވެރިކަމަށް އަތުވެއްޖެ ނަމަ، ރާއްޖެ އަށް ކުރިމަތިވާނީ ބިރުވެރިކަން ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިދިކޮޅު ފަރާތްތަކަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ވެރިކަމަށް އަތުވެެއްޖެ ނަމަ އޮތީ ބިރުވެރިކަން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

12 ސެޕްޓެމްބަރ 2018

އިދިކޮޅު އިއްތިހާދުން ވެރިކަމަށް އަތުވެއްޖެ ނަމަ، ރާއްޖެ އަށް ކުރިމަތިވާނީ ބިރުވެރިކަން ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިދިކޮޅު ފަރާތްތަކަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އޮތީ "ކޮކްޓެއިލް" ވިސްނުމެއް ކަމަށެވެ. އަދި އެ ވިސްނުމުގައި ވެރިކަމުގައި އެންމެ ގިނަ މުއްދަތަކަށް ވާނީ އެއް އަހަރައި ފަސް މަސް ދުވަސް ކަމަށް ސައީދު ވިދާޅުވި އެވެ.

"އެއް އަހަރާއި ފަސް މަސް ދުވަހުގެ ތެރޭގައި ކޮން އެއާޕޯޓެއްތޯ ބިލެއްފަހީގައި އެޅޭނީ؟ ކޮން އެއާޕޯޓެއްތޯ ކުޅުދުއްފުށީގައި އެޅޭނީ؟ ކޮން އެއާޕޯޓެއްތޯ އެހެން ތަނެއްގައި ހެދޭނީ؟" އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައެއް ރަށްތަކަށް ވަޑައިގެން އެއާޕޯޓު ހަދަން ވައުދުވެވަޑައިގަންނަވަމުން ގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ބޭފުޅުންގެ ވިސްނުމުގައި ހަމައެކަނި އޮތީ ވެރިކަމުގެ ތެރޭގައި ޖަހަން ޖެހޭ ކަޑަތަކާއި އިންތައް ޖެހުމެވެ. އަދި އިދިކޮޅު ވިސްނާފައި އޮތީ ސަރުކާރުގެ ކުންފުނިތައް ކުޑަކޮށް، ވެރިކަމަށް އަނަން އެހީތެރިވާ މީހުންނަށް، ވިޔަފާރިތަކުގެ ބައެއް ދިނުން ކަމަށް ސައީދު ވިދާޅުވި އެވެ.

"މިސާލަކަށް އެސްޓީއޯގެ ގޭސް އުވާލާފައި ޕްރައިވެޓް ކުންފުންޏަކަށް ދިނުން. ތިޔަބޭފުޅުން ވިސްނަވާ ދެން ރާއްޖޭގައި ގޭސް އުފައްދާނީ ކޮން ބައެއްތޯ؟ އެސްޓީއޯ ގޭސް އުވާލައިފި ނަމަ، މި މީހުންނަށް ގޭސް އެބަ ލިބޭ. އެހެންވީމާ ވެރިކަމަށް އަންނަން ލިބޭ ފުރުސަތެއް އެއީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ތިއްބެވި އިސް ބައެއް ބޭފުޅުންގެ ބިންތައް 15-20 އަހަރުގެ މުއްދަތަކަށް ނެގުމަށް ފަހު ތަރައްގީ ނުކޮށް އެބަހުރި ކަމަށެވެ. އަދި އެބޭފުޅުންނަށް ހަމައެކަނި ކުރެވުނު ކަމަކީ "ވަށައިގެން ފޫޓު ދަނޑިއެއް ޖަހާފައި ފައުންޑޭޝަން އެޅުން" ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އިދިކޮޅު ބޭފުޅުންގެ އަމާޒަކީ ނުހެދި ހުރި ތަންތަނާއި ރިސޯޓުތައް އިތުރު އަހަރުތަކަށް ދިނުމެވެ. އެގޮތަށް އެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދޭ ނަމަ، ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ނުދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ ފަނާ ކުރުވަނިވި ވިސްނުމެކޭ (އިދިކޮޅުން ގެންގުޅެނީ). ގެއްލިގެންދާނެ ކަންތައްތަކެކޭ އިދިކޮޅުގައި އޮތީ. ވަރަށް ބޮޑު ބިރުވެރިކަމެކޭ އޮތީ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ އަގު 30 ޕަސަންޓު ހެޔޮ ކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ މި ސަރަހައްދުގައި އިންޓަނެޓް ޑޭޓާ އެންމެ އަގުހެޔޮ ގައުމަކަށް ރާއްޖެ ހެއްދެވުމަށް ކަމަށެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި ނަމަ، ހުޅުމާލެ އަކީ ބައިނަލްއަގްވާމީ ވިޔަފާރިތައް ހިނގާނެ ހަބަކަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި އިންޓަނޭޝަނަލް ބިޒްނަސް ސެންޓަރުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެ އާއި ވިލިމާލޭގައި އައިސީޓީ ޕާކްތަކެއް ތަރައްގީ ކުރަން ބޭނުންފުޅުވާ ކަން ހާމަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެކަންކަމަށް އިންވެސްޓް ކުރަން އުޅޭއިރު، "އަޅުގަނޑުމެންގެ ޑޭޓާ ބޭރު ބައެއްގެ ކޭބަލަކުން ޓްރާންސްމިޓް" ވާން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.