Roadha Mihaaru
"ބާއްވަން މި އުޅެނީ އިންތިޚާބެއް ނޫން، އިންގިލާބެއް"

ބާއްވަން މި އުޅެނީ އިންތިޚާބެއް ނޫން، ރައްޔިތުންގެ އިންގިލާބެއް: އިންތި

07 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި ބާއްވަން އުޅެނީ ރިޔާސީ އިންތިޚާބެއް ނޫން ކަމަށާއި އެކަމަކު އެއީ ރައްޔިތުން ގެންނަ "އިންގިލާބެއް" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ މަހުގެ 23 ގައި ބާއްވަން އުޅެނީ ރިޔާސީ އިންތިޚާބެއް ނޫން ކަމަށާއި އެކަމަކު އެއީ ރައްޔިތުން ގެންނަ "އިންގިލާބެއް" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަނުން ތިމަރަފުށީގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އިސް މެމްބަރު އިންތި ވިދާޅުވީ، އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލައި، ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން "ދަމާކޫއްތާފައި ގެންގޮސް" ކުޑަގޮޅިއަށް ލައިގެން ބާއްވަނީ އިންތިޚާބެއް ކަމަށް ބުނެވެން ނެތް ކަމަށެވެ.

"އެކަމަކު ސެޕްޓެމްބަރު 23 ވަނަ ދުވަހު މި ކުރެވެނީ ރައްޔިތުންގެ އިންގިލާބެއް. ރައްޔިތުންގެ އިންގިލާބެއް ކޮށްގެން، ރައީސް ޔާމީން މި ބަލި ކުރަނީ. އެއީ ވޯޓު ފޮށިން ކަމުގައި ވީނަމަވެސް، އިންސާފެއް މިނިވަން ކަމެއް ނެތް ނަމަވެސް ރައްޔިތުންގެ އިންގިލާބެއް މި ގެންނަނީ." އިންތި ވިދާޅުވި އެވެ.

"އެ އަށް ފަހު ދެން ވެރިކަމުގައި ހުންނަވާނީ އިރާދަކުރެއްވިއްޔާ [އިދިކޮޅު ކެންޑިޑޭޓް] އިބްރާހިމް މުހައްމަދު ސޯލިހު."

އިންތި ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާފައިވާ ގިނަ ކަންތައްތަކާ ހެދި އޭނާ ބިރުގަނެ އެވެ. އޭގެ ބޮޑު ލިސްޓެއް އިންތި ވަނީ މިރޭގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ވައްކަމާއި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކަށް ފަހު، "މައުސޫމް ރައްޔިތުން އުޅޭ ރަށްރަށަށް ރައީސް ވަޑައިގެން، އަތިރިމަތީ ގިޑިގޭގައި އިންނަވައިގެން ދައްކަވާ ވާހަކަތަކުން ބިރުގަންނަ ކަމަށް" އިންތި ވިދާޅުވި އެވެ. އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ޝަރީއަތް ދިގުލައިގެން ގޮސް، އެންމެ ފަހުން އެއީ ނުވާ ކަމަކަށް ވެ، ގަތުލު ކޮށްލާފައިވާ އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދުގެ މަރަށް އިންސާފު ލިބިފައި ނުވާތީ ވެސް ބިރު ގަންނަ ކަމަށް އިންތި ވިދާޅުވި އެވެ.

"ރައީސް ޔާމީން ދެން އޮންނަ ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވުމުން އަޅުގަނޑު ބިރުގަނޭ. އެއީ މި ވެރިކަމުގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، ރާއްޖޭގެ އެއްވެސް ވެރިކަމެއްގައި މީހުން މަރާފައި ނުވާ ވަރަށް، ރައީސް ޔާމީންގެ މި ފަސް އަހަރުގެ ވެރިކަމުގައި މީހުން މަރާފައިވާ ކަމަށެވެ. މަގުމަތިން ވަޅި ހަރައިގެންނާއި އެކި ގޮތްގޮތުން މަރާފައިވާ މީހުންގެ އަދަދު 32 އަށް އަރާފައިވާއިރު އެ އިން މަރަކަށް އިންސާފު ލިބިފައި ނުވާތީ ބިރު ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ހިނގަމުން އަންނައިރު، ކައުންސިލްތަކާއި ކައުންސިލަރުން ސަސްޕެންޑް ކުރުން ވެސް ރެކޯޑް އަދަދަކަށް އަރާފައި ވާތީ އޭނާ ބިރުވެރިކަން ފާޅުކުރެއްވި އެވެ.

"ގާނޫނީ ވަކީލުން ވަނީ ރެކޯޑް އަދަދަކަށް ސަސްޕެންޑް ކޮށްފައި. ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާއި ފުލުހުންނާއި ސިފައިން ވަނީ ޖަލުގެ ކުޑަގޮޅިއަށް ލާފައި. މި ކަންކަމާ ހެދި އަޅުގަނޑު ބިރުގަނޭ. އަތުވެދާނެ ކޯފާ އަކަށް ބިރުގަނޭ،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން އެކުއެކީގައި ގޮސް، ރިޔާސީ އިންތިޚާބުން ރައީސް ޔާމީންގެ މި ވެރިކަން ނިންމައިލާނެ އެވެ.