Roadha Mihaaru
ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތްވެވިދާނެ: މާރިޔާ

ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތްވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް: މާރިޔާ

10 ސެޕްޓެމްބަރ 2018

ޔޫރަޕުގެ ބައެއް ގައުމުތަކާއި އެމެރިކާ އިން އަޅައިފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކުން ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސަލާމަތްވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ޔޫރަޕުގެ ބައެއް ގައުމުތަކާއި އެމެރިކާ އިން އަޅައިފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކުން ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސަލާމަތްވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މި މަހު 23ގައި، ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވެއްޖެ ނަމަ ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ސަރުކާރުގެ ބައެއް ވެރިންނަށް ބޭރުގެ ގައުމުތަކުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމެރިކާ ނުވަތަ ދުނިޔޭގެ ބޮޑު އެހެން ގައުމަކުން ފިޔަވަޅު އެޅުމަކީ އޭގެ ސަބަބުން އެތައް ގެއްލުމެއް އެމީހަކަށް ކުރާނެ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ވެސް އެބަ އޮތް މިކަން ކަމުން ސަލާމަތްވެ ތަންކޮޅެއް އަރާމުގައި އުޅުއްވޭނެ ގޮތް،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާސީ ކެންޑިޑޭޓުން ސޮއި ކުރެއްވުމަށްޓަކައި އިލެކްޝަންސް އިން ފޮނުވަންޖެހޭ ވޯޓު ލާ މީހުންގެ ލިސްޓު މިހާތަނަށް ވެސް ނުލިބޭތީވެ އާއި ވޯޓު ލާ މީހުންގެ ދެ ލިސްޓެއް ގެންގުޅޭތީވެ މާރިޔާ ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"ވޯޓާސް ލިސްޓު އަދި ވެސް އަޅުގަނޑުމެންނަށް ނުލިބޭ. ކެންޑިޑޭޓް ސޮއި ކުރާ ލިސްޓެއް ނުލިބޭ. އެބޭފުޅުން ގެޒެޓް ކޮށްފައި ވަނީ 45 ދުވަހުގެ ކުރިން އާންމުކޮށްފައި އޮތް ލިސްޓެއް. އޭގެ ފަހުން ރީ-ރަޖިސްޓްރީކޮށް ލިސްޓަށް ވަނީ ބަދަލުތަކެއް އައިސްފައި. އެހެންވީމަ އެއީ ފުރިހަމަ ވޯޓާސް ލިސްޓެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" އޭނާ ވިދާޅުވި އެވެ.

"އެތައް ލިސްޓުތަކެއް ގެންގުޅުމަކީ ބޭނުން ހުރި ކަމެއް ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" މާރިޔާ ވިދާޅުވި އެވެ.

އޮބްޒާވަރުންނާއި އޮފިޝަލުންނަށްވުމަށް އިދިކޮޅު އިއްތިހާދުގެ ފަރާތުން 10،000 އަށް ވުރެ ގިނަ މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. ނަމަވެސް އިންތިހާބު ބާއްވަން ދެ ހަފުތާއަށް ވެފައިވާއިރު މިހާތަނަށް ވެސް އޮބްޒާވަރުންނާއި އޮފިޝަލުންގެ ފާސްތައް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ރާއްޖެއަށް ގޮވާލާފައި ވަނީ ގިނަ ރައްޔިތުން އެދޭ ނަތީޖާ ނިކުންނާނެ ފަދަ އިންތިހާބެއް ބޭއްވުމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަސީގެ މަގަށް އިއާދަނުވެ އިންސާފުވެރި ނޫން އިންތިހާބެއް ބާއްވައިފި ނަމަ އެކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވިސްނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ އެ ބަޔާނުގައިވާ ކަންކަމަށް ރާއްޖެއިން ވަނީ ރަސްމީކޮށް އިންކާރުކޮށްފަ އެވެ. އަދި އެއީ އިންތިހާބު ބޯމަތިވެފައި އޮއްވާ ދެއްކި ބިރެއް ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.