Roadha Mihaaru
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ

އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ

11 ޖުލައި 2021

އެންމެ ރެއަކަށް ވިޔަސް ހަމަނިދި ނުލިބޭ ނަމަ އިންސާނާ އަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ރެއަކަށް ވިޔަސް ހަމަނިދި ނުލިބޭ ނަމަ އިންސާނާ އަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ބިހޭވިރަލް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރޭގަނޑުގެ ހަމަ ނިންޖަކީ އިންސާނާ އަށް އަސާސީ ކަމެކެވެ. އަދި މަދުވެގެން 6-8 ގަޑިއިރު ނިދި އެންމެ ރެއަކަށް ނުލިބުނަސް އެއީ ސިއްހީ އެތައް މައްސަލައެއްގެ ފެށުން ކަމަށާއި އެކަން ތަކުރާރުވާ ނަމަ ދިމާވާ މައްސަލަތައް ވަކިން ބޮޑުވާ ކަމަށް ބުންޏެވެ.

ނިދުމުގެ މުހިއްމުކަމާއި ރޭގަނޑުގެ ހަމަ ނިދި އިންސާނާ އަށް ބޭނުންވާ ސަބަބާ ގުޅޭ ގޮތުން އެތައް ދިރާސާއެއް މިހާތަނަށް ހަދާފައިވެ އެވެ. ނަމަވެސް ހަމައެކަނި އެންމެ ރެއެއްގެ ނިދިން މީހާ މަހުރޫމު ވިޔަސް ދިމާވެދާނެ ކަންކަމަށް ހާއްސަކޮށް ވަކިން މީގެ ކުރިން މާ ގިނަ ދިރާސާތަކެއް ހަދައިފައެއް ނެތެވެ.

ހޯމަ ދުވަހު އާންމުކުރި ރިޕޯޓަކީ އެންމެ ރެއެއްގެ ނިދި ގެއްލުނަސް ދިމާވެދާނެ މައްސަލަތަކާ ބެހޭ ގޮތުން އެމެރިކާގެ ސައުތު ފްލޮރިޑާ ޔުނިވަސިޓީގެ ސްކޫލް އޮފް އޭޖިން ސްޓަޑީޒް އިން ހަދާފައިވާ ދިރާސާއެކެވެ. މީގައި އިސްކޮށް މަސައްކަތްކުރެއްވި އެތަނުގެ ސްލީޕް، ސްޓްރެސް އެންޑް ހެލްތުގެ ޑިރެކްޓަރު ސޫމީ ލީ ވިދާޅުވީ ރޭގަނޑު ނިންޖަކީ ފަރުވާކުޑަކޮށްލަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ޖުމްކޮށް މުޅި މީހާގެ ސިއްހަތާއި ހަމަ ނިންޖާ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައި،" އޭނާ ވިދާޅުވި އެވެ.

ލީ ވިދާޅުވި ގޮތުގައި އިންސާނާގެ "ބޮޑީ ކްލޮކް" ބައްޓަންވެފައި އޮތީ ރޭގަނޑު ނިދި މުހިއްމުވާ ގޮތަށް ކަމަށްވާތީ ނިންޖާ މެދު މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވާން ޖެހެ އެވެ.

"އެހެން ނޫން ކަމަށްވާ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މީހާ ބަލިކަށިވާން މަގުފަހިވާނެ،" އޭނާ ވިދާޅުވި އެވެ.

ލީ ވިދާޅުވި ގޮތުގައި ހަމަ ނިދި ނުލިބޭ ނަމަ މީހާގެ ތާޒާކަން ގެއްލުމާއި ކަންނެތްވުމާއި ރުޅިގަދަވުމާއި ނެގަޓިވް ހިޔާލުތަކާއި ކަންބޮޑުވުންތަކާއި ފިކުރާއި ހާސްކަމާއި ނުތަވަސްކަން ކުރިމަތިވާނެ އެވެ.

"ނަތީޖާ އަކީ މީހާގެ އާންމު ދިރިއުޅުން ބޮއްސުންލައި، މީހާގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލި އުފެއްދުންތެރިކަން ވެސް ދަށްވުން،" އޭނާ ވިދާޅުވި އެވެ.

މީހަަކު ނިދަނީ.

މީހަަކު ނިދަނީ.

ބޮޑު މީހަކަށް އެންމެ މަދުވެގެން ވެސް ރޭގަނޑުގެ 7 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. އަދި ހަމަދިނި ނުލިބި އެކަން އާދައަކަށްވެއްޖެ ދިމާވާ ބޮޑެތި ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިތުގެބައްޔާއި ހަކުރުބައްޔާއި ފަލަވުމާއި ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލީގެ ޝިކާރައަކަށްވުން ހިމެނެ އެވެ.

ލީ ވިދާޅުވި ގޮތުގައި ދިިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ނިންޖަށް ދެވޭ ސަމާލުކަން ކުޑަވިޔަސް ކުޑަމިނުން ރޭގަނޑު ހަ ގަޑިއިރުގެ ނިދި ފުރިހަމަކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

"ނިންޖާއި މީހާގެ އާންމު ސިއްހަތު ވަނީ ގުޅިފައި. އެކަމަކު ނިންޖަކީ ވަރަށް ގިނަ ބަޔަކު އިހުމާލުކޮށްލާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ނަމަވެސް އަހަރެމެންގެ ދިރާސާ އިން ބާރުއަޅަނީ ނިންޖަކީ ލައިފްސްޓައިލަށް އަންނަ ބަދަލުތަކާ އެކު ވެސް ކޮމްޕްރަމައިޒްކުރަން ޖެހޭ ވަރުގެ ކަމެއް ނޫންކަން. އެހާ ވެސް މުހިއްމު ކަމެއް ނިންޖަކީ."