Roadha Mihaaru
ސަރުކާރުން މޮޑޭ ފުށްގަނޑަކަށް ގާނޫނުއަސާސީ ހަދައިފި

ސަރުކާރުން މޮޑޭ ފުށްގަނޑަކަށް ގާނޫނުއަސާސީ ހަދައިފި: ސުއޫދު

08 އޯގަސްޓް 2018

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އަށް 10 އަހަރު ވެގެން ދިޔަ އިރު ދައުލަތުގެ މުއައްސަސާތަކުން ގާނޫނުއަސާސީ ވަނީ މޮޑޭ ފުށްގަނޑަކަށް ހަދާފައި ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އަށް 10 އަހަރު ވެގެން ދިޔަ އިރު ދައުލަތުގެ މުއައްސަސާތަކުން ގާނޫނުއަސާސީ ވަނީ މޮޑޭ ފުށްގަނޑަކަށް ހަދާފައި ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ ތަސްދީގުކުރިތާ އިއްޔެ 10 އަހަރު ފުރުމާ ގުޅިގެން ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ބޭނުންވާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ހަދައި އޭގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެންމެން އެ މައްޗަށް އަމަލުކުރަން ޖެހޭ ލިޔުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތަސްދީގުކުރެއްވި ގާނޫނުއަސާސީން ވަނީ، އޭގެ ކުރިން ލިބިފައި ނުވާ އެތައް ހައްގުތަކެއް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ވެރިކަން ކުރާ ކޯލިޝަނަށް މަޖިލީހުގައި ލިބިފައި އޮތް އަޣުލަބިއްޔަތުގެ ބޭނުން ހިފައި، އިދިކޮޅު ޕާޓީތަކުގެ ވެސް ބައިވެރިވުމާ އެކު، މި ވެރިކަމުގައި ވަނީ ގާނޫނުއަސާސީ އަށް ބަދަލުތަކެއް ގެނެސް ހައްގުތައް ހަނިކޮށްފަ އެވެ.

ސުއޫދު ކުރެއްވި ޓްވީޓް

ސުއޫދު "މިހާރު" އަށް ވިދާޅުވީ ގާނޫނުއަސާސީ ތަސްދީގު ކުރީއްސުރެ ވެސް އެ އަށް ތަބާވުމުގެ ރޫހެއް ނުފެންނަ ކަމަށެވެ. ނަމަވެސް އުއްމީދު ކޮށްގެން ހުރީ 10 އަހަރު ވާ އިރު ގާނޫނުއަސާސީ އަށް އިހުތިރާމްކޮށް އެ އަށް އަމަލުކުރުމުގެ ރޫހު ފެންނާނެ ކަމަށެވެ.

ނަމަވެސް އެ ރޫހެއް އަދި ވެސް ނުފެންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ހަމަ މަގަށް އަޅުވައި ގާނޫނާ އެއްގޮތަށް ކަންތައްތައް ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް އެންމެ މަތީ ކޯޓުން ވެސް ވަނީ ސަރުކާރު ހަމަ މަގަށް އެޅުވުމުގައި އިހުމާލުވެފައި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ މެދު ކަންތައްތައް ކުރަމުންދާ ގޮތުން އެކަނިވެސް ގާނޫނުއަސާސީ އަށް ސުޕްރީމް ކޯޓުން އިހުމާލުވެފައިވާ މިންވަރު އެނގޭ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސުޕްރީމް ކޯޓުން،" ގާނޫނުއަސާސީ އެކުލަވައިލި ޚާއްސަ މަޖިލީހުގެ އައްޑޫ މެމްބަރުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.