Roadha Mihaaru

ގޮނޑީގެ އިސްލާހު ސައްހަކަމާއި މިހާރުގެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދިއްޖެ

ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދައުލަތުން އެދިއްޖެ އެވެ.

ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ނާޒިމް ހަސަން
ނާޒިމް ހަސަން

10 މާޗް 2025

ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދައުލަތުން އެދިއްޖެ އެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި އެ އިސްލާހު 20 ވަނަ މަޖިލީހުގެ މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ވަނީ އެދިފަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭން އެދޭ ކަމަށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފްވާ ކަމަށް ބުނެ އެވެ.

އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓަށް އިއްޔެ ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޖަވާބުގައި އެދިފައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ސައްހަ އިސްލާހުތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މިހާރުގެ މެންބަރުންނަށް ވެސް އެ އިސްލާހުގައިވާ އިޖުރާއަތްތައް ހިނގާނެ ކަމަށް ވެސް ކަނޑައަޅައިދޭން އެދިފައިވެ އެވެ.

މީގެއިތުރުން ދައުލަތުން ވަނީ ގާނޫނުއަސާސީގެ މާއްދާއެއް ބާތިލް ކުރުމުގެ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅަން ވެސް އެދިފަ އެވެ. މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އެކަމަށް އެދި އިޖުރާއީ އިއުތިރާޒެއް ނެގި ނަމަވެސް، ފަނޑިޔާރުން ނިންމެވީ ޝަރީއަތް ކުރިއަށް ގެންދާށެވެ. އަދި 10 ދުވަސް ތެރޭ ޖަވާބު ހުށަހެޅުމަށް ވެސް އަންގާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ މި މައްސަަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ އަޑުއެހުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވައި އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރައްވަ އެވެ.

އޭގެފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ މި މައްސަލައިގެ ޝަރީއަތް މިހާރު އޮތީ ހުއްޓިފަ އެވެ.