Roadha Mihaaru
ވިލާހައިސްކޫލްގެ ދަރިވަރުން ކިޔެވުމަށް ޝައުގުވެރިކުރުވަނީ

ދަރިވަރުން ކިޔެވުމަށް ޝައުގުވެރި ކުރުވުމަށް ވިލާ ހައި ސްކޫލުން އާ ޕްރޮގްރާމެއް ފަށައިފި

08 އޯގަސްޓް 2018

ވިލާ ހައި ސްކޫލްގެ ދަރިވަރުން ކިޔެވުމަށް ޝައުގުވެރި ކުރުމަށްޓަކައި "އިންކުއަރިންގް މައިންޑްސް"ގެ ނަމުގައި ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ވިލާ ހައި ސްކޫލްގެ ދަރިވަރުން ކިޔެވުމަށް ޝައުގުވެރި ކުރުމަށްޓަކައި "އިންކުއަރިންގް މައިންޑްސް"ގެ ނަމުގައި ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިހާރަށް ވުރެ ރަނގަޅަށް އަމިއްލައަށް ކިޔަވަން ދަސްކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި ފެށި މި ޕްރޮގްރާމްގެ ދަށުން، ގްރޭޑް 11ގެ ދަރިވަރުންނަށް ނަގާދިން ބައޮލޮޖީ ފިލާވަޅުގެ މައުލޫމާތު ހޯދާ ތަޖުރިބާ ކުރުމަށްޓަކައި ދަރިވަރުން އަމިއްލައަށް މަސައްކަތްކުރި އެވެ.

"އިންކުއަރިންގް މައިންޑްސްގެ ދަށުން ދަރިވަރުން ކިޔަވަމުން ދާނީ ވަރަށް އެކްޓިވިޓީ ބޭސްޑް ގޮތަކަށް. ފިލާވަޅުގެ ދަށުން އަމިއްލައަށް ދިރާސާކޮށް ހޯދާ އެއްޗެހި އެންމެ ފަހުން ކުލާހަށް ހުށަހަޅާނީ،" ވިލާ ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސްކޫލްގެ ހުރިހާ ފިލާވަޅުތަކެއް ވެސް މި ގޮތަށް ކުރިއަށް ގެންދިއުމަކީ ސްކޫލްގެ އަމާޒު ކަމަށެވެ.

ވިލާ ހައި ސްކޫލުން ބުނީ މި ޕްރޮގްރާމް ފެށީ އެއް އަހަރުން އަނެއް އަހަރަށް ގްރޭޑް 11 ކިޔަވަން ބޭނުންވާ ކުދިން މަދުވާ ކަމަށް އެ ސްކޫލުން ފާހަގަ ކުރެވޭތީ، އެ ކަމަށް ހައްލެއް ގެނައުމަށެވެ. ގްރޭޑް 11 ކިޔަވާ ކުދިންގެ އަދަދު އަހަރުން އަހަރަށް ދައްވަމުން ދަނީ އެ ކުދިންނަށް ކިޔަވާ، ދަސްކުރުމުގެ ހުނަރު ދަސްވެފައި ނެތުމުން ކަމަށާއި، އެހެންކަމުން ކިޔެވުމަށް ހުންނަންވާ ޝައުގުވެރިކަން ގެއްލިފައި ވުމުން ކަމަށް ވެސް އެ ސްކޫލުން ފާހަގަ ކުރިއެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް މިފަދަ ގޮތަކަށް ބޭނުންކޮށްގެން އެހެން ސްކޫލްތަކުން ކިޔަވައިދޭން ފަށައިފި ނަމަ، އަންނަން އޮތް ޖީލްތަކުގައި ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންތަކެއް އުފެދިދާނެ ކަމަށް ވިލާ ހައި ސްކޫލުން ބުންޏެވެ.