Roadha Mihaaru
އެމްއެލްއެސްޑީޕީ އުފައްދަން ސޮއި ހޯދަން ފަށައިފި

އެމްއެލްއެސްޑީޕީ އުފައްދަން ސޮއި ހޯދަން ފަށައިފި

09 އޯގަސްޓް 2018

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ލިބުމުން، ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ލިބުމުން، ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މި ޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން، ގާނޫނީ ވަކީލު އަބްދުﷲ ހަސީނަށް ދިނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެމްއެލްޑީސީޕީ އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ސޮއިތަކުގެ އިތުރުން ޕާޓީގެ ވަގުތީ ކައުންސިލަކާއި، ގަވާއިދާއި، ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

އަލަށް އުފައްދާ މި ޕާޓީ އަކީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ހަރަކާތްތަކާއި ސޯޝަލް ޑިމޮކްރަސީއެއްގެ އުސޫލްތައް، އިސްލާމީ އުސޫލްތަކަށް ފުށު ނާރާނެ ގޮތަކަށް ކުރިއަރުވާނެ ޕާޓީއެއް ކަމަށް ބުނެފައިވެ އެވެ.

މި ޕާޓީއަކީ މިހާރު ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކާ ހިލާފަށް މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި، އެހެންކަމުން މަސައްކަތްތެރިންގެ ޖަމިއްޔާތަކާ އެކު ގާތްކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

މީގެ އިތުރުން އެމްއެލްޑީސީޕީ އުފެއްދުމަށްޓަކައި ބޭނުންވާ އެއްބާރުލުން ހޯދުމަށް ޕާޓީގެ ސިޔާސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބައްދަލުކުރަން ފަށައިފި ކަމަށް އެ ނެރުނު ނޫސް ބަޔާނުގައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ ޓުއަރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ އެއްބާރުލާމާއި ތާއީދު އެމްއެލްޑީސީޕީ އަށް ލިބޭ ކަމަށް ވެސް ބުނެފައިވެ އެވެ.