Roadha Mihaaru
މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އާއި ލޭބަ ޕާޓީ އުވާލައިފި

މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އާއި ލޭބަ ޕާޓީ އުވާލައިފި

15 މާޗް 2023

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އަދި ލޭބަ ޕާޓީ މިއަދު އުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އަދި ލޭބަ ޕާޓީ މިއަދު އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންް (އީސީ) އިން ކުރި އިއުލާނުގައި ބުނީ 3،000 މެމްބަރުން ހަމަކުރުމަށް ޑީއާރުޕީ އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަން ހާސިލްވެފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ދެ ޕާޓީ އުވާލީ ކަމަށް ބުންޏެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާގޮތުން ޕާޓީއެއް ވުޖޫދުގައި އޮތުމަށް މަދުވެގެން 3،000 މެމްބަރުން ބޭނުންވެ އެވެ. އެހެން ނޫނީ، ވަކި މުއްދަތެއްގެ ތެރޭގައި އެ އަދަދަށް މެމްބަރުން ހަމަނުވެއްޖެނަމަ އުވާލާނެ އެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޑީއާރުޕީގައި ތިބީ 2،242 މެމްބަރުންނެވެ. ލޭބަ ޕާޓީގައި ތިބީ 2،556 މެމްބަރުންނެވެ.

އިއުލާނުގައި ބުނީ ޑީއާރުޕީ އާއި ލޭބަ ޕާޓީ އުވާލުމުގެ ކުރިން އެ ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދިން މުއްދަތުގައި ވެސް އެކަން އަންގާފައިނުވާ ކަމަށެވެ. އެހެންވެ، އެ ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ އެ ދަރަނި ނެގިއިރު ޕާޓީގެ އެންމެ އިސް އޮފިޝަލްގެ ގޮތުގައި ހުންނެވި ބޭފުޅާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ޑީއާރުޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. ލޭބަ ޕާޓީ އުފެއްދީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ.

ޑީއާރުޕީ އުވާލަން ނިންމައި އެކަން އީސީން މީގެ ކުރިން އިއުލާނުކުރުމުން އެ ޕާޓީން ހައި ކޯޓަށް ވެސް އެ މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބެލޭ ޒާތުގެ މައްސަލައަކަށް ނުވާތީ އެ ކޯޓުން މައްސަލަ ބޭރުކޮށްލީ އެވެ. އޭގެ ފަހުން، ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި ހުންނެވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ވަނީ ޑީއާރުޕީން އިސްތިއުފާ ދެއްވައިފަ އެވެ.