Roadha Mihaaru
ލޭބަ ޕާޓީ ރަޖިސްޓްރީކޮށްދީފި

ލޭބަ ޕާޓީ ރަޖިސްޓްރީކޮށްދީފި

21 ޖެނުއަރީ 2019

ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންވައިގެން އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމަނައިފި އެވެ.

ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންވައިގެން އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމަނައިފި އެވެ.

ލޭބާ ޕާޓީ ރަޖިސްޓްރީވި ކަމުގެ ލިޔުން އެ ޕާޓީގެ ވެރިންނާ ހަވާލުކުރީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްޑީޕީގައި ކުރިން މަސައްކަތް ކުރެއްވި ހަސީން، ލޭބާ ޕާޓީގެ އާއްމު ޖަލްސާ 317 މެމްބަރުންނާ އެކު ބޭއްވީ މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ. އެ ޖަލްސާގައި، އެ ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ ވަނީ ފާސްކޮށްފަ އެވެ. ލޭބާ ޕާޓީގެ ކުލައަކަށް ފާސްކުރީ ރަތް ކުލަ އާއި ކަޅު ކުލައިގެ އިތުރުން ހުދު ކުލަ އެވެ. ޕާޓީގެ ލޯގޯ އިން ފެންނަނީ ބިންގަލެއްގެ މަތީގައި ބަހައްޓާފައިވާ ފަސް ތަނބުގެ ގުއްބެކެވެ.

އެ ޕާޓީގެ ވަގުތީ ލީޑާޝިޕަށް 15 މެމްބަރުން ވަނީ އިންތިޚާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަސީންގެ އިތުރުން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގު ހޯދައިދިނުމަށް އުފައްދާފައިވާ ޖަމިއްޔާގެ އިސް މެމްބަރު މައުރޫފް ޒާކިރު ހިމެނެ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް 13 ބޭފުޅަކު ވަނީ އިންތިޚާބުކޮށްފަ އެވެ.

ލޭބާ ޕާޓީގެ އިސް ބޭފުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ

ލޭބާ ޕާޓީގެ އިސް ބޭފުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ

ޕާޓީ އުފެއްދުމުގެ ޖަލްސާގައި ހަސީން ވިދާޅުވީ ލޭބާ ޕާޓީ އަކީ މަސައްކަތްތެރިން އެ މީހުންގެ ހައްގު ހޯދުމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވާނެކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށެވެ. މިހާތަނަށް އުފައްދާފައިވާ ސިޔާސީ ޕާޓީތަކުން މުޅިން މަސައްކަތްކުރަނީ ވެރިންނާއި ވިޔަފާރިވެރިންގެ އަންގާ ގޮތަށް ކަމަށް ވިޔަސް ލޭބާ ޕާޓީން އުޅޭނީ މަސައްކަތްތެރިންގެ ހައްގުގައި ކަމަށް ހަސީން ވިދާޅުވި އެވެ. "މަސައްކަތްތެރިން ތިބީ މުޅިން ބާކީ ވެފައި. އެ ކަން ހައްލު ކުރަން މި ޕާޓީ މި އުފެއްދީ. މުޅިން ވެސް ހިމާޔަތް ކުރެވެނީ ވަޒީފާ ދޭ ފަރާތުގެ މަސްލަހަތު. އަޅުގަނޑުމެން މަސައްކަތްކުރާނީ ވަޒީފާ އަދާކުރާ މީހުންގެ ހައްގުގައި،" ހަސީން ވިދާޅުވި އެވެ.