Roadha Mihaaru
އިލްހާމް ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް: ވަކީލުން

އިސްލާހީ މަސައްކަތުގައި އިލްހާމް ފަހަތަށް ދިއުމުގެ ވިސްނުމެއް ނެތް: ވަކީލުން

12 އޯގަސްޓް 2018

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ބަންދުގައި ހުންނަވާތާ މިއަދަށް ހަ މަސް ދުވަސް ފުރުނުއިރު، ފަހަތަށް ޖެހުމުގެ އެއްވެސް ވިސްނުމެއް އިލްހާމްގެ ނެތް ކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ބަންދުގައި ހުންނަވާތާ މިއަދަށް ހަ މަސް ދުވަސް ފުރުނުއިރު، ފަހަތަށް ޖެހުމުގެ އެއްވެސް ވިސްނުމެއް އިލްހާމްގެ ނެތް ކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން އިލްހާމް ބަންދުކުރީ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފައި، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިދިޔަ ފެބްރުއަރީ މަހު އޭނާ ހައްޔަރުކުރި ފަހުން އޭނާ ހުންނަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

އިލްހާމްގެ ބަންދަށް ހަ މަސް ދުވަސްވުމާ ގުޅިގެން އޭނާގެ ވަކީލުން މިއަދު ނެރުއްވި ބަޔާނެއްގައިވަނީ ފާލުން ނެއްޓިފައިވާ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރު ކުރުވުމުގައި ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންދާ ހުރިހާ ރައްޔިތުންނަށް އިލްހާމް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އިލްހާމް އަދިވެސް ހުންނެވީ ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތި، އިސްލާހީ މަސައްކަތުގައި ވަރަށް ވަރުގަދަކޮށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އޭނާ ހައްޔަރު ކުރިއިރު ކުރި ތުހުމަތަކާ ގުޅިގެނެއް ނޫނެވެ. އޭނާގެ މައްޗަށް ފުރަތަމަ ކުރީ މިދިޔަ އަހަރު ހިނގައިދިޔަ ކަމަށް ބުނާ ރިޝްވަތުގެ މައްްސަލައަކާއި ޕީޕީއެމްގައި އިލްހާމް ހުންނެވިއިރު، އިދިކޮޅު މެމްބަރުން "ހޫނު ފެނަށް ވެއްޓޭނެ" ކަމަށް ވިދާޅުވެ، އިންޒާރު ދެއްވި މައްސަލައެއްގެ ތުހުމަތުގައި ކަމަށާއި އެކަމަކު އެއިން އެއްވެސް މައްސަލައެއްގައި ދައުވާ ކޮށްފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އޭގެފަހުން ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު އިލްހާމާ ދެކޮޅަށް ދައުލަތުން ހުށަހެޅި 32 ހެއްކަކީ ވެސް އިހްލާމްގެ އެއްވެސް އަމަލެއް ސާބިތުކުރަން ހުށަހަޅާފައިވާ ހެކި ނޫން ކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.

"ހެކިތައް ހުށަހަޅާފައިވާ ސަބަބުތަކުގައި އިލްހާމް އަހުމަދުގެ އަމަލަކާ ގުޅޭ އެއްވެސް ވާހަކައެއްގެ އިތުރުން އިލްހާމް އަހުމަދުގެ ނަން ވެސް ހިމަނާފައި ނުވާތީ، އެ ހެކިތަކަކީ އިލްހާމް އަހުމަދުގެ އަމަލެއް ސާބިތުވުމުގެ ފުރުސަތު ވެސް އޮތް ހެކި ގަރީނާތަކެއް ނޫނެވެ،" އެ ބަޔާނުގައިވެ އެވެ.

ބަންދުގައި ތިބޭ މީހުންގެ ޝަރީއަތް މައްސަލައިގެ ލިޔުންތައް ހަވާލު ކުރެވޭތާ 70 ދުުވަސް ތެރޭގައި ފަށަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރާއިރު، އިލްހާމަށް މައްސަލައިގެ ލިޔުންތައް ލިބުނުތާ މިއަދަށް 135 ދުވަސް ވެފައިވާ ކަމަށާއި އެކަމަކު މިއަދާ ހަމައަށް ވެސް އިލްހާމްގެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފަށާފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު މިދިޔަ މެއި މަހުގެ ގޮތެއް ނިންމި ފަހުން ވެސް މިއަދަށް 96 ދުވަސް ވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިކަންކަމާ ގުޅިގެން އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމީ ކިތަންމެ ލަދުވެތި ނަމަވެސް، ކަން އޮތްގޮތުގެ ހަގީގަތެކެވެ،" އެ ބަޔާނުގައިވެ އެވެ.

އިލްހާމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެއިން ކޮންމެ ބޭފުޅެއްގެ ބައި ވެސް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.