Roadha Mihaaru
އިލްހާމާ ދެކޮޅަށް 32 ހެއްކެއް ހުށަހަޅައިފި

އިލްހާމާ ދެކޮޅަށް 32 ހެއްކެއް، ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

07 މެއި 2018

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން 32 ހެއްކެއް ދައުލަތުން ހުށަހަޅައި، އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން 32 ހެއްކެއް ދައުލަތުން ހުށަހަޅައި، އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އެކަމުގައި ބައިވެރިވި ކަމަށް ބުނެ އިލްހާމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން، މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އިލްހާމާ ދެކޮޅަށް 32 ހެއްކެއް ހުށަހެޅިއިރު، އޭގެ ތެރޭގައި ސިއްރު ހެކިންނާއި ފުލުހުންގެ އިތުރުން ބައެއް ލިޔުންތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ވެސް ބައެއް ހުށަހެޅުންތައް ދައުލަތުން ހުށަހެޅި އެވެ. އެގޮތުން ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށާއި އަދި ފަހުން ހެއްކެއް ލިބިއްޖެ ނަމަ އެފަދަ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ދައުލަތުން އެދުނެވެ. އެކަމަކު އެ ހުށަހެޅުންތަކަށް އިލްހާމްގެ ވަކީލުން ދެކޮޅު ހެދި އެވެ.

ފަހުން ހެއްކެއް ލިބިއްޖެ ނަމަ ހުށަހެޅުމުގެ ފުރުސަތަކަށް ދައުލަތުން އެދިފައިވާތީ، އިލްހާމްގެ ވަކީލުން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި އެ ވަކީލުން ފާހަގަ ކުރެއްވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ދައުވާ ކުރަން ޖެހޭނީ ތަހުގީގު ނިންމުމަށް ފަހު ކަމަށާއި ދައުވާ ކުރުމަށް ފަހު ތަހުގީގު ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ އެއީ އެތައް ބަޔަކު ޝާމިލްވާ މައްސަލައެއް ކަމަށާއި މިހާރު ވެސް ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އިލްހާމްގެ މައްޗަށް ދައުވާ ކުރީ އޭނާ އަށް ރައްދުވާ ބައި ނިމި، ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބުމުން ކަމަށް ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ އަހުމަދު ހައިލަމް ނިންމެވީ ދައުލަތުން ހުށަހެޅި ހުށަހެޅުންތަކަށް ފުރުސަތު ދެއްވުމަށެވެ. އެގޮތުން ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދދިނުމަށް ގާޒީ ހައިލަމް ނިންމެވި އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި އިލްހާމްގެ ފަރާތުން ހަތް ހުށަހެޅުމެއް ހުށަހެޅި އެވެ. އެގޮތުން ކުށުގެ އަމަލު ހިނގި ވަގުތު ބަޔާން ކޮށްފައި ނެތުމުންނާއި ދައުވާ ފޯމްގައި ޕްރޮސެކިއުޓާ ޖެނެރަލް ސޮއި ކުރައްވާފައި ނެތުމުންނާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިލްހާމްގެ ވަކީލުން ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އިލްހާމާ ގުޅޭ ހެއްކެއް ނެތުމުން އެ ހެކިތައް ބަލައިނުގަތުމަށް ވެސް އިލްހާމްގެ ފަރާތުން ހުށަހެޅި އެވެ.

އެކަމަކު ގާޒީ ހައިލަމް ނިންމެވީ އިލްހާމްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އެއީ ދައުވާ ބާތިލް ކުރަންޖެހޭ ސަބަބެއް ނެތުމުންނާއި އަދި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު އެ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށްވާތީ އެވެ.

ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ހައިލަމް މިއަދު ނިންމެވުމުން ދެން އެ މައްސަލާގައި އޮންނާނީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމެވެ. އެ މަރުހަލާގައި އެންމެ ފުރަތަމަ އޮންނާނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

މިއަދުގެ އަޑުއެހުމުގައި އިލްހާމްގެ ވަކީލުން ވަނީ އޭނާ ބަންދުގައި ހުންނެވުމުގެ އިންތިޒާމްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އިލްހާމް ބަހައްޓާފައި ހުންނައިރު ބަންދުގައި ތިބޭ އެހެން މީހުންނާ ބައްދަލު ނުވާ ކަމަށާއި އަދި ލޮލުގެ ޑޮކްޓަރަކަށް ދައްކަން އެދުނުތާ މަހެއްހާ ދުވަސްވީއިރު ވެސް އެކަން ހަމަނުޖެހޭ ކަމަށް އިލްހާމްގެ ފަރާތުން ފާހަގަކުރި އެވެ.

ރައްދުގައި ދައުލަތުން ބުނީ އިލްހާމް ބަހައްޓާފައި ހުންނަ ޔުނިޓަށް ކޮންމެ ދުވަހަކުހެން ޑޮކްޓަރުންނާއި ނަރުހުން ޒިޔާރަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއްވެސް މީހަކަށް ނުފެންނަ ގޮތަށް އިލްހާމް ބަހައްޓާފައިވާ ކަމަށް ބުުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އިލްހާމަށް އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުންތައް މިހާރު ވެސް ދޭ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން ގާޒީ ހައިލަމް ދައުލަތަށް އެންގެވީ އިލްހާމްގެ ލޯ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް ފަހު އެކަން އެންގުމަށެވެ. އަދި އިލްހާމް ބަހައްޓާފައި ހުންނަ ޔުނިޓްގައި ތިބޭ ހުކުމް ތަންފީޒުކުރާ މީހުންނާއި ތުހުމަތުގައި ބަންދުގައި ތިބޭ މީހުންނާ މެދު ދެ އުސޫލަކުން އަމަލު ކުރަނީ ކޮން ގޮތަކުންތޯ ސާފުކުރަން ގާޒީ ދައުލަތަށް އެންގެވި އެވެ.

އިލްހާމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި މަޖިލީހުުގެ އިތުރު ތިން މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.