Roadha Mihaaru
ތުހުމަތެއް ނެތި ބަންދުކުރާތީ ފުލުހުންނަށް ފާޑުކިއުން

ތުހުމަތެއް ނެތި ބަންދުކުރާތީ ފުލުހުންނަށް ފާޑުކިއުން

12 ފެބުރުއަރީ 2018

އެއްވެސް ތުހުމަތަކާ ނުލައި މީހުން ހައްޔަރުކުރުމާއި ބަންދުކުރުން އަދި ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ފުލުހުން ހިންގާ ގާނޫނާ ޚިލާފު، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއްވެސް ތުހުމަތަކާ ނުލައި މީހުން ހައްޔަރުކުރުމާއި ބަންދުކުރުން އަދި ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ފުލުހުން ހިންގާ ގާނޫނާ ޚިލާފު، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ފުލުހުން އިއްޔެ ވަނީ، ރިޝްވަތުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ތިން ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ބޭންދުމަށް ފަހު އޭނާ ދޫކޮށްލީ މިއަދު ހެނދުނު ވެސް ހާޒިރުވާން އެންގުމަށް ފަހު އެވެ. އެކަމަކު ސަބަބެއް ނުބުނެ އެވެ.

މީގެ އިތުރުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާން ފައިސަލް އާދަމް ވެސް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރިއިރު ވެސް އެއްވެސް ސަބަބެއް ފުލުހުން ނާންގާ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ރޭ ފަތިހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވި ގޮތުގައި ތުހުމަތެއް ނެތި، ފުލުސް އޮފީހަށް މީހުން ހާޒިރުކުރުމާއި ބަންދުކުރުމަކީ ގާނޫނާ ޚިލާފަށް ފުލުހުން ހިންގާ "ވަރަށް ލަދުވެތި" އަމަލެކެވެ. އެކަމުން އެނގެނީ ސަރުކާރުން ބޭނުންވާ ޣައިރު ގާނޫނީ އަމަލުތައް ހިންގަން ފުލުހުންގެ މުއައްސަސާ އަށް ނުފޫޒު ފޯރުވާ މިންވަރު ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު، ފައިސަލް.-- ފޮޓޯ: ފޭސްބުކް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު، ފައިސަލް.-- ފޮޓޯ: ފޭސްބުކް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ތަހުގީގަށް ބަންދުކުރުން ނުހިމެނޭ ކަމަށެވެ. އެއްވެސް ތުހުމަތެއް ނެތި ފުލުސް އޮފީހަށް ހާޒިރުކުރުމާއި ބަންދުކުރުމަކީ ގާނޫނުއަސާސީގައި އޮންނަ މަފްހޫމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ސަލާމަތަށް ނުރައްކާ އޮތް ކަމަށް ހައްދަވައިގެން ގާނޫނާ ޚިލާފަށް ސްޓޭޓް އޮފް އިމަޖެންސީ އިއުލާންކޮށް، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް މި ހިފަހައްޓަނީ. އެއާ އެކު ސިޔާސީ ބޭފުޅުންގެ އަނބިންނާއި ދަރިން އެއްވެސް ކަމަކާ ނުލައި މުއައްސަސާތަކަށް ދަމައި ބަންދުކުރާ ހިސާބަށް ދިއުމަކީ ވަރަށް ލަދުވެތި އަމަލެއް،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލްހާމްގެ އަނބިކަނބަލުން ވިޔަސް އަދި އެހެން ރައްޔިތަކަށް ވިއަސް ފުލުސް އޮފީހަށް ހާޒިރުކުރަން ޖެހޭނީ މައްސަލައެއް އޮވެގެން ކަމަށެވެ. އެއްވެސް ތުހުމަތެއް ނެތި އެގޮތަށް ހާޒިރުކޮށް އެންމެ ގަޑިއިރަކަށް ނަމަވެސް މިނިވަންކަން ހިފެހެއްޓުމަކީ ގަބޫލުކުރެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވި އެވެ.

ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ކޮންމެ ހާލަތެއްގައި ވެސް މީހަކު ހިފައި ހައްޔަރުކުރެވޭނެ ކަމަށް ފުލުހުން ވަނީ އަންގައިފަ އެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެގޮތަށް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވެ އެވެ. "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވީ ނަމަވެސް މީހުން ހައްޔަރުކުރުމާ ބެހޭ އިޖުރާއަތްތަކާ ބެހޭ ގާނޫނުތައް ސަސްޕެންޑްކޮށްފައި އޮތުމަކީ ހިތަށް އެރިހާ މީހަކު ހައްޔަރު ކުރުމަށް ބާރު ލިބޭ ކަމެއް ނޫން. އަދި ގާނޫނުއަސާސީގައި، އެއްވެސް މީހަކު ކުރި ކުށަކާ ގުޅިގެން އަނެކުންގެ ހައްގަށް އަރައި ނުގަނެވޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެ،" ވަކީލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުންގެ ފަރާތުން ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.