Roadha Mihaaru
އީސީން ކުރަން ޖެހޭ ކަންކަން މުލިއާގޭގައި އެބަ ކުރޭ

އީސީން ކުރަން ޖެހޭ ކަންކަން މުލިއާގޭގައި އެބަ ކުރޭ: ޝިފާޒް

14 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަން ޖެހޭ ކަންކަން މުލިއާގޭގައި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބުނެ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އެކަމަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަން ޖެހޭ ކަންކަން މުލިއާގޭގައި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބުނެ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އެކަމަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ވިދާޅުވީ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަމަވި ފަހުން، ބައެއް މީހުން "ބޮނޑި ބޮނޑި" ހިފައިގެން ބައެއް ތަންތަނަށް ވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް މުލިއާގޭގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ އެކަންކަން ކަމާ ބެހޭ މިނިވަން މުއައްސަސާތަކުން ބަލައި، ފިޔަވަޅު އަޅައިދިނުމަށް ވެސް ޝިފާޒް ވަނީ އެދިވަޑައިގެންފަ އެވެ.

އީސީގެ އޮފިޝަލަކު މީހެއްގެ ރީ-ރީރަޖިސްޓްރޭޝަން ފޯމު ފުރައިދެނީ.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އީސީގެ އޮފިޝަލަކު މީހެއްގެ ރީ-ރީރަޖިސްޓްރޭޝަން ފޯމު ފުރައިދެނީ.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

"މިއީ ދެ ފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ހޯދަން މަސައްކަތް ކުރާ ބަޔަކަށް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އަދި އެ ތަނުގައި (މުލިއާގޭގައި) މަސައްކަތް ކުރަނީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ ނަތީޖާތައް ޓެބްލެޓެއް މެދުވެރިކޮށް އިއުލާން ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ އެކަމާ ވެސް ދެކޮޅު ހައްދަވާ ކަމަށެވެ. އަދި ނަތީޖާ ގުނާފައި ލިޔަން ނޭނގޭ ނަމަ، އެކަން ނުކުރަން ޝިފާޒް އެދިވަޑައިގެންނެވި އެވެ.

"ޓެބްލެޓުން އަންނަ ނަތީޖާ ޝީޓަށް އަޅުގަނޑުމެން ބަރޯސާއެއް ނުވާނަން. ގަލަމަކުން، ނަތީޖާ ގުނާފައި ލިޔަން ނޭނގޭ ނަމަ، ތިކަން ނުކުރަންވީ ޝަރީފް. ތިޔަ ކުރައްވަން އުޅުއްވާ ކަންކަން އެނގޭތީ މި ދަންނަވަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް އިޝާރާތް ކުރައްވައި، ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ކުރިމަތިލި އިރު، އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިލެކްޝަންސް ކޮމިޝަން ކަމަށެވެ. ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމަށް 95،000 ފޯމް އީސީ އަށް ލިބުނު އިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރީ-ރެޖިސްޓްރޭޝަން ފޯމުތައް ޕްރޮސެސް ކުރެވިފައިވާ މިންވަރު ސާފުކޮށެއް ނުދެވެ އެވެ. މި އަދަދަކީ ރާއްޖޭގެ އެއްވެސް އިންތިޚާބެއްގައި ފެނުނު އަދަދެއް ނޫން ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ. އެހެންވެ، އެއީ ކިހިނެއްވި ކަމެއްތޯ ސާފު ކުރަމުން އަންނަ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

މީގެއިތުރުން، ބަންގްލަދޭޝްގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންތަކެއް މެލޭޝިއާގައި ވޯޓު ލާން ރަޖިސްޓްރީކޮށްފައި އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ކަންކަން ކޮންމެ ގޮތަކަށް ކުރިއަށް ގެންދިޔަސް، އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ކަންކަން ވަރަށް ގާތުން ދަނީ ބަލަމުންނެވެ. އަދި ވޯޓަށް "ވަގު ޖެހުމަށް ކޮށްފާނެ ހުރިހާ ކަމަކަށް" ސަމާލުވެގެން ތިބި ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވަނީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް ދިނުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކުން މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

"މިއީ ރައްޔިތުންގެ އިންތިޚާބެއް. އެ ބޭފުޅުންގެ އިންތިޚާބެއް ނޫން. އަޅުގަނޑުމެން އެންމެންގެ މަސްލަހަތާ ގުޅިފައިވާ އިންތިޚާބެއް މިއީ،" ޝިފާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ބާއްވަން މަހެއްހާ ދުވަހަށް ވެފައި ވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓު ލާ ފޮށިތަކާއި ބޫތުތައް ރަށްރަށަށް ފޮނުވަން ފަށައިފަ އެވެ. މި އިންތިހާބުގައި 491 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިރު އޭގެ ތެރޭގައި 43 ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއް ވެސް ހިމެނެ އެވެ.

އާއްމުކޮށްފައިވާ ވޯޓާސް ރަޖިސްޓްރީގައިވާ ގޮތުން އިންތިޚާބުގައި 263،183 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިޚާބުގައި އެ އަދަދު އުޅުނީ 239،165 ގަ އެވެ.