Roadha Mihaaru
2 މަސް، 153 ރަށް: އިބޫގެ ތަޖުރިބާ، އިހްސާސް!

66 ދުވަސް، 153 ރަށް: އިބޫގެ ތަޖުރިބާ އާއި އިހްސާސް!

19 ސެޕްޓެމްބަރ 2018

ރާއްޖޭގެ ޖަޒީރާ ރަށްތަކަށް، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރާވަޑައިގަތުމާ އެކު މަލުގެ ހާރުތަކާއި ކުލަގަދަ މަރުހަބާ އެވެ؛ ސަލާން ކުރަން ދިގު ސަފުތަކާއި ސެލްފީ ނެގުމުގެ ގިނަ ހުށަހެޅުންތަކެވެ. ރައްޔިތުންނާ އެންމެ ގާތުން، ބައްދަލުވުންތަކާއި ޖަލްސާތަކެވެ. ރައްޔިތުން ބަންޑުކޮށްލާ ޖަޒުބާތުތަކާ އެކު މާޔޫސްކަމުގެ ވަގުތުކޮޅުތަކެވެ. އެއާއެކު، އުއްމީދީ ވާހަކަތަކާއި ބަދަލަކަށް ތައްޔާރަށް ތިބި ކަމުގެ އާ އަޒުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ޖަޒީރާ ރަށްތަކަށް، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރާވަޑައިގަތުމާ އެކު މަލުގެ ހާރުތަކާއި ކުލަގަދަ މަރުހަބާ އެވެ؛ ސަލާން ކުރަން ދިގު ސަފުތަކާއި ސެލްފީ ނެގުމުގެ ގިނަ ހުށަހެޅުންތަކެވެ. ރައްޔިތުންނާ އެންމެ ގާތުން، ބައްދަލުވުންތަކާއި ޖަލްސާތަކެވެ. ރައްޔިތުން ބަންޑުކޮށްލާ ޖަޒުބާތުތަކާ އެކު މާޔޫސްކަމުގެ ވަގުތުކޮޅުތަކެވެ. އެއާއެކު، އުއްމީދީ ވާހަކަތަކާއި ބަދަލަކަށް ތައްޔާރަށް ތިބި ކަމުގެ އާ އަޒުމެވެ.

"ރަށަކަށް އަރާއިރު ބައެއް ފަހަރަށް ހިތަށްއަރާ، ހާދަ ހިތްގައިމު މަންޒަރެކޭ. މިއީއޭ މި ދަތުރުގައި އެންމެ އުފާވެރި ވަގުތު ކޮޅަކީ. އަނެއްކާ، އެހެން ރަށަކަށް އަރާއިރަށް، މާ އަސަރުގަދަ، ތަފާތު، ކަންތައްތަކެއް ފެންނަނީ. ވަކި މިވެނި ރަށެކޭ ބުނެވޭވަރަށް ވުރެން ހުރިހާ ރަށެއް ވެސް އަޅުގަނޑާ ވަރަށް ގާތްވެއްޖެ. މެދުވެރިއެއް ނެތި ބައްދަލުވެ، ރައްޔިތުންގެ އަޑު ވެސް އިވިއްޖެ."

މި މަހުގެ 23 އަކީ އުއްމީދާއި އުފާވެރިކަން އެކުލެވޭ ބަދަލުގެ ފެށުން. --އިބޫ

މިއީ، އަންނަ އާދީއްތަދުވަހު އޮންނަ އިންތިޚާބަށް ކުރެއްވި ކެމްޕޭން ދަތުރުގައި، އެކި ރަށްތަކުން ފެނިވަޑައިގެންނެވި މަންޒަރު އިބޫ ސިފަކުރެއްވި ގޮތެވެ. ރިޔާސީ ރޭހުގައި ފުރަތަމަ ފަހަރަށް ވާދަކުރައްވާ، އިބޫ އަށް އެ ކެމްޕޭންގައި ކުރެއްވުނު ތަޖުރިބާ އާއި ރައްޔިތުންގެ އިހްސާސްތައް "މިހާރު" އަށް ވަނީ ހިއްސާކޮށް ދެއްވައިފަ އެވެ.

އިބޫ ކުޑަ ކުއްޖަކު އުރާލައްވައިގެން ހުންނެވިއިރު، މީހަކު ސެލްޕީއެއް ނަގަނީ.

އިބޫ ކުޑަ ކުއްޖަކު އުރާލައްވައިގެން ހުންނެވިއިރު، މީހަކު ސެލްޕީއެއް ނަގަނީ.

"ކޮންމެ ރަށަކުން ވެސް ފެނުނީ ތަފާތު މަންޒަރެއް، އެކަމަކު އުއްމީދު އޮތީ އެއް މިސްރާބަކަށް،" އެއީ، ރައީސް އަބްދުﷲ ޔާމީން ވޯޓުގައި ބަލިކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވުން ކަމަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އެއް ދުވަހުން ނުވަ ރަށް: އެއީ، ރެކޯޑު އަދަދު!

ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، "ގައިދީން"ގެ ގޮތުގައި ތިއްބެވި އިދިކޮޅު ހަތަރު ލީޑަރުން ތަމްސީލްކުރައްވާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ނުކުންނަވަން ޖެހިވަޑައިގަތްއިރު، ކެމްޕޭން ކުރައްވަން އޮތީ އެންމެ ދެ މަހެވެ. މި މުއްދަތުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެރުމަކީ ފަސޭހަ ކަމެއް ނޫން ކަން، ކެމްޕޭން ޓީމަށް ވެސް އެނގެ އެވެ. އެހެންވިއަސް ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކަށް ވީ، އިބޫ އާއި ރަނިން މޭޓު ފައިސަލް ނަސީމް، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގަތުމެވެ.

އިންތިޚާބަށް ތިން ދުވަސް ވީއިރު، އެކަން ހާސިލްވެއްޖެ އެވެ. ޖުލައި 13 ގައި އައްޑޫ ސިޓީން "ޖަޒީރާ ދަތުރު" ރަސްމީކޮށް ފަށައި، 66 ދުވަހުގެ ތެރޭގައި އިބޫ އެކަނި ވެސް 153 ރަށަށް ވަޑައިގެންފި އެވެ. ބައެއް ދުވަސް ދުވަހު ފަސް ރަށަށް ވަޑައިގަންނަވަ އެވެ. އެ ދަތުރުތައް، ދ. ކުޑަހުވަދޫން މިދިޔަ ހޯމަ ދުވަހުގެ ރޭ ނިންމާލެއްވީ، އެ ދުވަހު އެކަނި ވެސް ނުވަ ރަށަށް ވަޑައިގަތުމަށް ފަހު އެވެ. މިއީ ކެމްޕޭންގެ ރެކޯޑު އަދަދެކެވެ.

މި ދަތުރުތަކުގައި، އެކި އުމުރުފުރައިގެ މީހުންނާ އެކު ގާތްގަނޑަކަށް 250،000 އަށް ވުރެ ގިނަ ފޮޓޯ ނެގިފައި އެބަހުރި ކަމަށް އިބޫ ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެކި ރަށްތަކުން ބައްދަލުވި މީހުންގެ އަދަދުގެ އަންދާޒާއެއް އެ ފޮޓޯތަކުން ކުރެވޭނެ އެވެ.

އިބޫ ރަށަކަށް ވަޑައިގެންނެވިއިރު މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމްކުރައްވަނީ.

އިބޫ ރަށަކަށް ވަޑައިގެންނެވިއިރު މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމްކުރައްވަނީ.

"ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކާ ވަކިވަކިން ބައްދަލު ކުރެވިފައި މިވަނީ. އަޅުގަނޑަށް އިހްސާސްކުރެވުނީ ރައްޔިތުންގެ ހާލަތު ހުރި ގޮތާއި ރާއްޖެ އޮތް ގޮތް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެމްޕޭންގެ އަމާޒަކަށް ވީ ވެސް ވީހާވެސް ގިނަ ބަޔަކާ ބައްދަލުކޮށް، އެ މީހުންގެ އަޑު އެއްސެވުމެވެ. އަދި ރައްޔިތުންގެ ހާލަތު އެންމެ ގާތުން އަމިއްލަ އަށް ވަޒަންކުރެއްވުމެވެ. މުޅި ކެމްޕޭން ނިންމާލައްވާނީ، މާދަމާ ފުވައްމުލަކަށް އަދި ބުރާސްފަތި ދުވަހު އައްޑު އަށް ވަޑައިގެން ބާއްވާ ބޮޑު ޖަލްސާ އިންނެވެ. މީގެ ކުރިން، ވެސް އެ ދެ ރަށަށް ވަޑައިގެން ދޮރުން ދޮރަށް ހިންގެވި އެވެ.

ރައްޔިތުންގެ ހާލަތު ހުރި ގޮތާއި ރާއްޖެ އޮތް ގޮތް އިހްސާސްކުރެވިއްޖެ. --އިބޫ

އެންމެން އެދެނީ އެއް ކަމަކަށް!

އިބޫ ވިދާޅުވި ގޮތުގައި އެންމެ ގިނަ މީހުންނާ، އޭނާ ކުރެއްވި ސުވާލަކީ އިދިކޮޅު ވެރިކަމެއްގައި އެންމެ މުހިއްމު ސިފައަކަށް އުއްމީދުކުރަނީ ކޮން ކަމެއްތޯ އެވެ. އެކަންކަން އޮޅުންފިލުއްވައި އިބޫ ވަނީ ރައްޔިތުންގެ ވާހަކަަތައް ނޯޓު ކުރައްވައިފަ އެވެ. ފޯނުގައި ވެސް ވަރަށް ގިނަ ވާހަކަ ލިއުއްވާފައިވާ އިރު، ރައްޔިތުން ދިން ގިނަ އަދަދެއްގެ ނޯޓުތައް ވެސް އިބޫގެ އަތުގައި އެބަހުއްޓެވެ.

"ގާތްގަނޑަކަށް 99 ޕަސެންޓް މީހުން އެދުނީ އަލުން އަނބުރާ މި ރާއްޖޭގައި އިންސާފު ގާއިމްކޮށްދޭން،" އިބޫ ވިދާޅުވި އެވެ.

ޅ. ނައިފަރަށް އިބޫ ވަޑައިގެންނެވިއިރު މަރުހަބާ ދަންނެވުމަށް ގޮސް ތިބި މީހުންނާ ސަލާމް ކުރައްވަނީ --. ފޮޓޯ: އެމްޑީޕީ

ޅ. ނައިފަރަށް އިބޫ ވަޑައިގެންނެވިއިރު މަރުހަބާ ދަންނެވުމަށް ގޮސް ތިބި މީހުންނާ ސަލާމް ކުރައްވަނީ --. ފޮޓޯ: އެމްޑީޕީ

އިބޫ ކިޔައި ދެއްވި ގޮތުގައި، ބައެއް މީހުންގެ ޝަކުވާއަކަށް ވީ، އާއިލާގެ ކޮންމެވެސް މީހަކު ނުހައްގުން ބަންދުކޮށްފައި ވުމެވެ. ސިޔާސީ ފިކުރު ތަފާތުވެގެން ވަޒީފާ އިން ވަކިކުރުމެވެ. އަނެއް ބައެއްގެ ކަންބޮޑުވުމަކީ ސަރުކާރުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ތަފާތުކުރުން ގެންގުޅުމެވެ. ވަޒީފާ ދިނުމުގައި ހަމަހަމަ ކަމެއް ނެތުމެވެ. މި ޝަކުވާތަކާ އެކު ރައްޔިތުން އެދުނީ، އިބޫ ވިދާޅުވި ގޮތުގައި، "ހަމަހަމަކަމާއި އިންސާފާއި އަދަލުވެރި" ބަދަލެކެވެ.

"އަޅުގަނޑުމެން ނުކުމެ މިތިބި މަގްސަދުތައް ހަމަ، ރައްޔިތުންގެ ދުލުން ވެސް އަޑު އިވުނީ،" އިބޫ ވިދާޅުވި އެވެ.

"ދެން، އަސާސީ ޚިދުމަތްތައް ނުލިބޭ ވާހަކަ. ތައުލީމީ ފެންވަރު ދަށް ވާހަކަ. ސިއްހީ ޚިދުމަތްތަކުގެ ކަންބޮޑުވުން، ބޯހިޔާވަހިކަމުގެ ދަތިކަން."

ހއ، ތަކަންދޫން އިބޫ އަށް މަރުހަބާ ކިޔަން ނުކުތް މީހަކު ދައްކާ ވާހަކަ އަޑުއްސަވަނީ. .-- ފޮޓޯ: އެމްޑީޕީ

ހއ، ތަކަންދޫން އިބޫ އަށް މަރުހަބާ ކިޔަން ނުކުތް މީހަކު ދައްކާ ވާހަކަ އަޑުއްސަވަނީ. .-- ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި، ބައެއް ރަށްތަކަށް އަރާވަޑައިގަތުމުން، ކަންފަތްދޮށުގައި ސިއްރުން ނުވަތަ ވަކިން ބަދަލުކޮށްފައި ވެސް ހިތްދަތިކަމާ އެކު ދައްކަނީ ދިމާވެފައި އޮންނަ ކޮންމެވެސް ބޭއިންސާފެއްގެ ވާހަކަ އެވެ. އޭގެ ތެރޭގައި ވަރަށް އާދަޔާޚިލާފު ހިތާމަވެރި ކަންކަން ހިމެނޭ ކަމަށް ވިދާޅުވި ނަމަވެސް އިބޫ ތަފްސީލަކަށް ވަޑައެއް ނުގަތެވެ.

"ރައްޔިތުންގެ އިހްސާސްތައް ސީދާ އެ މީހުން ކިޔައި ދިނުން އެއީ، އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން ލިބުނު ކަމެއް. އެހެން މީހަކު މެދުވެރި ވުމުގެ ބަދަލުގައި ސީދާ އަޅުގަނޑަށް އެ މީހަކާ ބައްދަލުކުރެވުމަކީ ތަފާތު ކަމެއް. އިހްސާސްތައް ދެނެގަންނަން މާ ބޮޑަށް ވެސް ފަސޭހަވި ކަމެއް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީގެ ވާހަކަ މާލޭގައި ތިބެގެން ކިތަންމެ އަޑުހަރުކޮށް ވެސް ދެއްކިދާނެ އެވެ. އެކަމަކު ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ގޭގެއަށް ވެންނެވުމުން ފެންނަނީ އަދި އަޑުއިވިވަޑައިގަތީ އަބަދު ދައްކާ ތަރައްގީގެ ވާހަކަތަކުގެ މުޅިން އިދިކޮޅެވެ. އެންމެ އަސާސީ ކަމެއްގެ ގޮތުގައި ހިމެނޭ ސާފު ބޯފެނުގެ މައްސަލަ ތަހައްމަލްކުރާ އެތައް ހާސް ރައްޔިތުންނެއް ތިބި ކަމަށް ވިދާޅުވި އެވެ.

ވަރުބަލިކަމެއް އިހްސާސެއް ނުކުރެވޭ، މާ އުފާވެރި

މިއީ، ސިޔާސީ މައިދާނުގައި އިބޫ ހޭދަކުރެއްވި 25 އަހަރުގެ ތެރޭގައި ވެސް "މިހާ ބިޒީކޮށް" އުޅުއްވި ފުރަތަމަ ފަހަރެވެ. ގަދަ އަވީގައި، އެއް ރަށުން އަނެއް ރަށަށް ގިނައިން ލޯންޗުގައި އަދި ފަހުން ސީޕްލޭންގައި ދަތުރު ކުރައްވައި، އެއްފަހަރާ އެތައް ބައެއްގެ އުދާސްތައް އަޑުއެއްސެވުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު، ކެމްޕޭން ދަތުރުތަކުގައި ވެސް އިބޫ ހިފެހެއްޓެވީ އޭނާގެ "މަޑުމައިތިރި، ކެތްތެރި" މިޒާޖުކަމަށް ހުރިހާ ދަތުރުތަކެއްގައި އިބޫއާ އެކު ވަޑައިގަތް ޝަހީދާ މުހައްމަދު ވިދާޅުވި އެވެ.

އިބޫ  ކާށިދޫގައި ހުރި އުނދޯއްޔެއްގައި އިށީނދެވަޑައިގެން. - ފޮޓޯ: އެމްޑީޕީ

އިބޫ ކާށިދޫގައި ހުރި އުނދޯއްޔެއްގައި އިށީނދެވަޑައިގެން. - ފޮޓޯ: އެމްޑީޕީ

"މީހަކު ވާހަކަ ދައްކަވާ ނަމަ، ކަނުލާ އަޑުއައްސަވަން އިންނެވި. ވާހަކަތައް އަމިއްލަ އަށް ނޯޓް ކުރައްވާ. އޭގެ ފަހުން އައްސަވާނެ ދެން ކޮން ކަމެއްތޯ، ފަހުން ވެސް އިތުރު ކަމެއް އޮވެދާނެތީ އަޅުގަނޑުމެންނަށް [ކެމްޕޭން ޓީމަށް] އިޝާރާތްކޮށްލައްވާނެ ނޯޓް ކުރައްވަން،" އިބޫ "މިހާރު"އާ ވާހަކަ ދެއްކެވިއިރު އަރިހުގައި އިންނެވި އަދި ހުރިހާ ރަށްތަކަށް ވަޑައިގަތް ފާތިމަތު ޝަހީދާ ބައެއް ވާހަކަ އިތުރުކޮށްދެއްވަމުން ވިދާޅުވި އެވެ.

"ގިނަ ރަށްތަކުން ހީވީ، އެ މީހުންގެ އާއިލާގެ ބޭފުޅަކާ ބައްދަލުކުރަން ކެތްމަދުވެފައި ތިބިހެން. ޝެޑިއުލަށް ވުރެ ބައެއް ދަތުރުތައް ލަސްވެފައި އެބަހުރި، އެ ބައްދަލުވުމުންތައް ދިގުލައިގެން ގޮސް. ކިތަންމެ އިރެއް ވިއަސް އެ މީހަކު ބުނަން ބޭނުންވާ ހުރިހާ ވާހަކަތަކަށް ޖާގަ ދެއްވި."

މި ދަތުރުތަކުގައި އިބޫ އަށް އެތައް ތަޖުރިބާތަކެއް ކުރެއްވުނުއިރު، އެންމެ ޚާއްސަ އުފަލަކީ އެކި ރަށްތަކުން ކުޑަކުދިންނާ ބައްދަލުވުމުން ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެވެ.

"އެއީ އަދި ވަރަށް ވެސް އުފާވެރި، ހިތްހަމަޖެހުން ގެނުވި ކަމެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ، ކުޑަކުއްޖަކު އުރައިގެން: ކެމްޕޭންގައި އެންމެ ޚާއްސަ ކަމަކީ ކުޑަކުދިންނާ އެކު ހޭދަވި ވަގުތުތައް ކަމަށް އިބޫ ވިދާޅުވި. --ފޮޓޯ/އެމްޑީޕީ

އިބޫ، ކުޑަކުއްޖަކު އުރައިގެން: ކެމްޕޭންގައި އެންމެ ޚާއްސަ ކަމަކީ ކުޑަކުދިންނާ އެކު ހޭދަވި ވަގުތުތައް ކަމަށް އިބޫ ވިދާޅުވި. --ފޮޓޯ/އެމްޑީޕީ

އިބޫގެ ހިތުން ނުފިލާނެ އަނެއް ކަމަކީ، ރައްޔިތުން ތިބި ޖޯޝާއި ފޯރި އެވެ. ރައްޔިތުން ތިބީ، އިބޫ ވިދާޅުވި ގޮތުގައި، ދުރާލައި އިންތިޚާބަށް ތައްޔާރުވެގެންނެވެ. ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭ އިލެކްޝަންސް ކޮމިޝަނުން ބޭނުން ގޮތަކަށް މި އިންތިޚާބުގައި ކަންކަން ކުރަން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކިތަންމެ މަކަރު ހަދަން، ކިތަންމެ އޮޅުވާލަން އުޅުނަސް ރަށްރަށުގައި އެތިބި ރައްޔިތުން އެ ފުރުސަތު ދޭނެހެނެއް ހިއެއް ނުވޭ. އެއަށް ވުރެން މާ ފޯރީގައި، މާ އުއްމީދާ އެކު ތިބީ،" އިބޫ ވިދާޅުވި އެވެ.

މާފުއްޓަށް އިބޫ ވަޑައިގެންނެވިއިރު މަރުހަބާ ކިޔަން ނުކުތް މީހުން ސަފަކަށް ހުއްޓިގެން. --ފޮޓޯ/އެމްޑީޕީ

މާފުއްޓަށް އިބޫ ވަޑައިގެންނެވިއިރު މަރުހަބާ ކިޔަން ނުކުތް މީހުން ސަފަކަށް ހުއްޓިގެން. --ފޮޓޯ/އެމްޑީޕީ

ކެމްޕޭންގައި، އެކި ރަށްރަށުން ބައްދަލުވި އެންމެން ހިމެނޭ ގޮތަށް، ޖުމްލަކޮށް ރާއްޖޭގެ ރައްޔިތުންނަށް އިބޫ ވިދާޅުވާން އޮތް ވާހަކަ އަކީ މިއެވެ.

"މިފަހަރު އަޅުގަނޑުމެން އެންމެން މިތިބީ އެކީގައޭ. ގިނަ ދުވަހުގެ ތަޖުރިބާއާ އެކީގައޭ ނުކުމެ މިތިބީ. އިރާދަކުރެއްވިއްޔާ ރައްޔިތުން މިއެދޭ ހެޔޮ ބަދަލު މި ރާއްޖެ އަށް އަންނަން ތަން ފެނިގެންދާނެއޭ. މި މަހުގެ 23 އަކީ އުއްމީދާއި އުފާވެރިކަން އެކުލެވޭ ބަދަލުގެ ފެށުމޭ."