Roadha Mihaaru

އިބޫ ހުވާކުރައްވާނެ ދުވަހަކާ މެދު މަޖިލީހުގައި ހޫނު ބަހުސްތަކެއް!

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާކުރައްވާނެ ދުވަހަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް މިއަދު ހިނގައިފި އެވެ.

އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

28 އޮކްޓޯބަރ 2018

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާކުރައްވާނެ ދުވަހަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް މިއަދު ހިނގައިފި އެވެ.

އެ ބަހުސް ކުރިއަށް ދިޔައިރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ޖަލްސާގައި އިންނެވި އެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިބޫ ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލައަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވީ އަންނަ މަހުގެ 11 ގައި އިބޫ ވެރިކަމުގެ ހުވާކުރައްވަން ޖެހޭނެ ކަމަށެވެ. އަދި މިއީ މެމްބަރުންގެ މެދުގައި ބަހުސަކަށް ދާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި އިބޫ ހުވާކުރައްވަން ޖެހިވަޑައިގަންނަވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ފުރިހަމަވާނީ އެ ދުވަހު ކަމަށް ވެސް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނުއަސާސީގައި ދައުރެއް ފެށޭ ތާރީހަކީ ކޮބައިކަމާއި ރިޔާސީ އިންތިޚާބުގެ ކަންކަން ވަކި ދުވަހެއްގެ ކުރިން ނިންމަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ނިމުނީ ތިން ބުރެއްގެ މަތިން އިންތިޚާބު ބާއްވައިގެން ކަމަށް ވާތީ ހުވާކުރުން ފަސްކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ ރޫހަށާއި ގާނޫނުއަސާސީއަށް ބަލާއިރު، ރިޔާސީ ދައުރެއް ފެށެނީ 11 ނޮވެމްބަރުގައި. އެހެންވީމަ، މިއީ ބަހުސެއް އޮތް މައްސަލައެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެ އިޝާރަތްކުރެއްވި 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އަނެއްކާވެސް އާ ބުރެއް ބޭއްވި އެވެ. އަދި އެ ބުރުން ނަތީޖާއެއް ނުނިކުތުމުން، ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ ނޮވެމްބަރު 16 ގަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަސް އަހަރުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ހަމަވިޔަސް، ޚާއްސަ ހާލަތެއް ދިމާވުމުން އެފަހަރު އެންމެ މަތީ ކޯޓުން ނިންމީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން، އިންތިހާބު ބާއްވައި، އާ ރައީސަކު ހުވާކުރަންދެން ދެމިގެންދާނެ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2013 ގަ އެވެ.

ދެ މަހަށް ވުރެ ގިނަ ދުވަހު މަޖިލިހުގެ ޖަލްސާއެއް ނުބާއްވައި ވޭތުވި ފަހުން މިއަދު ބޭއްވި ޖަލްސާގައި ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން 2013 ގައި އަމުރެއް ނެރުނީ އޭރުގެ ހާލަތު އޮތް ގޮތުން އިންތިޚާބީ ރައީސަށް ހުވާކުރުމުގެ ހާލަތު ނެތިގެން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 301 ވަނަ މާއްދާގައި ހުވާކުރާނެ ދުވަހަކީ ނޮވެމްބަރު 11، 2008 ކަމަށް ކަނޑައަޅާފައި އޮތުމުން ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަސް އަހަރުގެ ދައުރު ބަލަނީ ކޮންމެހެން 365 ދުވަސް ވީމައެއް ނޫން. އެކަން އަޅުގަނޑުމެންނަށް އެނގިއްޖެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ތިން އަހަރު ވަނިކޮށް ވެރިކަން ދޫކޮށްލެއްވީމަ އެއީ ވެސް ދައުރެއް ގޮތުގައި ބެލިފައި އޮތީ،" ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ 2013 ގެ ފަހުން ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ވެރިކަމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 17 ގައި ކަމަށް އެ އަހަރު އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ނެތް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 301 ވަނަ މާއްދާއަށް ރުޖޫއަވެ، ނޮވެމްބަރު 11 ވަނަ ދުވަހު އިބޫ ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އިބޫ ހުވާކުރައްވާނެ ދުވަހަކާ މެދު ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްފައި ގޮތެއް ނިންމައި، އެ ނިންމުމަށް ވޯޓެއް އަހަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތެއް އޮޅުންފިލުވަން ސިޔާސީ ޕާޓީތަކުން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 11 ގައި ވެރިކަމުގެ ހުވާ އިބޫއަށް ކުރެއްވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހެ އެވެ.

އެކަމަކު އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ބައެއް މެމްބަރުން އިޝާރަތްކުރެއްވި 301 ވަނަ މާއްދާ މިހާރު "ކައުންޓް" ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އެއީ އާ ގާނޫނުއަސާސީގައި ކަނޑައެޅި އިންތިގާލީ ބާބުގެ މާއްދާއަކަށް ވުމާއި 2008 ގެ ރިޔާސީ އިންތިހާބާއި 2009 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު އެ މަރުހަލާ ނިމިފައިވުމެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި. - ފޮޓޯ: މަޖިލިސް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި. - ފޮޓޯ: މަޖިލިސް

އިދިކޮޅު ފަރާތްތަކަށް އާރިފް ގޮވާލެއްވީ އިބޫ ލައްވައި ގޯހެއް ހައްދަވަން ނޫޅުއްވުމަށެވެ. އަދި ފަށާއިރު، "ކައްޗަށް ބިންގަލެއް ނޭޅުއްވުމަށް" އިބޫގެ އަރިހުން އޭނާ އެދިވަޑައިގަތެވެ.

"އެމަނިކުފާނު [އިބޫ] ހުވާކުރައްވާނެ ﷲ އިރާދަކުރެއްވިއްޔާ. ހައެއްކަ ދުވަސް ފަހުން [ނޮވެމްބަރު 17ގައި]. ކެތްތެރިވެވަޑައިގަންނަވާ. ފަށާއިރު ކައްޗަށް ބިންގަލެއް ނާޅުއްވާށޭ،" އާރިފް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވާތީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ފުރިހަމަކުރައްވަން ޖާގަ ދެއްވުމަށެވެ.

އެކަމަކު ކަނޑިތީމު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ހުސެއިން ވިދާޅުވީ ރައްޔިތުން ރައީސް ކަމަށް ހޮވި ބޭފުޅަކު ހުވާކުރައްވާނެ ދުވަހެއް ކަނޑައަޅަން ޖެހޭނީ މަޖިލީހުން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ރިޔާސަތުން އެޖެންޑާކޮށްފައި ވާތީ، އޭނާ ވަނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް ޝުކުރު ދަންނަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ދުސްތޫރީ ހަގީގަތުގެ މައްޗަށާއި ތާރީހީ ގޮތުން ހިނގާފައިވާ ކަންކަމަށް ބަލާއިރު، ރިޔާސީ ދައުރު ފެށޭ ދުވަހުގެ ގޮތުގައި ބަލަނީ 11 ނޮވެމްބަރެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރިޔާސީ ދައުރަކީ ފަސް އަހަރު ކަން ގާނޫނުއަސާސީން އެނގެން އޮންނައިރު، އެކަމާ ބަހުސްކުރެވިގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ ގާނޫނުއަސާސީއާ ހިލާފަށް ރިޔާސީ ދައުރު ނުފެއްޓެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އިބޫ އަކީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން،" އިބޫއަށް އިޝާރަތްކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ އިބޫ ހުވާކުރައްވާނެ ދުވަހެއް ކަނޑައަޅަން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފައަކަށް ދިއުން މުހިންމު ކަމަށެވެ. އަދި އެ މެމްބަރުން ވިދާޅުވާ ގޮތުގައި އެކަމުގައި ސުޕްރީމް ކޯޓުން މިކަމުގައި ގޮތެއް ނިންމުމަކީ މަޖިލީހުގެ ބާރު ކަނޑުވާލުމެއް ނޫނެވެ.