Roadha Mihaaru
އަޅުގަނޑުގެ "އަސްލު ސޫރަ" ބަދަލެއް ނުވާނެ: އިބޫ

އަޅުގަނޑުގެ "އަސްލު ސޫރަ" ބަދަލެއް ނުވާނެ: އިބޫ

20 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ހޭދަކުރެއްވި 25 އަހަރު ވެސް ރައްޔިތުންނަށް ދެއްކެވީ "އަސްލު ސޫރަ" ކަމަށާއި ދެގޮތެއް ނުވެ ދެމިހުންނަވާނީ އެ ސޫރައިގައި ކަމަށް އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ފުވައްމުލަކުގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފުވައްމުލަކުން ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ހޭދަކުރެއްވި 25 އަހަރު ވެސް ރައްޔިތުންނަށް ދެއްކެވީ "އަސްލު ސޫރަ" ކަމަށާއި ދެގޮތެއް ނުވެ ދެމިހުންނަވާނީ އެ ސޫރައިގައި ކަމަށް އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ފުވައްމުލަކުގައި ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭންގެ ފަހު މަންޒިލެއްގެ ގޮތުން އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުގައި، ފުވައްމުލަކުގައި މިރޭ ބޭއްވި އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ "އަޅުގަނޑަކީ ކާކު ކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ" ކަމަށެވެ. އޮޅުވާލައިގެން ރައްޔިތުންނަށް ދެރައެއް ދޭން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިހާތަނަށް ދެއްކީ މިއަދު ވެސް މި ފެންނަ ސޫރަ، އެއެއް ބަދަލެއް ނުވާނެ،" ވާދަވެރި ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވަމުން އިބޫ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް މިހާރު ފެންނަނީ އެމަނިކުފާނުގެ އަސްލު ސޫރަ ނޫން ކަމަށާއި އެ ސޫރަ ފެންނާނީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ކަމަށެވެ.

ރައްޔިތުން ތިބީ ނިންމައިގެން. ވޯޓަކީ ނޫޓަށް ގަނެވޭ އެއްޗެއް ނޫން ކަން ވެސް ހާމަކުރާނެ --އިބޫ
ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން. --ފޮޓޯ:އެމްޑީޕީ

ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން. --ފޮޓޯ:އެމްޑީޕީ

އިބޫ އާއި މި ރަށަށް ނިސްބަތްވެވަޑައިގަންނަވާ ރަނިން މޭޓު ފައިސަލް ނަސީމް ވަޑައިގަތްއިރު، މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ތިއްބެވެ. އެއާޕޯޓުން ފެށިގެން ވަރަށް ދުރަށް ދަމާލާފައި އޮތް ސަފަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި ގޮތުގައި އެ މަންޒަރުން އެކަނި ވެސް އިންތިޚާބު ނިމިގެންދާނެ ގޮތް ކަށަވަރުވެއްޖެ އެވެ.

"މުޅި ރާއްޖެ އިން ވެސް ފެނުނީ އެއް މަންޒަރެއް، އިވެނީ އެއް އަޑެއް. ބަދަލުކުރަން ވެއްޖެއޭ،" އިބޫ ވިދާޅުވި އެވެ.

މިއީ، ރައްޔިތުން ތިބި ގޮތް ކަމަށް ވިދާޅުވެ އަނެއްކާވެސް ރައީސް ޔާމީނަށް އިބޫ ފާޑުވިދާޅުވި އެވެ.

"ހިތާނުވާ ކަމަށް ބުނީމާ، ފަހަތުން އާވާރާވެގެން ދުވުމަކީ ތަހުޒީބު ދުނިޔެއެއްގައި މީހުން ކުރާ ކަހަލަ ކަމެއް ނޫން. ރައްޔިތުން ބުނެފި ރައީސް ޔާމީނަށް ނޫނެކޭ،" އިބޫ ވިދާޅުވި އެވެ.

އެ ނިންމުމުގައި ތިއްބައި، އެމަނިކުފާނަށް ވޯޓު ނުދޭންވީ ސަބަބަކީ ކޮބައިހޭ އައްސަވައި ޖަލްސާތަކުގައި ވާހަކަފުޅު ދެއްކެވުމަކީ، އިބޫ ވިދާޅުވި ގޮތުގައި، ތާކުންތާކު ޖެހޭ ކަމެއް ނޫނެވެ. ރަނގަޅު ގޮތަކީ ރައްޔިތުންނާ ވެރިކަން ހަވާލުކޮށް، ދުރަށް ވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ގަބޫލަސް ނުގަބޫލަސް 23 ސެޕްޓެމްބަރުގައި ރައްޔިތުން ގޮތް ނިންމާނެ، ވޯޓަކީ ނޫޓަށް ގަނެވޭ އެއްޗެއް ނޫން ކަން ވެސް ހާމަކުރާނެ،" އިބޫ ވިދާޅުވި އެވެ.

އެއާ ކޮންޑިޝަން ކުރެވެން ހުރި ހުރިހާ މިސްކިތެއް އެއާ ކޮންޑިޝަން ކުރާނަން. އެކަމުގައި ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތަ.

ފުވައްމުލަކުގެ ވަށައިގެން އޮތް ދެ ކިޅިއާ އެކު މި ރަށަކީ އަޖައިބެއް ފަދަ ރީތި ތަނެއް ކަން ފާހަގަކުރައްވައި މި ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގަތެވެ. އަދި ވިދާޅުވީ އެއީ، ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މަޝްރޫއުތަކެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ

މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ

ފުވައްމުލަކަށް ވެވަޑައިގެންނެވި ވައުދުތައް

ފުވައްމުލަކުގެ ފުއްދަވައި ދެއްވާނެ ލިސްޓުގެ ކުރިން، ރާއްޖޭގެ ރަށްތަކުގެ ތެރެއިން، އޭސީ ކުރެވެން ހުރި ހުރިހާ މިސްކިތްތަކެއް އޭސީކޮށް ކޮށްދެއްވަން ވައުދުވެވަޑައިގަތެވެ. އެކަމުގައި ބޭނުން ކުރައްވާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް ވެސް ވިދާޅުވި އެވެ.

- ފުވައްމުލަކުގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުން.

- ގިރާ ސަރަހައްދު ހިމާޔަތްކޮށް ފަތާ ފެންގަނޑެއް ގާއިމްކޮށްދިނުން.

- ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުން.

- ފުވައްމުލަކުގެ ވަކި ސަރަހައްދުތަކެއް ޓޫރިޒަމަށް ޚާއްސަކޮށް 1،000 އެނދު އުފެއްދުން.

- ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީ ކުރުން.

- ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ޑަޔަލިސިސް ހެދޭނެ ގޮތް މަގުފަހިކޮށްދިނުން.

- ރަނިން ޓްރެކަކާ އެކު ރަނަގަޅު ފުޓްބޯޅަ ސްޓޭޑިއަމަކާއި، ބެޑްމިންޓަން އަދި ވޮލީ އަށް އިންޑޯ ހޯލެއް ގާއިމްކުރުން.

- ދަނޑުވެރިކަމަށް ލުއި ލޯނާއި ސަބްސިޑީ ލިބޭނެ ގޮތް ހެދުން.

- އާސާރީ ތަންތަން ރައްކާތެރިކޮށް އޯޕަން މިއުޒިއަމެއް.

- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން ޒުވާނުން ތަމްރީންކުރުމަށް ގައުމީ ޔުނިވަސީޓިގައި ފެކަލްޓީއެއް އުފައްދައި އޭގެ މައި މަރުކަޒު ފުވައްމުލަކުގައި ގާއިމް ކުރުން.

- ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ އިން، ވިޔަފާރި ކުރާ ފަރާތްތަކަށް ޓެކްސް އިން ލުއި ގޮތްތައް ހަމަޖައްސައި އަދި އެ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

އިބޫ އާއި ފައިސަލް މި ރަށަށް އައުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

އިބޫ އާއި ފައިސަލް މި ރަށަށް އައުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

"މިއީ، މި ރަށަށް ކުރަން ހުރި ބައެއް ކަންކަމުގެ ވާހަކަ. އަޅުގަނޑުމެންގެ ފުރިހަމަ ލިސްޓު އިރާދަކުރެއްވިޔާ، ކައުންސިލާ ހަވާލުކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫގެ ވާހަކަ ނިންމާލެއްވީ އިންތިޚާބުގެ ދުވަހުގައި ވީހާވެސް އަވަހަކަށް ނުކުމެ ވޯޓު ފޮށިތައް ފުރާލަދޭން އެދިވަޑައިގަންނަވަމުންނެވެ. ރައްޔިތުންގެ ނިންމުން ބަދަލުކުރަން ކެރޭނެ މުއައްސަސާއެއް އެ ދުވަހު މި ގައުމުގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އެއީ، ރައްޔިތުންގެ ވެރިކަމެއް ގާއިމްވާ ދުވަސް،" އިބޫ ވިދާޅުވި އެވެ.