Roadha Mihaaru
އިންތިޚާބަށް 500 އަށް ވުރެ ގިނަ ޓެބްލެޓް ގެންނަނީ

އިންތިޚާބުގެ ނަތީޖާ ފޮނުވަން 500 އަށް ވުރެ ގިނަ ޓެބްލެޓް ގެންނަނީ

19 އޯގަސްޓް 2018

އަންނަ މަހު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ، ވޯޓު ލާ މަރުކަޒުތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް 500 އަށް ވުރެ ގިނަ ޓެބްލެޓް ހޯދައިދޭން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ މަހު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ، ވޯޓު ލާ މަރުކަޒުތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް 500 އަށް ވުރެ ގިނަ ޓެބްލެޓް ހޯދައިދޭން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި، ވޯޓުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މައި މަރުކަޒަށް ފޮނުވަނީ ފެކްސް އާއި ނެޓްބުކް މެދުވެރިކޮށެވެ. އެކަމަކު، މިފަހަރު ނަތީޖާ ފޮނުވަން ހަމަޖައްސާފައި ވަނީ ޓެބްލެޓުންނެވެ.

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި ބޭނުންކުރާ ޓެލެފޯން ފިކްސްޑް ލައިންތަކުގެ ތެރެއިން، ކޮންމެ ތަނެއްގައި ވެސް އެއް ލައިން ބެހެއްޓުމަށް ފަހު، ދެން ހުރިހާ ފިކްސްޑް ލައިންތަކާއި ފެކްސް ކަނޑާލާފައިވާތީ، މި އިންތިޚާބުގެ ނަތީޖާ ފެކްސް މެދުވެރިކޮށް ނުފޮނުވޭނެ އެވެ. ރައީސް އޮފީހުން އަންގައިގެން، މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ބަދަލު ގެނައީ، ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ސިޓީ އާއި ލިޔުންތައް ފޮނުވުމުގައި ފެކްސްގެ ބަދަލުގައި މިހާރު ބޭނުންކުރަނީ އީ-ގަވަމެންޓް ނުވަތަ ޖެމްސް ސިސްޓަމެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިޚާބަށް ޚާއްސަކޮށްގެން 550 ޓެބްލެޓް ހޯދައިދޭން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ޓެބްލެޓް ގެންނަނީ ކޮން ގައުމަކުން ކަމެއް އަދި އެކަން ހަވާލުކުރާނީ ކޮން ބަޔަކާ ކަމެއް ވެސް އަދި ނިންމާފައި ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މިފަހަރު، އިންތިޚާބަށް ހޯދާ، ޓެބްލެޓުގެ ސިމް މެދުވެރިކޮށް ނަތީޖާ އިލެކްޝަންސަށް ލިބޭނީ،" އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބާއްވާނެ ތާރީޚް އިއުލާން ކުރަން، އިންތިހާބާ ބެހޭ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ކެމްޕޭން މެނޭޖަރު އަދުލީ (ކ) އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ޓެބްލެޓެއް ހިއްޕަވައިގެން. --ފޮޓޯ/މިހާރު

ރިޔާސީ އިންތިހާބު ބާއްވާނެ ތާރީޚް އިއުލާން ކުރަން، އިންތިހާބާ ބެހޭ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ކެމްޕޭން މެނޭޖަރު އަދުލީ (ކ) އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ޓެބްލެޓެއް ހިއްޕަވައިގެން. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ޓެބްލެޓް މެދުވެރިކޮށް ނަތީޖާ ފޮނުވި ނަމަވެސް ވޯޓު ގުނުމާއި އެހެން ހުރިހާ ކަމެއް ވެސް ދާނީ، ކުރީގެ އިންތިޚާބުތަކެކޭ އެއްގޮތަށެވެ. އެހެންކަމުން ޓެބްލެޓް ބޭނުންކުރިއަސް "ކުރީގެ އިންތިޚާބުތަކާ އެއްވެސް ތަފާތެއް ނުވާނެ" ކަަމަށް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސުން ބުނީ ވޯޓުލާ މަރުކަޒަށް ޓެބްލެޓާ އެކު، ޕްރިންޓަރާއި އެހެން ވެސް ބޭނުންވާ ސާމާނު ފޮނުވާނެ ކަމަށެވެ. އިލެކްޝަންސުން ގެންނަ ޓެބްލެޓްތަކާ މެދު ޝައްކެއް ނުވަތަ ޕާޓީތަކުގެ އެއްވެސް ކަންބޮޑުވުމެއް އުޅޭ ނަމަ، އެ ޓެބްލެޓްތަކާއި ވޯޓުލާ މަރުކަޒުތަކުގައި އެ ބޭނުންކުރާ ގޮތް ކިޔައިދޭން ތައްޔާރު ކަމަށް ވެސް އިލެކްޝަންސުން ބުންޏެވެ.

ފުރަތަމަ ބުރުން ރައީސަކު އައްޔަންކުރާ، މި އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓާއިރު 263،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މި އިންތިޚާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ނުބާއްވާނެ ކަމުގެ ތުހުމަތު އިދިކޮޅު ޕާޓީތަކުން ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ވެސް އެކަން ދޮގުކުރެ އެވެ.