Roadha Mihaaru
ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން ދެގުނަ އިތުރު

ދެ ވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން ދެ ގުނަ އިތުރުވެއްޖެ

25 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،223 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި އެ އަދަދު ހުރީ 3،327ގަ އެވެ.

ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވަނީ އިންޑިއާގެ އިތުރުން ސްރީ ލަންކާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި ޔޫއޭއީގަ އެވެ. އެ ގައުމުތަކުގައި 14 ފޮއްޓެއް ބަހައްޓަން ނިންމާފައިވެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ދެ ވަނަ ބުރަށް ދިއުމުން، އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.

އޭގެ އިތުރުން، ރީ-ރަޖިސްޓްރޭޝަން އިތުރުވުމުން މި ފަހަރު 12 ފޮއްޓެއް އިތުރަށް ބަހައްޓަން ވެސް ވަނީ ނިންމައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. މިއީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 ޕަސެންޓަށް ވުރެ އިތުރު އަދަދަށް ނުވާތީ ދެ ވަނަ ބުރު އޮންނާނީ މި ދެ ބޭފުޅުންގެ މެދުގައި އަންނަ ހޮނިހިރުދުވަހެވެ.