Roadha Mihaaru
އިންކަމް ޓެކްސް ނަގާނަން: އިބޫ

އިންކަމް ޓެކްސް ނަގާނަން: އިބޫ

20 އޯގަސްޓް 2018

މުއްސަދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މުއްސަދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނަގާނީ ޓެކްސްގެ ނިޒާމު ފުރިހަމަކޮށް މުއްސަދިންގެ އަތުން ނަގާ ފައިސާއިން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ.

"ޖަޒީރާ މެނިފެސްޓޯގައި ވެސް އެ ވާހަކަ ވާނީ ލިޔެފައި. ޓެކްސްގެ ނިޒާމު ފުރިހަމަ ވުމަކީ ކޮރަަޕްޝަން ނައްތާލުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް،" އިބޫ ވިދާޅުވި އެވެ.

ޓެކްސް ނަގާނެ ގޮތް

* ދިރާސާކޮށް ކަމާގުޅޭ އެންމެންނާ މަޝްވަރާ ކުރާނަން

* ޓެކްސް ނަގާނީ ވަކި މިންވަރަކަށްވުރެ އިތުރަށް އާމްދަނީ ލިބޭ މުއްސަނދިންގެ އަތުން

* ގާނޫނެއްގެ ގޮތުގައި ތަފްސީލް ހާމަކުރާނަން

ޓެކްސް ފައިސާ ބޭނުންކުރާނީ

* ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް

* ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ސަލާން ޖެހުން ހުއްޓުވަން

* ބޯފެނާއި ނަރުދަމާ ގާއިމުކުރަން

* ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން ދިނުމަށް

ޓެކްސް ނިޒާމް ތައާރަފް ކުރި އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ވަނީ މުއްސަނދިންގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މިހާތަނަށް އެ ބިލްގެ މަސައްކަތް ކޮށްފައެއްނުވެ އެވެ.

މީރާ މެދުވެރިކޮށް ސަރުކާރުން ނާޖާއިޒު ފައިދާ ނަގާކަމަށް ވިދާޅުވެ އިބޫ ވަނީ އެކަން ހުއްޓުވުމަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އާންމު ވިޔަފާރިވެރިންނާއި ފަރުދުންގެ މައުލޫމާތު ރައްކާތެރިކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ބޭނުމަށް އެމައުލޫމާތުތައް ބޭނުންކުރުން ހުއްޓުވާނެ ކަމަށެވެ.

"މީރާ އަކީ ރައްޔިތުން އިތުބާރުކުރާ ނަޒާހާތްތެރި ތަނަކަށް ހެދޭނެ. އެގޮތުން މީރާގެ ބޯޑާއި އޮފިސަރުން ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރުވޭނެ،" އިބޫ ވިދާޅުވި އެވެ.

ޓެކްސްއާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް އެޅޭ ހުރަސްތައް ނައްތާލުމަށްޓަކައި ޓެކްސް އެޕީލް ޓްރެބިއުނަލް މިނިވަން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެ ބަދަލުތައް ގެނެވޭނީ މަޖިލީހުން ކަމަށްވާއިރު އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އިދިކޮޅު ކޯލިޝަނަށް ލިބިގެންދާނެ ކަމަށެވެ.