Roadha Mihaaru
ހިޔާނާތުގެ ފައިސާ ހުރިތަނަކުން ހޯދާނަން: އިބޫ

ހިޔާނާތުގެ ފައިސާ ހުރި ތަނަކުން ހޯދާނަން: އިބޫ

22 އޯގަސްޓް 2018

ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައުލޫމާތު ދައުލަތުގެ އިދާރާތަކުން ހާމަ ކުރުމަށް ގޮވާލައްވައި އަދި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައި ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ނ. މަނަދޫން ހަސަން މުހައްމަދު

ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައުލޫމާތު ދައުލަތުގެ އިދާރާތަކުން ހާމަ ކުރުމަށް ގޮވާލައްވައި އަދި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައި ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން، މަނަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލިފައި ވަނީ 1.3 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަސްލު އަދަދު އެ އަށް ވުރެ ބޮޑުވާނެ ކަމަށެވެ.

"އެހެން ނަމަވެސް އޭގެ އަސްލު އަގު ހަމަ ކުރީމާ އޮޑިޓާ ޖެނެރަލް ވިދާޅުވާ ގޮތުގައި އޭގެ ތިން ގުނަ ހަތަރު ގުނަ ބޮޑުވޭ،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ އެދިވަޑައިގަތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން، ހިޔާނާތުގެ މައްސަތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ.

"އަޅުގަނޑު މިއަދު ސަރުކާރުގެ ކޮމިޝަން ތަކަށް، އޭސީސީ އާއި އޮޑިޓާ ޖެނެރަލަށް މި ގޮވާލަނީ މަޑުން ނުތިއްބަވައި އެ މައުލޫމާތުތައް ހާމަ ކުރައްވަން،" ހިންނަވަރު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލުނު ފައިސާގެ ގިނަކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ، އެއީ ދައުލަތުގައި ހުރި ނަމަ ރައްޔިތުންގެ އަސާސީ ގިނަ ހިދުމަތްތަކެއް ފުއްދައިދެވޭނެހާ ފައިސާ ކަމަށެވެ.

"ހަމައެކަނި 1.3 ބިލިއަން ރުފިޔާ އަކީ ހަމައެކަނި ފައިސާ އިން ގެއްލުނު ފައިސާ ކަމަށް ބަލައި އައިޖީއެމްއެޗް އިމާރާތައް ކޮށްފައި އޮތް ބޭކާރު ހަރަދު އެއްކޮށްލީމާ އަޅުގަނޑުމެންނަށް އެބަ އެޅޭ ހުޅުމާލޭގެ ތިން ހުޅުމާލެ. މިއީ ވައްކަން ނުކުރި ނަމަ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައް. ސާދަ ހާސް އާއިލާ އަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ. މިއީ ރާއްޖޭގެ ބޯހިޔާވަހި ކަމަށް ބޭނުންވާ މީހުންގެ ގާތްގަނޑަކަށް 80 ޕަސެންޓު. 34 ބަނދަރު އެބަ ހެދޭ. 15 އެއާޕޯޓު އެބަ ހެދޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ މަނަދޫގައި ވާހަކަ ދައްކަވަނީ: އެދިވަޑައިގެންނެވީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަންގެ މައުލޫމާތުތައް ހާމަ ކުރަން -- ފޮޓޯ / އެމްޑީޕީ

އިބޫ މަނަދޫގައި ވާހަކަ ދައްކަވަނީ: އެދިވަޑައިގެންނެވީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަންގެ މައުލޫމާތުތައް ހާމަ ކުރަން -- ފޮޓޯ / އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުގައި ތަރައްގީގެ ނަމުގައި ކޮށްފައި ވަނީ ބޮޑެތި ވައްކަންތަކެވެ.

"ދެން މި ދައްކަނީ ކޮން ތަރައްގީއެއްގެ ވާހަކައެއްތޯ؟ އަޅުގަނޑު ދެކޭ ގޮތުގައި އެ ތަރައްގީ އޮތީ އެބޭފުޅުންގެ ޖީބުގައި،" އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ ދުވަހު އެ ފައިސާ ހޯދުމުގެ މަސަައްކަތް ކުރާނަން. މި ފައިސާ ހުރި ތަނަކުން ހޯދާނަން. މީގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ނަންގަވަން ޖެހޭނެ."

އިބޫ ވަނީ އިދިކޮޅު ސަރުކާރެއްގެ ވެރިކަމުގައި ހުރިހާ ރައްޔިތުންނަށް ވެސް ތަފާތު ކުރުމެއް ނެތި އަސާސީ ހުރިހާ ހިދުމަތްތައް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"ކޮންމެ ރަށަކުން ވެސް އެންމެ ބޭނުންވާ ކަމަކީ ބޯ ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތްތައް. މިއީ އަސާސީ ހިދުމަތްތައް. ސަރުކާރެއްގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަ ކުރެއްވިއްޔާ ހަމަހަމަ ކަމާ އެކު، އިސްތިސްނާއެއް ނެތި ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯއްދަވާނެ ކަމަށް އިބޫ ވިދާޅުވެފައި މި ވަނީ އެ މަސައްކަތް އިދިކޮޅު ފަރާތްތަކަށް ނުކުރެއްވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.