Roadha Mihaaru
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ

އަދީބު އަތުން ރައީސް ފައިސާ ނެންގެވި ކަމަށް ބުނާ މައްސަލަ ބަލަން އިިދިކޮޅުން ގޮވާލައިފި

21 ސެޕްޓެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި, އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ގެންދެވި ކަމަށް އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވި މައްސަލަ ބަަލަން އިދިކޮޅުން ގޮވާލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި, އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ގެންދެވި ކަމަށް އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވި މައްސަލަ ބަަލަން އިދިކޮޅުން ގޮވާލައިފި އެވެ.

އަދީބު އަތުން ފައިސާ ނެގި މީހުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ބޭފުޅުން ހިމެނޭ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަނީ ވިދާޅުވެފަ އެވެ. އަދި އަދީބު އޭރު އުޅުއްވި ރެހެންދި ފްލެޓުން 35 މިލިއަން ރުފިޔާ ކަޅު ދަބަހަކަށް އަޅައިގެން ގެންދެވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށާއި އެ މަނިކުފާނު ފައިސާއާއެކު ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖު ވެސް ކަމާ ބެހޭ ފަރާތްތަކުގައި ހުންނާނެ ކަމަށް އިނގިރޭސި ވިލާތުގައި ހުންނަވައިގެން ބޭއްވި ވާޗުއަލް މީޑިއާ ބްރީފިންގައި އަލީ ވިދާޅުވި އެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ އެ ވާހަކަތައް މިއަދު ވެސް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އަލީ ދައްކަވަނީ ތޯތޯ ވާހަކަ ކަމަށާއި ހެކި ހުރި ނަމަ އެ އެއްޗެއް އާންމު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަލީގެ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެނސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސްގެ މައްޗަށް މިފަދަ ތުހުމަތެއް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ތުހުމަތު ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން މިހާރުން މިހާރަށް މި މައްސަލަ ތަހުގީގު ކޮށްދެއްވުމަށް. އަދި ހަމައެއާއެކު ރައީސް ސޯލިހަށް ގޮވާލަން މި މައްސަލަ އިންސާފުވެރިކަމާ އެކީގައި ތަހުގީގު ކުރުމަށް ޖާގަ ދެއްވުމަށްޓަކައި މަނިކުފާނު އިސްތިއުފާ ދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ފައިސާ ނެންގެވިކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ރިޔާޒު ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަލީ ކުރެއްވި ތުހުމަތާ ގުޅިގެން އެ ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވަން އަބްދުއްރަހީމް ގޮވާލެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައިގައި ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ބަލައިދިނުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލައިފަ އެވެ. ރައީސް މަގާމުން އެކަހެރިވެވަޑައިގަތުމަށް ވެސް އެ މައްސަލައިގައި ގޮވާލާފައިވެ އެވެ. އެކަމަކު، އެ މައްސަލަ މިއަދުގެ އެޖެންޑާގައި ނުހިމެނި އެވެ

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، އެ މައްސަލަ މަޖިލީހަށް އެޖެންޑާ ނުކުރީ، ހިޔާނާތުގެ ފައިސާގައި ޖެހިފައި ހުރީ އެމްޑީޕީގެ އިސް ބޭފުޅުން ކަމަށް ވާތީ އެވެ.

އަލީ ރޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ވެސް ބޭއިންސާފުން ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށް ވިދާޅުވެ ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި ޔާމީންގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެއްވީތީ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގަތެވެ.

އެހެންވެ، އޭނާ އިދިކޮޅާ ގުޅިވަޑައިގަންނަވަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، 2023 ގައި އިދިކޮޅުގެ ކެންޑިޑޭޓަށް އަލީ ތާއީދު ކުރައްވާ ނަމަ އެއީ އޭނާގެ ނިންމެވުމެއް ކަމަށާއި އަލީއާއެކު އެއްވެސް ވާހަކައެއް އިދިކޮޅުން ނުދައްކާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ އެއްވެސް ތަހުގީގެއްގައި، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ހިޔާނާތުގެ ފައިސާ އެއްވެސް ގުޅުމެއް އޮތް ކަމެއް އެނގޭކަށް ނެތެވެ. ރައީސްއާއި ފައިސާއާ ގުޅުމެއް ނެތް ކަމަށް ރައީސް އޮފީހުން އަދި އޭސީސީއިން ވެސް ކުރިން ވަނީ ބުނެފަ އެވެ.