Roadha Mihaaru
ނަޝްފާއަށް އަނިޔާކުރީ ގެއިން ނެރެގެން ގެންގޮސް: މަންމަ

ނަޝްފާއަށް އަނިޔާ ކުރީ ގެއިން ނެރެގެން ގެންގޮސް: މަންމަ

25 އޯގަސްޓް 2018

ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކުމާ ކުރިމަތިވި އުމުރުން 15 އަހަރުގެ ނަޝްފާ ހަސަންއަށް އަނިޔާކުރީ، ގޭގައި ހުއްޓާ ނެރެގެން ގެންގޮސް ކަމަށް އޭނާގެ މަންމަ މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކުމާ ކުރިމަތިވި އުމުރުން 15 އަހަރުގެ ނަޝްފާ ހަސަންއަށް އަނިޔާކުރީ، ގޭގައި ހުއްޓާ ނެރެގެން ގެންގޮސް ކަމަށް އޭނާގެ މަންމަ މިއަދު ބުނެފި އެވެ.

ތިން އަންހެން ކުދިން ވެގެން ނަޝްފާއަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް މީގެ ދެ ތިން ދުވަސް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އެ މީހުން ނަޝްފާގެ މޫނު މަތީގައި ތަޅާތަން އެ ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ވީޑިއޯކޮށްފައިވަނީ އެ ގުރޫޕުގައި ހިމެނޭ އެހެން އަންހެން ކުއްޖެއް ކަމަށް ވެ އެވެ.

ވީޑިއޯ ވައިރަލްވީ މީގެ ދެ ތިން ދުވަސް ކުރިން ނަމަވެސް އެއީ މިދިޔަ މެއި މަހު ހިންގާފައިވާ ކަމެކެވެ.

ގދ. ތިނަދުއަށް އުފަން ނަޝްފާގެ މަންމަ ސީމާ އިސްމާއިލް، "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ އެ ދުވަހު ދަރިިފުޅު ހޯދަން އެގެއަށް ދިޔައީ ހަތަރު އަންހެން ކުދިން ހިމެނޭ ގުރޫޕެއް ކަމަށެވެ. އެ ވަގުތު ސީމާ އުޅެނީ ފާހާނައިގައި ކަމުން، ދޮރު ހުޅުވީ އޭނާގެ ނުވަ އަހަރުގެ ދަރިިފުޅު ކަމަށް ބުންޏެވެ.

"ދޮރު ހުޅުވީމައި އެ މީހުން ބުނީ ނަޝްފާ ކައިރީ ބުނެބަލާށޭ ބޭރަށް ނިކުމެ ބަލާށޭ. ވާހަކައެއް ދައްކަން ވެގެންނޭ. އޭރު އޭނާ ހުރީ ކޮޓަރީގައި ރީތިވާން،" އިތުރު ހަ ކުދިން ހުންނަ މަންމަ ބުންޏެވެ.

"އަޅުގަނޑު ބުނިން އެ މީހުން ކައިރީގައި އެތެރެއަށް ވަންނަން. އެކަމަކު ހަމަ ތަކުރާރުކޮށް އެދުނީ ނަޝްފާ ކައިރީ ބޭރަށް ނިކުންނަން ބުނަން."

ސީމާ ބުނީ އަންހެން ކުދިން ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް ކަމަށާއި އެހެންވެ، އެއީ ކޮން ކުދިންނެއްތޯ އޮޅުން ފިލުވައި އެ މީހުންނާ އެކު ބޭރަށް ނުދާން ދަރިފުޅު ގާތު އެދުނު ކަމަށެވެ.

"އެއީ ރައްޓެހި ކުދިންތަކެކޭ، ވަރަށް އަވަހަށް އެބަ އަންނަމޭ ކިޔާފައި ނިކުތީ،" ސީމާ ބުންޏެވެ.

ނަޝްފާ: ސްކޫލް ތެރެއިން ވެސް ކުދިންތަކެއް ދިމާކުރި ކަމަށް އާއިލާ އިން ބުނޭ

ނަޝްފާ: ސްކޫލް ތެރެއިން ވެސް ކުދިންތަކެއް ދިމާކުރި ކަމަށް އާއިލާ އިން ބުނޭ

އޭނާ ބުނީ ބޭރަށް ނިކުތްތާ ކުޑައިރުކޮޅެއް ފަހުން ނަޝްފާ އެނބުރި ގެއަށް އައި ކަމަށެވެ. އެކަމަކު އޭރު ހުރީ ކުޑަކޮށް ރޮވިފައި ކަމަށާއި ނަމަވެސް ވީ ގޮތް ކިޔައިނުދިން ކަމަށް ސީމާ ބުންޏެވެ. އެހެންވެ އޭނާ ބުނީ އެދުވަހު އެ ގްރޫޕުން އޭނާގެ ދަރިފުޅަށް އަނިޔާކުރިކަން، ނޭނގޭ ކަމަށެވެ.

ހުޅުމާލޭ ރެހެންދިި ސްކޫލުގެ ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ ނަޝްފާއަށް އަނިޔާކުރިކަން އޭނާއަށް އެނގުނީ، މިދިޔަ ބުރާސްފަތި ދުވަހު، މީހަކު އޭނާއަށް އެ ވީޑިިއޯ ދެއްކުމުން ކަމަށް ބުންޏެވެ.

ވީޑިއޯ ވައިރަލް ވުމާ އެކުހެން، ނަޝްފާ ވަނީ "ގެއްލިފަ" އެވެ. ސީމާ ބުނީ ހައްޖު ދުވަހު ދަރިފުޅު ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށެވެ. އަދި ފޯނަށް ގުޅުމުން ޖަވާބު ނުދޭ ކަމަށް ވެސް ބުންޏެވެ.

ސީމާ ބުނި ގޮތުގައި މީގެ ކުރިން ވެސް ނަޝްވާ "ދެ ތިން ދުވަހަށް ގެއްލިފައި" އެބަ ހުއްޓެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ވެސް ބުންޏެވެ. އެކަމަކު މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ނަޝްފާގެ ހަބަރެއް ނުވާކަމުގެ މައުލޫމާތު އޭނާ ފުލުހުންނަށް ދިނީ، އިއްޔެ ރޭ ފުލުހުން ގުޅުމުންނެވެ.

"މީގެ ކުރިން ފުލުހުންނަށް އެންގީމާ ވެސް އެހާ ބޮޑަކަށް އެ މީހުން ސަމާލުކަމެއް ނުދޭ. އެހެންވެ، އެ މީހުންގެ މާ ބޮޑު ސަމާލުކަމެއް ނުލިބޭތީ މި ފަހަރު ނޭންގީ،" ސީމާ ބުންޏެވެ.

ބުލީގެ ޝިކާރައަކަށް ވެފައި ހުންނަތާ އެތައް ދުވަހެއް

ދަރިންނާ އެކު ސީމާ ތިނަދޫން މާލެއަށް ބަދަލުވީ، މިދިޔަ އަހަރު އެވެ. އޭރުން ފެށިގެން އޭނާ އާއިލާއާ އެކު ދިރިއުޅެމުން އަންނަނީ ހުޅުމާލޭގަ އެވެ. ކުދިންގެ ބައްޕަ ހުންނަނީ ތިނަދޫގަ އެވެ.

ސީމާ ބުނި ގޮތުގައި ރެހެންދި ސްކޫލުގެ ތެރެއިން ވެސް ނަޝްފާއަށް ކުދިންތަކެއް ބުލީކޮށް، އަނިޔާކުރި އެވެ. އަދި އެކަމާ ގުޅިގެން އޭނާ ސްކޫލަށް ނުދާތާ މިހާރު ދެ މަސް ވެފައިވާ ކަމަށް ބުންޏެވެ.

"އެއް ދުވަހު ސްކޫލުން ގެއަށް އައިސް ބުނި ތިމަންނަ ފާހާނާއަށް ދިޔަ ތަނުން ދެ ކުއްޖަކު އައިސް ޖެހި ވާހަކަ. ވަރަށް ރޮއިފައި އެ ވާހަކަ ދެއްކީ،" ސީމާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ވަނީ އެ ވާހަކަ ސްކޫލުގެ ލީޑިން ޓީޗަރެއް ގާތުގައި ދައްކާފަ އެވެ. އެކަމަކު ބުލީ ކުރާ ވާހަކަ، ނަޝްފާ ސްކޫލަށް އަންގާފައި ނުވާ ކަމަށް ބުނެ ފަހުން އެކަމާ އަޅާނުލާ ކަމަށް މަންމަ ބުންޏެވެ.

"އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެ ކަހަލަ ކަމެއް ހިނގި. އެކަމަކު ސްކޫލުން ވެސް މާ ބޮޑަށް އަޅާނުލުމުން އަޅުގަނޑު ފަހުން އެ ވާހަކައެއް ނުދައްކަން. ނަޝްފާ ވެސް ސްކޫލަށް ދާން ދެކޮޅު ހެދުމަށް ފަހު، ނުގޮސް ހުއްޓާލީ،" ސީމާ ބުންޏެވެ.

އެކަމަކު ރެހެންދި ސްކޫލުން އެ ވާހަކަ ދޮގުކުރެ އެވެ.

އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ނަޝްފާއަށް ސްކޫލް ތެރެއިން ބުލީ ކުރާކަން އެނގުމުން، މަންމަ ސްކޫލަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ނަޝްފާ ސްކޫލަށް ނާންނަކަން އެނގުމުން، ވީ ގޮތެއް ބަލަން ދެ ފަހަރަކު ސްކޫލްގެ ފަރާތުން އެ ގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރިފުޅަށް އަނިޔާކުރާ ވީޑިއޯ ފެނުމާ އެކު ސީމާ ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. އަދި ވީޑިއޯ ވައިރަލްވުމާ އެކުހެން، ދަރިފުޅު ގެއްލުމުން އެކަމާ ވަރަށް ހާސްވެފައިވާ ކަމަށް ވެސް ބުންޏެވެ.

"ކޮންމެ ފަދަ މައްސަލައެއް ދިމާވި ނަމަވެސް، ޖަހައިގެން ނުވާނެ،" އޭނާ ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ނަޝްފާއަށް އަނިޔާކުުރި ކަމަށް ބެލެވޭ އަންހެން ކުދިންގެ ފޮޓޯ އާއި ފޭސްބުކް ޕްރޮފައިލް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމަކު މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށް، ސުވާލުކުރި ކަމެއް އަދި ނޭނގެ އެވެ.