Roadha Mihaaru
މެޔަށް ތަދެއް އަރައި ޝިފާޒަށް ރޭސް ފުރިހަމަ ނުކުރެވުނު

މެޔަށް ތަދެއް އަރައި ޝިފާޒަށް ރޭސް ފުރިހަމަ ނުކުރެވުނު

25 އޯގަސްޓް 2018

އިންޑޮނީޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ މެރެތަން ރޭހުގައި ވާދަކުރި ރާއްޖޭގެ މުހައްމަދު ޝިފާޒުގެ މެޔަށް ތަދެއް އަރައި ރޭސް ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. އެކަމަކު އޭނާގެ ހާލު މިހާރު ރަނގަޅެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑޮނީޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ މެރެތަން ރޭހުގައި ވާދަކުރި ރާއްޖޭގެ މުހައްމަދު ޝިފާޒުގެ މެޔަށް ތަދެއް އަރައި ރޭސް ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. އެކަމަކު އޭނާގެ ހާލު މިހާރު ރަނގަޅެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ، ބޭރުގެ މެރެތަން ރޭހެއްގައި 26 އަހަރަށް ފަހު ރާއްޖެ ތަމްސީލްކުރި ފުރަތަމަ ދުވުންތެރިޔާ އަށް 42 ކިލޯމީޓަރުގެ ރޭސް ހުއްޓާލަން ޖެހުނީ ހާފް މެރެތަން ވެސް ފުރިހަމަކުރި ފަހުން ކަމަށެވެ.

"ގާތްގަނޑަކަށް ތިން ބައި ކުޅަ ދެ ބައި ދުވި ފަހުން ޝިފާޒުގެ މެޔަށް ތަދެއް އެރީ. އެހިސާބުން ހުއްޓާލަން ޖެހުނީ. އެކަމަކު ހޮސްޕިޓަލުން ޗެކްއަޕް ހެދުމަށް ފަހު އިތުރު މައްސަލައެއް ނެތުމުން ދޫކޮށްލައިފި،" މުންތަގިމް ވިދާޅުވި އެވެ.

އިންޑޮނީޝިއާ ގަޑިން މިއަދު ހެނދުނު 6 ޖެހިއިރު ފެށި ރޭހަކީ، 1992 ވަނަ އަހަރުގެ ބާސެލޯނާ އޮލިމްޕިކްސްގައި ރާއްޖެގެ ހުސެއިން ހަލީމް (ކުޑަހުސެން) މެރެތަން ދުވި ފަހުން ފަހުން، ދިވެއްސަކު ދުވި ބޭރުގެ ފުރަތަމަ މެރެތަން ރޭހެވެ. އަދި ޝިފާޒަކީ އެއްވެސް އިރެއްގައި ބޭރުގެ ރޭހެއްގައި ރާއްޖެ ތަމްސީލްކުރި ތިން ވަނަ ދުވުންތެރިޔާ އެވެ. އަނެއް ދެ ދުވުންތެރިންނަކީ ކުޑަހުސެންގެ އިތުރުން 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ދުވި އަބްދުއްލަތީފް އަބްދުލްހާދީ އެވެ. އެކަމަކު އޭނާ އެ ފަހަރު ރޭސް ނިންމާފައެއް ނުވެ އެވެ.

މެރެތަންގެ ގައުމީ ރެކޯޑް އޮންނަ ޝިފާޒް ވަނީ، މުގުރާނުލެވި އެތައް ޒަމާނެއް ދިޔަ އެ ރެކޯޑް ނުވަ މަސް ދުވަހުގެ ތެރޭ ތިން ފަހަރު އާކޮށްފަ އެވެ. އެ ރެކޯޑް އެންމެ ފުރަރަމަ މުގުރާލީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ދުވެގެންނެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި 2 ގަޑި 39:40 މިނެޓުން ދުވެގެން ރެކޯޑް އާކުރުމަށް ފަހު ތިން ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް މެރަތަންގައި ވާދަކޮށް 2 ގަޑި 35:17 އިން ނިންމައިގެންނެވެ.

ގައުމީ ހާފް މެރަތަން ރެކޯޑް ވެސް މި ވަގުތު އޮތީ ޝިފާޒް އަތުގަ އެވެ. އޭނާ ވަނީ މި އަހަރުގެ މޭ 19 ގައި ނޭޕާލުގައި އޮތް ހާފް މެރަތަން ރޭސް 1 ގަޑި 14:01 މިނެޓުން ދުވެފަ އެވެ. ޝިފާޒް ފަހަކަށް އައިސް ބޮޑު ކުރިއެރުންތަކެއް ހޯދީ ސިފައިންގޭގެ އިތުރު ދުވުންތެރިންނާ އެކު ހެދި ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ. ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް މިދިޔަ އަހަރު ހެދި ދެ މަހެއްހާ ދުވަހު ތަމްރީންތަކަށް ފަހު ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.

އޭޝިއަން ގޭމްސްގެ އެތުލެޓިކްސްގައި ރާއްޖޭން ދެން ބައިވެރިކުރީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައި ވާދަކުރާ ހަސަން ސާއިދާއި 400 މީޓަރު ދުވުމުގައި ބައިވެރިވާ އައިޝަތު ހިމްނާ ހަސަން އަދި 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގައި ވާދަކުރާ އައިމިނަތު ޖައިޝާ ޖުނީޒެވެ. މީގެ ތެރެއިން ސާއިދުގެ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ބުރު ރާއްޖެ ގަޑިން މިއަދު ހަވީރު 5 ޖަހާއިރު ފަށާނެ އެވެ. އަދި ހިމްނާގެ 400 މީޓަރު ދުވުން ރާއްޖެ ގަޑިން 6:35 އޮންނާނެ އެވެ.