Roadha Mihaaru
ނިހާން އިދިކޮޅަށް: ރީތި އަޚުލާގަކީ ވަގަށް ގޮވުންތޯ؟

ނިހާން އިދިކޮޅަށް: ރީތި އަޚުލާގަކީ ވަގަށް ގޮވުންތޯ؟

29 އޯގަސްޓް 2018

ރީތި ކެމްޕެއިނަކާ އެކު، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން، މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރީތި ކެމްޕެއިނަކާ އެކު، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން، މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާންގެ ފާޑު ކިޔުން މިގޮތަށް އައީ، ދައުލަތުގެ މާލިއްޔަތުން ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އެޑްވާންސްކޮށް ވައްކަން ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އިބޫ އާއި އިދިކޮޅު ބައެއް ބޭފުޅުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނިކޮށެވެ.

ރައީސް ޔާމީން ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ތުއްތު ކުއްޖަކު އުރާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ތުއްތު ކުއްޖަކު އުރާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނިހާން ވިދާޅުވީ، ރައީސް ޔާމީން އެޑްވާންސްކޮށް ވައްކަން ކުރެއްވި ކަމަށް ވިދާޅުވެ، އިދިކޮޅު ބޭފުޅުން ވާހަކަ ދައްކަވަނީ ސާބިތު ހިފޭވަރުގެ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އިދިކޮޅު ބޭފުޅުންގެ މި ވާހަކަތަކުގެ ރިކޯޑިން ޕީޕީއެމުން ބަލަހައްޓަމުން އަންނަ ކަމަށް ނިހާން ވިދާޅުވި އެވެ.

"ރީތިކޮށް ކެމްޕެއިނަކީ މީހުންނަށް އެއްވެސް ސާބިތު ހެއްކެއް ނެތި ވަގަށް ގޮވުންތޯ އާއި އާޑަ ފުރައްސާރަ ކުރުންތޯ އާއި އިންސާނުންގެ އަބުރަށް ރައްކާތެރިވުމަކީ ދީނުގައި ކިހާ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާފައި އޮތް ކަމެއްކަން އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވަނީ އިސްލާމް ދީނުގެ އަސްލުތަކާއި އުސޫލުތަކާ ބޭރުން އެބޭފުޅުން ކެމްޕެއިން ކުރައްވަން އުޅޭތީވެތޯ؟" އިދިކޮޅު ފަރާތްތަކަށް އަމާޒު ކުރައްވައި ނިހާން ސުވާލު ކުރެއްވި އެވެ.

އިދިކޮޅު ބޭފުޅުން، ރައީސް ޔާމީންގެ އަބުރު ކަތިލުމަށް ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އެބޭފުޅުންނާ ދެކޮޅަށް ދައުވާ ނުކުރައްވާނެ ކަމަށް އެމަނިކުފާނު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ނިހާން ވަނީ ޕީޕީއެމްގެ ހައިސިއްޔަތުން، އެ ބޭފުޅުންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

"ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ އަބުރު ކަތިލުމަށް އެއްވެސް ސާބިތު ހެއްކެއް ނެތި ވަގަށް ގޮވާ މީހުން، ވަގަށް ގޮވާ ގަޑި އާއި މިނިޓާއި ސާއަތާއި ސިކުންތަށް ދަންދެން ރިކޯޑުކޮށް ވީޑިއޯއާ އެކުގައި އަޅުގަނޑުމެން ތައްޔާރު ކޮށްގެން އެބަތިބީމު،" ރިސޯޓު ހަދައި ބަނދަރާއި ފެނާއި ނަރުދަމާގެ ނިޒާމު ފަދަ ބޮޑެތި މަޝްރޫއުތައް ސަރުކާރުން ފުރިހަމަކޮށް ދިން ކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވި އެވެ.

އިބޫ ރާއްޖޭގެ ރަށަކަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވައިގެން. -- ފޮޓޯ: އެމްޑީޕީ

އިބޫ ރާއްޖޭގެ ރަށަކަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވައިގެން. -- ފޮޓޯ: އެމްޑީޕީ

"ގަޑި ޖެހުނީމަ، އެބޭފުޅުން ވިދާޅުނުވާތީ ތިއީ، ކެމްޕެއިން ފޯރީގައި ތިމަންނަ ބުނި އެއްޗެކޭ ވިދާޅުނުވާތި. އެހެންވެ، އެ ވާހަކަ ދަންނަވާލައި ހަނދުމަ އާކޮށް ދިނުމަށްޓަކައި އަޅުގަނޑު މި ވާހަކަ ދަންނަވާލީ."

ނިހާން ވިދާޅުވި ގޮތުގައި، އެމްޑީޕީން ރައްޔިތުންނަށް ކިޔައިދޭނެ، އަދި ދޭނެ އެކައްޗެއް ވެސް ނެތެވެ. އެމްޑީޕީގެ އަތުގައި އޮތީ ވަގަށް ގޮވުމާއި އަނިޔާވެރިކަމުގެ ވާހަކަ ކަމަށް ދެއްކުން އެކަނި ކަމަށާއި އިދިކޮޅު ކެންޑިޑޭޓު އިބޫ އަށް ވެސް އެ ނޫން އެއްޗެއް ވިދާޅުނުވެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން، 2008 ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްތަށިފުޅުގައި އެޅުވި ކަހަލަ އިލްޒާމްތަކެއް އަޅުވައިގެން އިދިކޮޅަށް ވޯޓު އަނބުރާލެވި ދާނެ ކަމަށް ހީކުރުމަކީ އެމީހުން ކުރާ މޮޔަ ކަމެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން، ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ވަގަށް ގޮވާ ނަމަ، އެ ބޭފުޅުންނާ ޗެލެންޖު ކުރައްވަން ތައްޔާރަށް ތިއްބެވި ބޭފުޅުން ޕީޕީއެމްގައި މަދު ނޫން ކަމަށެވެ. އަދި ރައްޔިތުން ގުނބޯ ހައްދަން އިދިކޮޅު ފަރާތްތަކުން އުޅުނަސް، އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް އިޝާރާތްކޮށް އިދިކޮޅު ފަރާތްތަކުން ސާބިތު ނުހިފޭ ވާހަކަ ދައްކާ ނަމަ، އެ އަށް ދޭނެ ޖަވާބުތައް އެބަހުރި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.