Roadha Mihaaru
އިބޫގެ ކެމްޕޭނަށް ޓީޗަރުން، ނިހާން ހިތްހަމަނުޖެހިއްޖެ!

ޓީޗަރުންނާއި ކުޑަކުދިން ކެމްޕޭނަށް ނެރެ އިބޫ ހައްދަވަނީ ގޯހެއް: ނިހާން

17 ސެޕްޓެމްބަރ 2018

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭންގައި ޓީޗަރުންނާއި ކުޑަކުދިން ބައިވެރިކޮށް، ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި އެއީ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) "ހައްދަވާ ވަރަށް ބޮޑު ގޯހެއް" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭންގައި ޓީޗަރުންނާއި ކުޑަކުދިން ބައިވެރިކޮށް، ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި އެއީ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) "ހައްދަވާ ވަރަށް ބޮޑު ގޯހެއް" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތު އިދިކޮޅުން ޕީޕީއެމަށް ކޮށް، އިބޫގެ ކެމްޕޭންގައި ރައްޔިތުންނަށް ދައްކަވަނީ ވަރަށް ހުތުރު މަންޒަރެއް ކަމަށެވެ. ކެމްޕޭން ދަތުރުތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުންނާ އިބޫ ބައްދަލުކުރައްވައި އޭނާ އަށް ތާއީދު ނުކޮށްފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު ދައްކަވައި ކެމްޕޭންގައި ޓީޗަރުންނާއި ކުޑަކުދިން ބައިވެރިކުރަމުންދާ ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.

"ވަރަށް ނުރައްކާތެރި ލެވެލަކަށް މި ކަންކަން މިގެންދަނީ. އެކަމަކު އަޅުގަނޑުމެންގެ ބޮލުގައި މި އަޅުވަނީ ތުހުމަތު ސަރުކާރުން ވަޒީފާގެ ބިރު ދައްކަނީއޭ، އިންޒާރު ދެނީއޭ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުންނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ރިޔާސީ ކެންޑިޑޭޓުންނާ އެކު ސްޓޭޖްތަަކަށް އަރައި އެ ބޭފުޅަކަށް ތާއީދު އޮތްކަން ހާމަކޮށް، ގޮންޖަހައި އުޅުނު ބައެއް ނޫނެވެ. އެކަމަކު އިބޫގެ ކެމްޕޭންގައި ދަރިވަރުންނަށް އެ ހުތުރު މަންޒަރު ޓީޗަރުން ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.

ޓީޗަރުންތަކެއް އިބޫގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެން އޭނާއާ އެކު ފޮޓޯ ނެގިކަން ފާހަގަކުރައްވައި ނިހާން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެ ޓީޗަރުންނާ ސުވާލުކޮށް، ފިޔަވަޅެއް އަޅާފައި ނުވުމަކީ ސިވިލް ސާވިސްގެ މުވައްޒަފުން މަޖުބޫރުކަމެއް ނެތި ވަޒީފާ އަދާކުރުމުގެ ފުރުސަތު މި ސަރުކާރުން ދޭ ކަމުގެ ހެއްކެއް ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ތައުލީމީ ދާއިރާގެ ޓީޗަރުން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހެނީ އެފަދަ ކަންކަމެއް ނޫނެވެ. އެއީ، "ވަރަށް ނުބައި އަމަލެއް"ގެ ގޮތުގައި ނިހާން ސިފަކުރެއްވި އެވެ.

"ތިޔަ ނުބައި ކަންތައް ވެސް ކުރުމުގެ އަޑީގައި އެންމެ ނުރައްކާ މިންވަރަކަށް ތިބީ ހަމަ އެމްޑީޕީގެ މީހުން، ޚާއްސަކޮށް އިބްރާހިމް މުހައްމަދު ސޯލިހް،" ނިހާން ވިދާޅުވި އެވެ.

އިބޫ ކެމްޕޭނަށް ނައިފަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެއްވި ބަޔަކު ގޮވައިގެން ދިޔަ ތުއްތު ކުއްޖަކު އުރާލައްވައިގެން  --. ފޮޓޯ: އެމްޑީޕީ

އިބޫ ކެމްޕޭނަށް ނައިފަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެއްވި ބަޔަކު ގޮވައިގެން ދިޔަ ތުއްތު ކުއްޖަކު އުރާލައްވައިގެން --. ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުން ބޮލަށް އެމްޑީޕީން އެރި ކުޅުވަމުންދާ ސިޔާސީ ކުޅިގަނޑު ލިޔެވޭނީ ވަރަށް ހުތުރު ސޮފްހާއެއްގެ ގޮތުގަ އެވެ. އެއާއެކު، އިބޫގެ ކެމްޕޭންގައި ބައިވެރިވާ ޓީޗަރުން އަޑީގައި ތިބެ، ކުޑަކުދިން ލައްވައި ދެ ނަމްބަރު ކެންޑިޑޭޓަށް ތާއީދުކުރާ ކަން ދައްކަން ބޯޑުތައް ހިފައިގެން ފޮޓޯ ނަގަމުންދާ ކަމަށް ނިހާން ވިދާޅުވި އެވެ.

ކެމްޕޭންގައި ސިޔާސީ މަންފާތަކެއް ހޯދަން ތުއްތު ކުދިން ބޭނުންކުރި މަންޒަރު ވިލިމާލެ އިން ވެސް ފެނިވަޑައިގެންނެވި ކަމަށާއި އެއީ އެ ކުދިންގެ ހައްގުތައް ފާޅުގައި އަރައިގަތުން ކަމަށް ނިހާން ވިދާޅުވި އެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ނިހާން ވަނީި ދެ ނަމްބަރު ކެންޑިޑޭޓަށް ތާއީދުކުރާކަން ހާމަކުރަން ހަދާފައިވާ ބޯޑުތަކެއް ހިފައިގެން ތިބި ކުދިންތަކެއްގެ ފޮޓޯ ދައްކަވައިފަ އެވެ.

ނިހާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަސްމީ ހައިސިއްޔަތުން ރައީސްް ޔާމީން ރަށްތަކަށް ވަޑައިގަންނަވާއިރު މަރުހަބާ ދަންނަވަން ދާ މީހުން ކުދިން ގޮވައިގެން ގޮސް ގައުމީ ދިދައެއް އަތަށް ދިނުމަކީ މައްސަލައެއް ކަމަށް ދެކެވަޑައެއް ނުގަންނަވާ ކަމަށެވެ. އެކަމަކު، އެއާ ޚިލާފަށް ކެމްޕޭނަށް ކުދިން ނެރެ، ވަކި ކެންޑިޑޭޓަކު ޕްރޮމޯޓް ކުރުމަކީ އިދިކޮޅުން ހިންގާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވި އެވެ.

އިބޫގެ ކެމްޕޭންގައި ބައިވެރިވާނެ މީހަކު ނުވެއްޖެ ނަމަ ކުޑަކުދިން ނެރުމުގެ ބަދަލުގައި ބިދޭސީންނަށް 100ރ. ދީގެން ނަމަވެސް ކެމްޕޭނަށް ނެރެ ފޮޓޯ ނަގައި ހެދުން މާ ރަނގަޅުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އެކަމަކު އޭނާ އެދިވަޑައިގަތީ ސިޔާސީ ކަންކަމުގެ ތެރެއަށް ކުޑަކުދިން ނުވެއްދުމަށެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް ތާއީދު ނެތަސް ޕީޕީއެމަކީ ރައްޔިތުންގެ ރުހުން ލިބިފައިވާ މަގުބޫލު ޕާޓީ އެކެވެ. އެކަން މާދަމާ ރޭ ބާއްވާ ޖަލްސާގައި ވެސް ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.