Roadha Mihaaru
ޗެމްޕިއަންސް ލީގު: ބޮޑު މެޗުތަކާއި ތަފާތު ވާހަކަތައް!

ޗެމްޕިއަންސް ލީގު: ބޮޑު މެޗުތަކާއި ތަފާތު ވާހަކަތައް!

31 އޯގަސްޓް 2018

މޮނާކޯ (އޮގަސްޓް 31) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް މި ފަހަރު ބެހުނު ގޮތަށް ބަލާއިރު ބޮޑެތި މެޗުތަކެއް ފެންނާނެ އެވެ. އެ މެޗުތަކާ ގުޅޭގޮތުންނާއި މި ފަހަރުގެ މުބާރާތާ ބެހޭގޮތުން ކޯޗުންނާއި ކްލަބްތަކުގެ ވެރިން އަދި ކުރީގެ ކުޅުންތެރިންވަނީ އުއްމީދީ ވާހަކަތަކެއް ދައްކައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮނާކޯ (އޮގަސްޓް 31) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް މި ފަހަރު ބެހުނު ގޮތަށް ބަލާއިރު ބޮޑެތި މެޗުތަކެއް ފެންނާނެ އެވެ. އެ މެޗުތަކާ ގުޅޭގޮތުންނާއި މި ފަހަރުގެ މުބާރާތާ ބެހޭގޮތުން ކޯޗުންނާއި ކްލަބްތަކުގެ ވެރިން އަދި ކުރީގެ ކުޅުންތެރިންވަނީ އުއްމީދީ ވާހަކަތަކެއް ދައްކައިފަ އެވެ.

މި ފަހަރު އެންމެ ވަރުގަދަވާނެ އެއް ގްރޫޕަކީ ގްރޫޕް ސީ އެވެ. މި ގްރޫޕުގައި ހިމެނޭ ލިވަޕޫލް، ޕީއެސްޖީ އަދި ނަޕޯލީ އަކީ އެޓޭކިން ފުޓްބޯޅައިގައި ޔޫރަޕުގައި މި ވަގުތު އެންމެ ފާހަގަކޮށްލެވޭ ތިން ޓީމެވެ. ދެން އޮތީ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އެވެ.

ރެޑް ސްޓާގެ އިތުރުން ދެން އޮތް މަޝްހޫރު ނަންތަކެއް ހިމެނޭ ތިން ޓީމުގައި ހުރީ ވެސް ފާހަގަކޮށްލެވޭ ކޯޗުންނެވެ. ނަޕޯލީގައި ހުރީ ޕީއެސްޖީ އަށް ކުރިން އިރުޝާދުދިން ކާމިޔާބު ކޯޗު ކާލޯ އަންޗެލޮޓީ އެވެ. މިިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލްގައި ހުރީ ކުރިން ޑޯޓްމަންޑަށް އިރުޝާދުދިން ޔާގެން ކްލޮޕް އެވެ. އަދި ޕީއެސްޖީގެ މިހާރުގެ ކޯޗަކީ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕްގެ ނަޒަރުގައި ވަރުގަދަ ގްރޫޕަކަށް ދިއުމަކީ އެ ޓީމަށް އޮތް ހުރަހެއް ކަމަށް ދެެކެންޖެހޭ ޖާގައެއް ނެތެވެ.

"ޕީއެސްޖީ އަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ކުޅުންތެރިންގެ ނިސްބަތުން ވަރުގަދަ ޓީމު. ޗެމްޕިއަންސް ލީގަކީ އެ މީހުންގެ ބޮޑު ޓާގެޓް. ތެދެއް ޕްރީ ސީޒަނުގައި އަހަރެމެން ނަޕޯލީ ބަލިކުރިން. އެކަމަކު އެ މެޗާ އަޅާކިޔާނެ ޖާގައެއް ނެތް. ނަޕޯލީ ދަނޑުގައި އަހަރެން ޑޯޓްމަންޑް ގޮވައިގެން ކުޅުނިން. އެއީ ތަފާތު މާހައުލެއް. ދެން ރެޑްސްޓާ ވެސް ދުލެއް ނުދޭނެ ކަން އެނގޭ. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި ޗެމްޕިއަންސް ލީގަށް ނުކުންނަން ޖެހޭނީ ކިހާ އުނދަގޫ މުބާރާތެއްކަން އެނގިތިބެ،" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ޕީއެސްޖީއާ އެވެ. މިއީ ފޯރިގަދަ އެޓޭކިން ކުޅުމެއް ފެންނާނެ މެޗެއްކަމަށް ބެލެވެ އެވެ.

ދެ ވަނަ އަށް އެންމެ ވަރުގަދަ ގްރޫޕަކަށް އޮތީ ގްރޫޕް ބީ އެވެ. އެ ގްރޫޕްގައި އޮތީ ބާސެލޯނާ، އިންޓަ މިލާން، ޓޮޓެންހަމް އަދި ޕީއެސްވީ އެވެ. މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ވެސް ފުރުސަތު ނުލިބި ބާސެލޯނާ ކެޓުމުން މި ފަހަރު އެ ޓީމުގެ އަމާޒަކީ މުބާރާތް ކާމިޔާބު ކުރުމެވެ. އަނެއްކޮޅުން ލޫޗިއާނޯ ސްޕަލެޓީގެ އިރުޝާދުދަށުން ނުކުންނަ އިންޓަ އިން މި ފަހަރުގެ މުބާރާތަށް ކޮލިފައިމިވީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ބޮޑު ހަރަދުކޮށްގެން އެ ޓީމު ވެސް އޮތީ ވަރުގަދަ ކޮށްފަ އެވެ.

މިދިޔަ އަހަރު ރެއާލް މެޑްރިޑް އޮތް ގްރޫޕެއްގައި މައުރީސިއޯ ޕޮޗެޓީނޯ ވަނީ ތަފާތު ދައްކައި ޓޮޓެންހަމަށް ގްރޫޕްގެ އެއް ވަނަ ހޯދައިދީފަ އެވެ. މި ފަހަރު އޭނާ އަށް މި އޮތީ މާ އުނދަގޫ މަރުހަލާ އެކެވެ. ބާސެލޯނާގެ ވާދަވެރި އެސްޕަންޔޯލަށް ކުޅެ އެ ޓީމަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ހުރީ މި ގްރޫޕްގެ މެޗުތަކަށް ކެތްމަދުވެފަ އެވެ. އަދި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ވެސް ވަނީ އުއްމީދީ ވާހަކަތަކެއް ދައްކައިފަ އެވެ.

"އަހަރެމެން މިދިޔަ އަހަރު ރެއާލް މެޑްރިޑާ ދެކޮޅަށް ވެސް ހިތްވަރު ދެއްކިން. މި ފަަހަރު މި އޮތީ އެ ފަދަ ކުޅުމެއް ބާސެލޯނާ އާއި އިންޓަ މިލާން ފަދަ ޓީމުތައް ކުރިމަތީގައި ދެއްކުން. މިއީ ވަރަށް ބަލާހިތްވާ މެޗުތަކަކަށްވާނެ،" އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ކޭން ބުންޏެވެ.

ދެން އެންމެ ފޯރިގަދަވާނެ ގްރޫޕަކީ އެޗް އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް، ވެލެންސިއާ އަދި ސްވިޒަލެންޑުގެ ޔަންގް ބޯއީސް އޮތް މި ގްރޫޕަކީ ބޮޑު މެޗުތަކެއް ފެންނާނެ ގްރޫޕެކެވެ. ރެއާލް މެޑްރިޑާ އެކު ހަތަރު ފަހަރު އަދި ޔުނައިޓެޑާ އެކު އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ޔުވެންޓަސްގައި ހުރިއިރު، އޭނާ ވިދާލި ކްލަބް ޔުނައިޓެޑާ ބައްދަލުކުރަން ޖެހޭނެ އެވެ. އަނެއްކޮޅުން މީގެ ދެ އަހަރު ކުރިން ޔުވެންޓަސް ދޫކޮށް ޔުނައިޓެޑާ ގުޅުނު ޕައުލް ޕޮގްބާ ވެސް ކުރީގެ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ.

ރަސްމީ ވާދަވެރި މެޗެއްގައި 2003 ވަނަ އަހަރުގެ ފަހުން ޔުވެންޓަސް އާއި ޔުނައިޓެޑް ނުކުޅެ އެވެ. އެހެން ކަމުން މިއީ 15 ވަރަކަށް އަހަރު ތެރޭ މި ދެ ގަދަ ބާރުގެ ފުރަތަމަ ކުރިމަތިލުމަށްވާނެ އެވެ. މިހާތަނަށް މި ދެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް މޮޅުވިއިރު، ޔުވެންޓަސް އަށް ހޯދުނީ އެންމެ މޮޅެކެވެ. އަނެއް މެޗުވީ އެއްވަރެވެ.

"މިއީ ވަރަށް ފޯރިގަދަވާނެ ގްރޫޕެއް. ބޮޑެތި ނަންތަކެއް. މުއްސަނދި ތާރީހުތަކެއް އޮތް ޓީމުތައް ވާދަކުރަން މި ޖެހެނީ. އަދި ނަން މަޝްހޫރު ބޮޑެތި ދަނޑުތަކުގައި މި މެޗުތައް ކުޅޭނީ. މިއީ އާ ޗެމްޕިއަންސް ލީގު ފުރިހަމަވާނެ ސަބަބުތައް،" ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުންޏެވެ.

މިދިޔަ ތިން އަހަރުގެ ޗެމްޕިއަން އަދި ޖުމްލަ 13 ފަހަރު ތަށި ހޯދާފައިވާ ސްޕެއިނުގެ ރެއާލް ލައްވާލީ އިޓަލީގެ އޭއެސް ރޯމާ އާއި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަދި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެންއާ އެކު ގްރޫޕް ޖީ ގަ އެވެ. އާ ކޯޗު ހުލެން ލޮޕެޓެގީ އާ އެކު ޔޫރަޕްގައި ރެއާލް ނުކުތް ފުރަތަމަ މެޗުން ވަނީ ސުޕަ ކަޕްގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފަ އެވެ.

އިންޓަ އާއި ޗެލްސީ އަދި އޭސީ މިލާންގެ ކުރީގެ ފޯވާޑް ހެނާން ކްރެސްޕޯގެ ނަޒަރުގައި މެންޗެސްޓާ ސިޓީ އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓެކެވެ. އޭނާ ވަނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ހޯދަމުން އަންނަ ކުރިއެރުމަށް ތައުރީފްކޮށްފަ އެވެ.

ސިޓީ ހިމެނެނީ ގްރޫޕް އެފްގަ އެވެ. ދެން އެ ގްރޫޕުގައި އޮތީ ޝަކްތާ ޑޮނެސްޓްކް، އޮލިމްޕިކް ލިޔޯން އަދި ހޮފެއިންހައިމް އެވެ. ޒުވާން ކޯޗު ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅޭ ހޮފެންހައިމް އަކީ ތަފާތު ސްޓައިލަކަށް ކުޅޭ ޓީމެކެވެ. މިދިޔަ ފަހަރު އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގަގެއްލުނީ ޕްލޭއޮފްގައި ލިވަޕޫލް އަތުން ބަލިވުމުންނެވެ. ނާގަލްސްމަން ބުނީ އޭނާގެ ޓީމަކީ މި ގްރޫޕުގެ އެންމެ އާދައިގެ ޓީމުގެ ގޮތުގައި މީހުން ދުށް ނަމަވެސް އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އޭނާ އެންމެ ހިތްހަމަ ޖެހެނީ އޭނާ އެންމެ ގަޔާވާ ކޯޗު ގާޑިއޯލާއާ ދެކޮޅަށް ނުކުންނަން ޖެހޭތީ ކަމަށް ވެސް ބުންޏެވެ.

ޝަކްތާގެ ކޯޗު ޕައޮލޯ ފޮންސޭކާގެ ނަޒަރުގައި އެ ގްރޫޕްގެ ފޭވަރިޓަކީ ސިޓީ އެވެ. އަދި އޭނާ އެންމެ ބޮޑަށް ފޯކަސް ކުރާނީ ދެން އޮތް ތިން ޓީމު އަތުން ޕޮއިންޓް ގެއްލުނަނުދޭން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް

ގްރޫޕް އޭ: އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)، ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން)، މޮނާކޯ (ފްރާންސް)، ކްލަބް ބްރުގެސް (ބެލްޖިއަމް).

ގްރޫޕް ބީ: ބާސެލޯނާ (ސްޕެއިން)، ޓޮޓެންހަމް ހޮޓްސްޕާސް (އިންގްލެންޑް)، ޕީއެސްވީ އެއިންދޯވެން (ނެދަލެންޑްސް)، އިންޓަ މިލާން (އިޓަލީ).

ގްރޫޕް ސީ: ޕީއެސްޖީ (ފްރާންސް)، ނަޕޯލީ (އިޓަލީ)، ލިވަޕޫލް (އިންގްލެންޑް)، ރެޑް ސްޓާ ބެލްގްރޭޑް (ސާބިއާ).

ގްރޫޕް ޑީ: ލޮކޮމޯޓިވް މޮސްކޯ (ރަޝިއާ)، ޕޯޓޯ (ޕޯޗުގަލް)، ޝާލްކާ (ޖަރުމަން)، ގަލަތަސަރާއީ (ތުރުކީ).

ގްރޫޕް އީ: ބަޔާން މިއުނިކް (ޖަރުމަން)، ބެންފީކާ (ޕޯޗުގަލް)، އަޔަކްސް (ނެދަލެންޑްސް)، އޭއީކޭ އެތެންސް (ގްރީސް).

ގްރޫޕް އެފް: މެންޗެސްޓާ ސިޓީ (އިންގްލެންޑް)، ޝަކްތާ ޑޮނެސްޓްކް (ޔޫކްރޭން)، އޮލިމްޕިކް ލިޔޯން (ފްރާންސް)، ހޮފެންހައިމް (ޖަރުމަން).

ގްރޫޕް ޖީ: ރެއާލް މެޑްރިޑް (ސްޕެއިން)، އޭއެސް ރޯމާ (އިޓަލީ)، ސީއެސްކޭއޭ މޮސްކޯ (ރަޝިއާ)، ވިކްޓޯރިއާ ޕްލެޒެން (ޗެކް ރިޕަބްލިކް).

ގްރޫޕް އެޗް: ޔުވެންޓަސް (އިޓަލީ)، މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، ވެލެންސިއާ (ސްޕެއިން)، ޔަންގް ބޯއިސް (ސްވިޒަލެންޑް).