Roadha Mihaaru
"ހައްގު ބަސް ބުނުމުގެ ނަމުގައި ބަޣާވާތެއް ނުކުރެވޭނެ"

ހައްގު ބަސް ބުނުމުގެ ނަމުގައި ވެރިމީހާއާ ދެކޮޅަށް ބަޣާވާތް ކުރުމުގެ ހައްގެއް އިލްމުވެރިންނަކަށް ނޯންނާނެ: ޑރ. ޝަހީމް

03 ސެޕްޓެމްބަރ 2018

ހައްގު ބަސް ބުނުމުގެ ނަމުގައި ބަޣާވާތް ކުރުމުގެ ފުރުސަތު ދީނީ އިލްމުވެރިންނަށް އޮންނާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައްގު ބަސް ބުނުމުގެ ނަމުގައި ބަޣާވާތް ކުރުމުގެ ފުރުސަތު ދީނީ އިލްމުވެރިންނަށް އޮންނާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން، އެ ރަށުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، ޝަހީމް ވިދާޅުވީ ކުރިން ދީނީ އިލްމުވެރިންނަށް ދީނީ ފަތުވާ ދިނުމުގައި އެތައް ހުރަސްތަކެއް ކުރިމަތިވަމުން އައި ކަމަށާއި އޭރު އެންމެ ބޮޑެތި އަނިޔާ ލިބުނު ބަޔަކީ އިލްމުވެރިން ކަމަށެވެ. އެކަމަކު، ރައީސް ޔާމީންގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ތައުރީފް ކުރައްވަމުން ޝަހީމް ވިދާޅުވީ، ވަކި ގޮތަކަށް ފަތުވާ ދިނުމަށް މި ސަރުކާރުން އެއްވެސް ދީނީ އިލްމުވެރިއަކަށް މަޖުބޫރު ކޮށްފައި ނެތް ކަމަށެވެ. އަދި ވަކި ގޮތަކަށް ފަތުވާ ދިނުމުގެ ސަބަބުން، މި ސަރުކާރުން އެއްވެސް އިލްމުވެރިއަކު ޖަލަށް ލައި، އަނިޔާ ކޮށްފައި ވެސް ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ކެމްޕެއިނަށް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް

ޑރ. ޝަހީމް ކެމްޕެއިނަށް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް

އެކަމަކު ހައްގު ބަސް ބުނުމުގެ ނަމުގައި އުސޫލުތައް މުގުރާލައި، ހިތަށް އެރިހާ އެއްޗެއް ކިޔުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެއްވެސް އިލްމުވެރިއަކު ގަބޫލު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ޝަހީމް ވިދާޅުވީ ހައްގު ބަސް ބުނުމަކީ ބަޣާވާތްކޮށް، ފިތުނަ އުފެއްދުން ކަމަށް އިލްމުވެރިން ދެކިގެން ނުވާނެ ކަމަށެވެ. ދީނީ އިލްމުވެރިންގެ ޒިންމާ އަކީ ހެޔޮ ކަންތައްތަކަށް އަމުރު ކުރުމާއި ނުބައި ކަންތައްތައް މަނާ ކުރުމަށް ގޮވައިލުން ކަމަށާއި އެ ފުރުސަތު މިހާރު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލްމުވެރިންނަށް އޮތް ހައްގެއް ނޫނޭ ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކަށް ކޮންމެ ފަސް އަހަރަކުން ހުކުމެއް ޖެހުމަކީ. އެއީ އިލްމުވެރިން ކުރަންޖެހޭ ކަމެއް ނޫނޭ." ދީނީ އިލްމުވެރިޔާ ޝަހީމް ވިދާޅުވި އެވެ.

"ހައްގު ބަސް ބުނުމަކީ ބަޣާވާތް ކުރުމެއް ނޫން. ހައްގު ބަސް ބުނުމަކީ ވެރިމީހާއާ ދެކޮޅަށް ނުކުމެ ފިތުނަ އުފެއްދުމެއް ވެސް ނޫން. ހައްގު ބަސް ބުނުމަކީ ހެޔޮ މަގަށް ގޮވާލުން. ހެޔޮ ކަންކަން ބަޔާންކޮށް ދިނުން. އެ ފުރުސަތު ރާއްޖޭގައި އެބައޮތް."

އިދިކޮޅު ކޯލިޝަނުން ސ. ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ޝައިހް އިލްޔާސް ވާހަކަ ދައްކަވަނީ.

އިދިކޮޅު ކޯލިޝަނުން ސ. ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ޝައިހް އިލްޔާސް ވާހަކަ ދައްކަވަނީ.

ބެލެވޭ ގޮތުގައި ޝަހީމްގެ އެ ވާހަކަ އަމާޒު ކުރެއްވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިނަށެވެ. އިލްޔާސް އަކީ ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުކުރުމަށްޓަކައި، އޭނާ ބޭނުންވާ ގޮތަށް ފަތުވާ ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ބުނެ، ރައީސް ޔާމީނާއި ޕީޕީއެމަށް ތާއީދުކުރާ މީހުން ދަނީ ފާޑުކިޔަމުންނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބަށް ތިން ހަފުތާ އަށް ވެފައިވާއިރު، އިލްޔާސްގެ ދީނީ ފަތުވާތަކާއި ޖަލްސާތައް ވަނީ އަނެއްކާ ވެސް ގިނަ ކުރައްވާފައި ކަން ފާހަގަކުރެވެ އެވެ.

އިލްޔާސް ނުބަލައި، ޚުތުބާ ދިން މައްސަލާގައި ސަރުކާރުން އޭނާގެ ހުއްދަ ބާތިލް ކޮށްފައިވާ މައްސަލަ އިލްޔާސް ކުރިން ފާހަގަ ކުރައްވާފައިވާތީ، ނުސީދާކޮށް އެކަމަށް ރައްދު ދެއްވަމުން ޝަހީމް މިރޭ ވިދާޅުވީ، ކަމާބެހޭ އުސޫލުތަކާ ޚިލާފްވެއްޖެ ނަމަ ހުއްދަ ހިފަހައްޓާނެ ކަމަށެވެ. އަދި ނުބަލައި، ޚުތުބާ ދިނުން މަނާ ކުރީ ވެސް ކުރީގެ ސަރުކާރުތަކުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ހުއްދަ ބާތިލްކުރީ ކަމެއް ކުރަންޖެހޭ ގޮތާ ޚިލާފަށް ކަން ކުރީމަ. ނުބަލައި ޚުތުބާ ދިނުން އެއީ މިހާރު ރާއްޖޭގައި އޮންނަ ކަމެއް ނޫން. އެކަމަކު އެކަމަށް ގޮންޖަހާފައި ޚުތުބާ ދިނީމާ ޖެހޭނެ ދެއްތޯ ބަލަން. އެކަމަކު އެ ބޭފުޅުން މިހާރު އެ ތިބި ޖަމާއަތުގެ ތެރެއިންނޭ 2010 ވަނަ އަހަރު ނުބަލައި ޚުތުބާ ދިނުމުގެ ހުއްދަ ބާތިލްކުރީ. މި ސަރުކާރުން ނޫނޭ." ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ކެމްޕެއިނަށް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންވަން އެއްވި މީހުންނަށް އަތް އުފުއްލައި ސަލާމް ކުރައްވަނީ.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް

ޑރ. ޝަހީމް ކެމްޕެއިނަށް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންވަން އެއްވި މީހުންނަށް އަތް އުފުއްލައި ސަލާމް ކުރައްވަނީ.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް

އައްޑޫ ހިތަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވެސް އިލްޔާސް ސަރުކާރަށް ފާޑު ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައިި، ޝަހީމް ވިދާޅުވީ އޭރު އިލްޔާސް އަކީ އެންމެ ބޮޑު ޓެރަރިސްޓްގެ ގޮތުގައި، ސިފަކުރީ މިިހާރު އިދިކޮޅުގައި ތިބި ބައެއް ފަރާތްތަކުން ކަމަށެވެ. ޝަހީމް އެކަން އެ ނިސްބަތް ކުރައްވަނީ އިދިކޮޅު އެމްޑީޕީ އަށެވެ.

"މި ދެންނެވި ބައި މީހުންގެ ގާތުގައި އެ ބޭފުޅާ އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ޓެރަރިސްޓް. އެ ބޭފުޅާ އަށް ދުނިޔޭގެ ގައުމުތަކަށް ދަތުރު ކުރަން ދަތިވެގެން ދިޔަ،" މާޒީގައި ކަން ހިނގާފައިވާ ގޮތަށް އިޝާރާތް ކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ރާއްޖެ އޮތީ އިޖްތިމާއީ ގޮތުން ވެސް ބޮޑު އަނދަވަޅެއްގެ ތެރޭގަ އެވެ. އެ ހުރިހާ ކަމަކުން ރާއްޖެ އަރައިގަތީ ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އަބުރާއި ބެހުމާއި ހަމައެއް ލަމައެއް ނެތި، މަގުތަކުގައި މުޒާހަރާ ކުރުން ނިމުމަކަށް ގެންނެވީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ. މިހާރު އޮތް ހާލަތުން ރާއްޖޭގައި ވެރިކަން ކުރެވޭނީ ވަރަށް "ގަޓު" ހުރި ލީޑަރަކަށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ވަރަށް ވަރުގަދަ ސިންގާ އަކަށޭ ދެން ރާއްޖޭގައި ވެރިކަން ކުރެވޭނީ." ޝަހީމް ވިދާޅުވި އެވެ.