Roadha Mihaaru
ޝަހީމް އިލްޔާސަށް: ފަތުވާއަކުން މިވެރިކަމެއް ނުވެއްޓޭނެ

ޝަހީމް އިލްޔާސަށް: ފަތުވާއަކުން މި ވެރިކަން ވައްޓައެއް ނުލެވޭނެ!

02 ސެޕްޓެމްބަރ 2018

ދިވެހިންނަކީ ހޭލުންތެރި ބައެއް ކަމަށާާއި ޝެއިހުން ފަތުވާދީގެން ވެރިކަން ވައްޓާނުލެވޭނެ ކަމަށް ވިދާޅުވެ ޝައިޚް އިލްޔާސް ހުސައިނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްދު ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދިވެހިންނަކީ ހޭލުންތެރި ބައެއް ކަމަށާާއި ޝެއިހުން ފަތުވާދީގެން ވެރިކަން ވައްޓާނުލެވޭނެ ކަމަށް ވިދާޅުވެ ޝައިޚް އިލްޔާސް ހުސައިނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްދު ދެއްވައިފި އެވެ.

އައްޑޫގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ވިދާޅުވެފައި ވަނީ އަދުލު އިންސާފު ގާއިމްނުކޮށް އިސްލާމް ދީނުގެ ވާހަކަ ދެއްކުމުގެ ހައްގެއް ނެތް ކަމަށެވެ. ނަމަވެސް އިލްޔާސްގެ ވާހަކައިގައި ރައީސް އަބްދުﷲ ޔާމީން ނުވަތަ އެ މަނިކުފާނުގެ ސަރުކާރުގެ ނަމެއް ނުގެންނަވަ އެވެ.

މިމަހު 23 ގައި ބާއްވާ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ޝަހީމް މިއަދު ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފަސް އަހަރުން އެއް އަހަރު ޝެއިހަކު ނުކުމެ ވެރިމީހާގެ މައްޗަށް އިއްވާ ހުކުމަކުން ވެރިކަން ވައްޓައިނުލެވޭނެ ކަމަށެވެ.

ޝަހީމް ވަނީ ކުރިން ސިޔާސީ ދާއިރާގައި އެކުގައި އުޅުއްވި އިލްޔާސަށް އިޝާރާތް ކުރައްވައި ރައްދު ދެއްވާފަ އެވެ.

"މިހާރަކު ނޫޅޭނެ މާ ބަރަކާތްތެރި ބައެއް. އެ މީހުން ހީކޮށްގެން ނުވާނެ ތިމަންނަމެންގެ ދުލުން ތިމަންނަމެން ބުނާހާ އެއްޗަކުން ވެރިކަމެއް ވެއްޓިގެން ހިނގައިދާނެ ކަމަކަށް. އެއްވެސް ޝެއިހަކަށް ބިރު ގަންނާކަށް ނުޖެހޭނެ މިހާރަކު. ﷲ ސުބްހާނަހޫ ވަތައާލާ އަށް ބިރުވެތިވާން ޖެހޭނީ،" އަދާލަތު ޕާޓީގައި އިލްޔާސްއާއެކު މަސައްކަތް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

މުސްލިމުން ވާންޖެހޭނީ ގައުމަށް ވަފާތެރި، ދީނަށް އަމާނާތްތެރި ބަޔަކަށް ކަމަށާއި މުސްލިމު އިލްމުވެރިންނަކީ ފިތުނަ ފަސާދަ އަށް މަގު ތަނަވަސް ކޮށްދޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯލިޝަންގެ ތެރޭގައި އުޅުއްވާ ދީނީ އިލްމުވެރިން ކުރަމުން ގެންދާ ކަމަކީ ނަސޯރާ ދީން ފަތުރަން މަސައްކަތް ކުރާ ބަޔަކަށް ކެމްޕެއިން ކޮށްދިނުން ކަމަށެވެ. އަދި އެއީ ދީނަށް ދެވޭ އެންމެ ބޮޑު އަނިޔާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެ އިލްމުވެރިންނަށް ދަންނަވާނީ ﷲ އަށް ބިރުވެތިވުމަށް. މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރެއްވުމަށް. އެ މީހުން ހައްގުގެ މަގަށް އެނބުރި ރުޖޫއަވުމަށް،"

އަދާލަތު ޕާޓީ ވެސް އެކުލެވޭ ކޯލިޝަނުން ވެރިކަމަށް އައި ސަރުކާރުން އިސްތިއުފާ ދެއްވީ ވަކި ބައެއްގެ ޕްރެޝަރުން ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއްނުވެ އެވެ.

"ކޯލިޝަން ސަރުކާރުތަކުން ވަޒީފާ ލިބި އެ ބޭފުޅުންގެ ޕްރެޝަރުން ކޯލިޝަންގެ ސަރުކާރުތަކުން ނުކުމެ ތިބި ބައެއް އަޅުގަނޑުމެންނަކީ. މިހާރު ކޯލިޝަން ނުރޫޅޭނޭ ބުނާ މީހުންނަކީ އެއީ އެންމެ ފުރަތަމަ ކޯލިޝަން ރޫޅާލާނެ މީހުން،" އަދާލަތު ޕާޓީގައި ކުރިން އުޅުއްވި ޝަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ކަންފަތްޕުޅުގައި ކޮންމެ މީހަކަށް ނުހިފޭނެ. އެއީ އަޅުގަނޑު އެ މަނިކުފާނަށް ތާއީދު ކުރާ ސަބަބަކީ. ވަރަށް ގޮތެއްގައި ހުންނަވާ ވެރިއެއް ރައީސް ޔާމީނަކީ އެއީ. އެހެންވީމަ ދެތިން މީހަކު އެއްވެގެން މުޒާހަރާ ކޮށްގެން ވެރިކަމެއް ބަދަލެއް ނުވާނެ ދެނެއް އިރާދަ ކުރެއްވިއްޔާ."

ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ މުޅިން އޮންނާނީ ހަމަނުޖެހުމާއި ދެބަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯލިޝަން ބަލިކޮށް ތަނަވަސް އަޣުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.