Roadha Mihaaru
ރޮނާލްޑޯ ގެންނަން ހުރަހެއް ނާޅަން: މޮރީނިއޯ

ރޮނާލްޑޯ ގެންނަން ހުރަހެއް ނާޅަން: މޮރީނިއޯ

03 ސެޕްޓެމްބަރ 2018

މެންޗެސްޓާ (ސެޕްޓެމްބަރު 3) – ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުތައް ކޯޗު ހޯސޭ މޮރީނިއޯ ދޮގުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ސެޕްޓެމްބަރު 3) – ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުތައް ކޯޗު ހޯސޭ މޮރީނިއޯ ދޮގުކޮށްފި އެވެ.

ޔުނައިޓެޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯ ދުނިޔޭގެ ރެކޯޑް އަގެއްގައި 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވިއިރު، އޭނާ އަނބުރާ ޔުނައިޓެޑަށް ދާނެ ކަމަށް އޭރު ވާހަކަތައް ދެކެވުނެވެ. އެކަމަކު ރަސްމީ ސިފައެއްގައި ރޮނާލްޑޯ ވިއްކާލަން ޔުނައިޓެޑާ އެކު ރެއާލުން އެއްވެސް ފަހަރެއްގައި މަޝްވަރާއެއް ނުކުރެ އެވެ. މެޑްރިޑް ދޫކޮށްލުމަށް ފަހު ރޮނާލްޑޯ މި ސީޒަނުގައި ގުޅުނީ ޔުވެންޓަސްއާ އެވެ.

ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 2-0 އިން މޮޅުވި މެޗަށް ފަހު އެ ސުވާލުތައް ކުރުމުން މޮރީނިއޯ ބުނީ ރޮނާލްޑޯ ގެނައުމުގައި ބަސް ބުނުމުގެ ފުރުސަތެއް އޭނާ އަށް ނެތް ކަމަށެވެ.

"އަހަރެންގެ ކުރިމަތީގައި ނެތް އެކަމަށް އާނ އެކޭ ނުވަތަ ނޫނެކޭ ބުނުމުގެ ފުރުސަތެއް. ރޮނާލްޑޯ މި ކްލަބަށް އައުން، އެއީ އަހަރެންގެ މޭޒުމަތީގައި އޮތް ކަމެއް ނޫން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ވަނީ ރެއާލް މެޑްރިޑުގައި ރޮނާލްޑޯ އަށް ކޯޗުކޮށްދީފަ އެވެ. އޭގެ ކުރިން މޮރީނިއޯ މީޑިއާގައި ރޮނާލްޑޯ އަށް ފާޑުކިއައިގެން ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އެކަމަކު މެޑްރިޑުގައި ގުޅުން ރަނގަޅުވި އެވެ.

ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑަށް ބަދަލުވާން ކަމަށް، އޭނާ މި ފަހަރު ޔުވެންޓަސްއާ ގުޅުމުގެ ކުރިން ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ ވަނީ ބުނެފަ އެވެ. ރޮނާލްޑޯގެ މަންމަ ވެސް ބުނީ ރޮނާލްޑޯ ރެއާލް ދޫކޮށްލައިފިނަމަ ދެން ފެންނަން ބޭނުންވަނީ ޔުނައިޓެޑުން ކަމަށެވެ.