04 ސެޕްޓެމްބަރ 2018
މިއަދު ފަށާ ސާފް ސުޒުކީ ކަޕްގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނައިރު މިއީ މެދުކެނޑުމަކަށް ފަހު ޕާކިސްތާންގެ ސީނިއާ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. މި ފަަހަރުގެ އޭޝިއަން ގޭމްސްގައި ޕާކިސްތާންގެ ޒުވާން ޓީމު ވާދަކުރިއިރު، މިއީ ގާތްގަނޑަކަށް ހަތަރު އަހަރަށް ފަހު އެ ޓީމުން ފުޓްބޯޅައިގައި ބައިވެރިވި ފުރަތަމަ މުބާރާތެވެ. ޕާކިސްތާނުގެ ބްރެޒިލް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނީ އޭނާ މަސައްކަތްކުރަނީ ޕާކިސްތާން ފުޓްބޯޅަ އަށް އަލުން އިތުބާރު ހޯދައިދިނުމަށް ކަމަށެވެ.
މިއަދު ފަށާ ސާފް ސުޒުކީ ކަޕްގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނައިރު މިއީ މެދުކެނޑުމަކަށް ފަހު ޕާކިސްތާންގެ ސީނިއާ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. މި ފަަހަރުގެ އޭޝިއަން ގޭމްސްގައި ޕާކިސްތާންގެ ޒުވާން ޓީމު ވާދަކުރިއިރު، މިއީ ގާތްގަނޑަކަށް ހަތަރު އަހަރަށް ފަހު އެ ޓީމުން ފުޓްބޯޅައިގައި ބައިވެރިވި ފުރަތަމަ މުބާރާތެވެ. ޕާކިސްތާނުގެ ބްރެޒިލް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނީ އޭނާ މަސައްކަތްކުރަނީ ޕާކިސްތާން ފުޓްބޯޅަ އަށް އަލުން އިތުބާރު ހޯދައިދިނުމަށް ކަމަށެވެ.
ޕާކިސްތާނުގެ ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން މިދިޔަ އަހަރުތަކުގައި އެ ގައުމުގެ ފުޓްބޯޅަ އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެ ހާލަތުގައި އޮތް ޓީމަކާ ނޮގޭރާ ހަވާލުވީ އިތުބާރު އޮވެ ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
"ތެދެއް އަހަންނަށް އެނގޭ މިދިޔަ ތިން އަހަރު ޕާކިސްތާން މެޗެއް ނުކުޅޭ. އަހަންނަށް އެނގޭ ތިން އަހަރަކީ ވަރަށް ގިނަ ދުވަސް. މި ފަހަރުގެ އޭޝިއަން ގޭމްސް އަކީ އަހަރެމެން ހަމަ މަގަށް އެޅުމަށް ނެގި ފުރަތަމަ ފިޔަވަޅު. އެއީ ރަނގަޅު ތަޖުރިބާއެއް. ސާފް އަށް ދެން ކުރިމަތިމިލަނީ. ރަނގަޅުވާނެ،" ބްރެޒިލް ޓީމުތަކުގައި ކުރިން މަސައްކަތްކުރި ނޮގޭރާ ބުންޏެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ޕާކިސްތާނުން ވަނީ 2-1 އިން ނޭޕާލް ބަލިކޮށްފަ އެވެ. ސާފްގައި އެ ޓީމު މިއަދު ކުޅޭ ފުރަތަމަ މެޗުގައި ވެސް ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
"މިއީ މުޅިން ތަފާތު މުބާރާތެއް. އެއީ މުޅިން ތަފާތު މެޗެއް. އަހަރެން ގަބޫލެއް ނުކުރަން އެ މެޗުގައި ވެދިޔަ ކަންތައްތައް މި މެޗުގައި ތަކުރާރުވާނެ ކަމަށް،" ނޮގޭރާ ބުންޏެެވެ.
މިދިޔަ ޖުލައި މަހު ނޮގޭރާ ޕާކިސްތާންގެ ޕްރެކްޓިސް ފެށީ 56 ކުޅުންތެރިން ޝޯޓް ލިސްޓު ކުރުމަށް ފަހު އެވެ. އޭނާ އޭގެ ތެރެއިން އެންމެ ގިނަ ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށެވެ. އެއީ ހާލަތު ބަދަލުކުރަން އެންމެ ފުރަތަމަ ކަމަކަށް ރަނގަޅު ޒުވާން ކުޅުންތެރިން އުފެއްދުމަށް ކަމަށް ބުނެ އެވެ. އޭޝިއަން ގޭމްސްގެ ކުރިން ޕާކިސްތާން ވަނީ ބަހްރޭނުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.
"މެޗެއް ނުކުޅެ ތިން އަހަރު ތިބުމަކީ ފުޓްބޯޅައިގައި ވަރަށް ގިނަ ދުވަސް. ގޮންޖެހުން ބޮޑުކަމެއް އަލުން ޓީމު ބިނާކުރުމަކީ ވެސް. އެކަމަކު އަހަރެން ގިނަ ޒުވާން ކުޅުންތެރިންނާ އެކު 56 ކުޅުންތެރިން ފުރަތަމަ ވެސް ޝޯޓްލިސްޓުކުރިން. އޭގެ ތެރެއިން ކުޅުންތެރިން ހޮވަމުން މިދަނީ. އަހަރެންގެ ނަޒަރުގައި މި ޓީމުން އަލުން އެއްކޮށް ހަމަޔަކަށް އެޅެން އަހަރެއް ވަރު ނަގާނެ،" ނޮގޭރާ ބުންޏެވެ.
އޭޝިއަން ގޭމްސް އަށް ފަހު ސާފްގެ ކުރިން ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު އެ މެޗު ނުކުޅެވުނީ ޕާކިސްތާން ޓީމު ގަތަރަށް އެތެރެވުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.
"އަހަރެމެންނަށް މެޗު ކުޅެން ދެވޭނެ ކަމުގެ ޔަގީންކަމެއް ލިބުނީ ވަރަށް ވަގުތު ކުޑަތަންވެފައި އޮއްވައި އެ ފަދަ ހާލަތެއްގައި ތައްޔާރުނުވެ ތިބެ ބައިނަލްއަގްވާމީ މެޗެއް ކުޅެން ދާން އަހަރެން ބޭނުމެއް ނުވީ،" ނޮގޭރާ ބުންޏެވެ.
ޕާކިސްތާން ޓީމުގައި ޑެންމާކުގެ ދަށް ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އަދި މީގެ ކުރިން އިންގްލެންޑްގެ ފުލަމް އަށް ކުޅުނު ޒޭޝް ރެހްމާން ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ ފޯކައިދޫ ޓީމަށް ކުޅޭ ގޯލްކީޕަރު ހަނީފް ސާގިބް ވެސް ހިމެނެ އެވެ. ނޮގޭރާގެ ނަޒަރުގައި އެ ޓީމުގައި އޮތީ މުސްތަގުބަލާއި މި ވަގުތަށް ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ފަދަ ހުނަރުވެރި ޓީމެކެވެ.
ސާފްގެ ފުރަތަމަ މެޗުގައި ޕާކިސްތާން މިއަދު ނޭޕާލާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 3 ޖަހާއިރު އެވެ.
ރާއްޖޭގެ ތަފާތަކީ ކެރުމާއި ހުނަރު: ޕާކިސްތާން ކޯޗު
"އިންޑިއާއާ ކުޅެން ޖެހުނަސް ޕްރެޝަރު ބޮޑެއް ނޫން"
ރާއްޖެ އާއި އިންޑިއާ ވަރަށް ވަރުގަދަ: ޕާކިސްތާން ކޯޗު
13 އަހަރަށް ފަހު ޕާކިސްތާން ސާފްގެ ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
އަތްއުރާލައިގެން ތިބެވެން ނެތް: ބަންގްލަދޭޝް ކޯޗު
ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ސެމީއާ ގާތަށް
ޕާކިސްތާން ފުޓްބޯޅައިގައި ޔޫރަޕްގެ ނުފޫޒު: ހެޔޮ ފާލެއް
ކުރި އިންތިޒާރަށް ލިބުނީ އުފާވެރި އާ ފެށުމެއް: ކޯޗު
ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށްފި